ކުޅިވަރު

ޓީމު ސްޕޯޓްސްތައް ވެސް ކުރިއެރުވުމުގެ ވިސްނުން އެބަހުރި - ޗަމްޕީ


ޓީމް ކުޅިވަރު ކުޅޭ ކުޅުންތެރިންނަށްވެސް ތަމްރީން ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެއެވެ.

އާންމު ގޮތެއްގައި ޓީމް ސްޕޯޓްސް ކުޅިވަރު ކުޅޭ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދޭން އުދަގޫވެފައިވަނީ އެއްފަހަރާ ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ހޯދައިދޭން ޖެހުމުންނެވެ. އިންޑިވިޖުއަލް ކުޅިވަރުތަކުގެ އެތުލީޓުންނަށް ބައިނަލްއަގުވާމީ ތަމްރީންގެ ފުރުސަތު ނިމިގެންދިޔަ އެމްއޯސީގެ ދައުރުގައިވަނީ ގިނަ އެތްލީޓުންތަކަކަށް ހޯދައިދީފައެވެ. މިމަހުގެ 10ވަނަ ދުވަހު ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އިންތިޚާބް މުޙައްމަދު އަބްދުއްސައްތާރު ކާމިޔާބުކޮށްފައިވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުއާއި ވާދަކޮށްގެންނެވެ. ނިމިގެންދިޔަ ދައުރުގައި އެމްއޯސީއިން ވަނީ އިންޑިވިޖުއަލް އެތުލީޓުންނަށް ބޭރުގެ ތަމްރީން ފުރުސަތު ހޯދައިދީ ރާއްޖެއަށް ރީތިނަން ހޯދައިދީފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އެތްލީޓަކީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއެވެ. އަދި ރާއްޖެއަށް ގިނަ މެޑަލްތަކެއްވެސް އެ އެތްލީޓުން ވަނީ ހޯދައިދީފައެވެ. އޮލިމްޕިކް ކޮމެޓީގެ މިމަސައްކަތަށް ގިނަ ބައެއްގެ ތަރުރީފްވެސް ލިބިގެންދިޔައެވެ. އެމްއޯސީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވީ ހުރިހާ ކުޅިވަރަކަށް ވެސް ތަމްރީންގެ ފުރުސަތު ހޯދައިދޭން ވިސްނާނެކަމަށާއި އިންޑިވިޖުއަލް ކުޅިވަރުތަކަށް މިހާރު ލިބިފައިވާ ފުރުސަތު އިތުރުކޮށް އަދި ޓީމް ސްޕޯޓްސް ކުޅިވަރުތަކަށް ތަމްރީންގެ ފުރުސަތު ހޯދައި ދިނުމަށް އިތުރު މަސައްކަތްތަކެއް ކުރާނެކަމަށް ރައީސް ސައްތާރު ވިދާޅުވިއެވެ. ޓީމް ސްޕޯޓްސްތަކަށް ފުރުސަތު ހޯދައިދޭއިރު އެންމެ ބޮޑަށް ވިސްނާނީ ޓީމުގެ ސްޕޯޓްސްގެ ހުރިހާ ކުޅިވަރެއް ތަރައްގީކޮށް، ފުރުސަތު ހޯދައިދިނުމުގައި ހުރިހާ ކުޅިވަރަކަށް ވެސް ހަމަހަމަ ފުރުސަތު ހޯދައިދިނުންކަމަށް ވިސްނާނެކަމަށް އެމްއޯސީގެ ރައީސް މުޙައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވިއެވެ.

ޗަމްޕީ ވިދާޅުވީ ޓީމް ސްޕޯޓްސް ކުރިއަރުވާއިރު، އެކުޅިވަރުގެ ކޯޗުން ކުރިއެރުވުމަށް، ބޭރުން ކޯޗުންގެނެސް ރާއްޖޭގެ ކޯޗުންގެ ފެންވަރު މަތި ކުރުމަކީވެސް ވަރަށް މުހިންމުކަމެއްކަމަށާއި މިފަދަ ކަންތައްތައް ކުރާނީ އެސޯސިއޭޝަންތަކާއި މަޝްވަރާކޮށް، އެފަރާތުގެ ހިޔާލާއެކުކަމަށްވެސް ޗަންޕީ ވިދާޅުވިއެވެ. އަދި ޓީމް ސްޕޯޓްސްގެ އެސޯސިއޭޝަންތަކާއި ބައްދަލުކޮށް އެފަރާތްތަކަށް ހުރި ދަތިތަކާއި އުދަގޫތަށްވެސް ބަލައި އެމްއޯސީން ކޮށްދެވޭނީ ކޮންކަމެއްތޯ ބެލުމަކީވެސް ވަރަށް މުހިންމުކަމެއްކަމަށް އެމްއޯސީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވިއެވެ.

ޓީމް ސްޕޯޓްސް ކުޅިވަރުތަކުގެ ކުޅުންތެރިންނަށް އިންޑިވިޖުއަލް އެތްލީޓުންނަށް ހޯދައިދީފައިވާ ވަރަށް އެމްއޯސީއަށް ތަމްރީންގެ ފުރުސަތު ހޯދައިދެވިފައި ނުވިކަމުގައި ވީނަމަވެސް، އެމްއޯސީންވަނީ ކޯޗުންނާއި އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ގިނަ ބަޔަކަށް ތަމްރީންގެ ފުރުސަތު ހޯދައިދީފައެވެ.