ޚަބަރު

ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން އިންޑިއާގެ އިޤްޠިޞާދު ދަށަށް ދާނެ ކަމަށް ލަފާކޮށްފި


އިންޑިއާގައި ހަލުއިކަމާއެކު ފެތުރެމުންދިޔަ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އެޤައުމުގެ އިޤްޠިޞާދު ދަށަށްދާނެ ކަމަށް ކްރެޑިޓް ރޭޓިންގ އެޖެންސީއެއް ކަމަށްވާ އިންޑިއާ ރޭޓިންގްސް އެންޑް ރިސާރޗް (އިންދްރާ) އިން ލަފާކޮށްފިއެވެ.

2021އިން 2022އަށް އެޤައުމުގެ ޖިޑީޕީ އިތުރުވާނީ 9.6 އިންސައްތައަށް ކަމަށް ލަފާކޮށްފައިވާއިރު މީގެ ކުރިން ލަފާކޮށްފައިވަނީ ޖީޑީޕީ 10.1 އިންސައްތައަށް އިތުރުވާނެކަމަށެވެ.

ކޯވިޑްގެ ބަލިމަޑުކަމާ ފުރަތަމަ އިންޑިއާއި ކުރިމަތިލާންޖެހުނު 2020އިން 2021 އަށް އެޤައުމުގެ އިޤްތިޞާދު ވަނީ 7.3 އިންސައްތައަށް ވެއްޓިފައެވެ. އަދި މިއީ ވޭތުވެދިޔަ 4 ގަރުނުގެ ތެރޭގައިވެސް އިންޑިއާގެ އިޤްތިޞާދު އެންމެ ދަށްވި އަހަރެވެ.
މީގެއިތުރުން އެ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޑިއާގެ ޖީޑީޕީވަނީ 23.9 އިންސައްތައަށް ދަށްވެ ޖެހިގެން އައި ކުއާޓަރުގައި 7.5 އިންސައްތައަށް ދަށްވެފައެވެ. ނަމަވެސް ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރުގައި ފުރަބަންދަށް ލުއި ދިނުމުގެ ސަބަބުން އިޤްތިޞާދު ވަނީ ކޮންމެވެސް ވަރަކަށް ރަނގަޅުވެފައެވެ.

މިހާރު ލަފާކޮށްފައިވާ ވަރަށް އިޤްތިޞާދު ރަނގަޅުވެގެންދާނީ ބާރު ދުވެލީގައި ވެކްސިން ދެވޭނަމަ ކަމަށާއި ވެކްސިން ރަނގަޅަށް ނުދެވި ތިންމަސް ހޭދަވި ނަމަވެސް ޖިޑީޕީ އަނެއްކާވެސް 9.6 އިންސައްތައިން 9.1 އިންސައްތައަށް ދަށްވެގެންދާނެކަމަށްވެސް މާހިރުން ދަނީ ބުނަމުންނެވެ.

މީގެކުރިން ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން އިޤްތިޞާދީ ޙަރަކާތްތައް މިންކުރާ މިންގަނޑެއްކަމަށްވާ ރިއަލް ޖީޑީޕީ 8.7 އިންސައްތައަށް އިތުރުވާނެއެވެ. ނަމަވެސް މިއީ މީގެކުރިން ލަފާކޮށްފައިވާ 11.1 އިންސައްތައަށްވުރެ ދަށް ޢަދަދެކެވެ.