ވިޔަފާރި

އަންނަ އަހަރުގެ ކުރީކޮޅު އެސްއީޒެޑްގެ 2 މަޝްރޫޢުއެއް ފަށަނީ


އަންނަ އަހަރުގެ ކުރީކޮޅު ރާއްޖޭގެ ދެ ސަރަޙައްދެއްގައި ސްޕެޝަލް އިކޮނޮމިކް ޒޯން އެސްއީޒެޑްގެ ދެ މަޝްރޫއެއް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ."އިކޮނޮމިކް ޑައިލޮގް ވިތް ދަ ޕްރެޒިޑެންޓް"ގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެސްއީޒެޑަށް ސަރުކާރުން ގެންނާނީ 500 މިލިއަނާއި އެއްބިލިއަން ރުފިޔާ ނޫނީ އެޔަށްވުރެ ވެސް ބޮޑެތި އިންވެސްޓްމަންޓުތައް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދު ވަރަށް ބޮޑަށް ފުޅާކޮށްދީ އުފެއްދުންތެރި މަސައްކަތްތައް އިތުރުވެގެން ދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.ރައީސް ވިދާޅުވީ އެސްއީޒެޑުގެ ދަށުން އަންނަ މަޝްރޫޢުތައް ފެށުމަށް ބޭރުގެ ކުންފުނިތަކަށް ދޫކުރާ ލައިސެންސް ފީ އިން އެކަނި ވެސް 100 މިލިއަން ރުފިޔާ ބޯނަސް ގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް ލިބޭނެކަމަށެވެ. ސްޕެޝަލް އިކޮނިމިކް ޒޯން އެސްއީޒެޑްގެ ގާނޫނުގެ ދަށުން ބޮޑެތި، ބިޔަ އިންވެސްޓްމަންޓްތަކަށް ހާއްސަ އިނާޔަތްތަކެއް ނުދީ އިންވެސްޓްމަންޓްތައް ނުގެނެވޭނެ ކަމަށާއި އެހެންވުމުން އިންވެސްޓަރުންނަށް އިނާޔަތްތައް ދިނުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.ބިލިއަން ޑޮލަރުގެ މަޝްރޫއުތައް ރާއްޖެއަށް ގެންނަން ވާހަކަ ދައްކާ އިރު، ރާއްޖޭގައި ބިން ނެތިގެންނާއި ބިން ހުސްވާ ކަމަށް ބުނެ ވާހަކަ ދެއްކުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.ރާއްޖޭގެ އިގްތިސާދު މިހާރު ކުރިއެރުންތަކެއް ހޯދަމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފާއިތުވީ ދެއަހަރުގެ ތެރޭގައި 34 ހާހަހަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ. އަދި މި 5 އަހަރު ނިމުމުގެ ކުރިން 12500 އެނދު ފަތުވެރިކަމުގެ ސިނާއަތަށް އިތުރުކުރެވި މި ސިނާއަތުގައި އެކަނިވެސް 25،000 ވަޒީފެ ފުރުސަތު ހުޅުވާލެވޭނެކަމަށް ވިދާޅުވިއެވެ.