ކުޅިވަރު

ރެކޯޑަކާއެކު އިޓަލީން ޔޫރޯގެ ކުއަޓަރ ފައިނަލަށް


އޮސްޓްރިއާ ބަލިކޮށް އިޓަލީން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއަޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވެ، ނަތީޖާ ނެރުމަށް ކުޅުނު ދެހާފްގައި ޖެހި ލަނޑުުން، މިމެޗް އިޓަލީ ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 1 ލަނޑުންނެވެ.

އިޓަލީން އެންމެ ފަހުން އެޓީމް ކުޅުނު ޔޫރޯ 6 މެޗްގެ ތެރެއިން 5 މުބާރާތުގައިވެސް އިޓަލީވަނީ މުބާރާތުގެ ކުއަޓަރ ފައިނަލާއި ހިސާބަަށް ދަތުރުކޮށްފައެވެ. އިންގްލެންޑްގެ ވެމްބްލީގައި ކުޅުނު މިމެޗްގެ ބޮޑު ބައި ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ އިޓަލީންނެވެ. ނަމަވެސް އޮސްޓްރިއާއިންވެސް ނުރައްކާތެރި ގިނަ ހަމަލާތަކެއް އިޓަލީގެ ގޯލަށް އަމާޒްކޮށްފައިވަނީ ފޮނުވާލާފައެވެ. އެގޮތުން މެޗްގެ 16ވަނަ މިނެޓްގައި އިޓަލީގެ ނިކޯލޯ ބަރޭލާއަށް ލިބުނު ފުރުސަތުގެ ހުރަހަކަށްވީ އޮސްޓްރިއާގެ ގޯލް ކީޕަރު ޑެނިއަލް ބަކްމަންއެވެ. އަދި ލޮރެންޒޯ އިންސީނިއޭއަށްވެސް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް އެޓީމަކަށް ނުވިއެވެ. އިޓަލީއަށް މެޗްގެ ފުރަތަމަ ހާފްގައި ލީޑް ނަގައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ޗީރޯ އިމޯބިލޭއަށެވެ. އިމޯބިލޭ ފޮނުވާލި ހަމަލާގެ ހުރަހަކަށްވެފައިވަނީ ގޯލްގެ ދަނޑިއެވެ.

މެޗްގެ ދެވަނަ ހާފްގައި އޮސްޓްރިއާއިން މެޗްގެ ފުރަތަމަ ހާފާއި ޚިލާފަށް މޮޅަށް ކުޅުނު ތަން ފެނިގެންދިޔައެވެ. އަދި އޮސްޓްރިއާގެ އާނައޮޓޮވިޗް އާއި ކެޕްޓަން ޑޭވިޑް އަލަބާއަށް ލިބުނު ފުރުސަތުގެ ބޭނުން އެދެ ކުޅުންތެރިންނަކަށް ހިފޭ ގޮތެއް ނުވިއެވެ. އަދި މެޗްގެ 62ވަނަ މިނެޓްގައި އާނައޮޓޮވިޗް ގޯލާއި ދިމާލަށް ފޮނުވާލި ބާރު ހަމަލާވަނީ އިޓަލީގެ ގޯލް ކީޕަރު ދިފާޢުކޮށްފައެވެ. މެޗްގެ 66ވަނަ މިނެޓްގައި އާނައޮޓޮވިޗް އޮސްޓްރިއާއަށް ލީޑް ނަގާދިނެވެ. ނަމަވެސް އަލަބާ ބޯޅަ ދިންއިރު އާނައޮޓޮވިޗް އޮފްސައިޑްގައި ހުރުމުން ރެފްރީވަނީ އެއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އިޓަލީއަށް ކުޅެން ނިކުތް ލޮކަޓެލީ ފޮނުވާލި ހަމަލާދިޔައީ ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރުވެސް އެއްވެސް ޓީމަކަށް ލަނޑެއް ޖެހޭ ގޮތް ނުވި މިމެޗްގެ އިޓަލީގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ އިތުރު ވަގުތުގެ ފުރަތަމަ ހާފްގެ 5ވަނަ މިނެޓްގައެވެ. މިލަނޑު އިޓަލީއަށް ކާމިޔާބުކޮށްދިނީ ފެޑެރީކޯ ކިއޭސާއެވެ. މެޗްގައި އިޓަލީއަށް ލީޑް ފުޅާކޮށްދިން ލަނޑު ޖަހާދިނީ އިތުރުވަގުތުގެ ފުރަތަމަ ހާފް ނިމެންދަނިކޮށް ޕެސީނާއެވެ. އިޓަލީން ދެ ލަނޑުގެ ލީޑެއް ނެގުމާއެކު އޮސްޓްރިއާއިންވެސް ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް ގޯލެއް ޖެހުމަށް މަސައްކަތް ކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން އިތުރު ވަގުތުގެ ދެވަނަ ހާފްގައި އޮސްޓްރިއާއިން ލަނޑެއް ޖަހާ ލީޑް ހަނިކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާސާ ކަލައިޗިޗްއެވެ.

މިމެޗުން މޮޅުވުމާއި ގުޅިގެން މިއީ އިޓަލީން ޖެހިޖެހިގެން މޮޅުވި 12 ވަނަ މެޗެވެ. މިއީ އާ ރެކޯޑެކެވެ. މިއީ އޮސްޓްރިއާ އިން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނޮކްއައުޓް ބުރުގައި ކުޅުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.