ސިޔާސީ

މާލިއްޔަތު ޤާނޫނަށް ހުށައެޅި އިސްލާހު މަޖިލީހަށް ބަލައިގެންފި


ސަރުކާރުން ހިންގަވާ މަޝްރޫޢުތަކަށް ބޭރު ޤައުމުތަކުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުން ދޭ އެހީތަކާއި ލޯނު އެހީގެ ފައިސާ ވަކި އެކައުންޓުތަކެއްގައި ބަހައްޓަވާގޮތަށް މާލިއްޔަތު ޤާނޫނަށް ހުށައެޅުއްވި އިޞްލާޙުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަލައިގެންފިއެވެ.މި އިޞްލާޙު ބަލައިގަތީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 47 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. މި އިޞްލާހު ބަލައިގަތުމަށްފަހު ވަނީ ދިރާސާކުރެއްވުމަށް 7 މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުއްވަވާފައެވެ.ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުޘްމާން އިޞްލާޙު ހުށައަޅުއްވާފައިވަނީ މާލިއްޔަތު ޤާނޫނުގެ 11 ވަނަ މާއްދާއަށެވެ.އެމާއްދާގައި މިހާރު އޮންނަނީ، ދައުލަތުގެ އެންމެހާ ފައިސާ ބަހައްޓަންވާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި، މިނިސްޓަރު ހުޅުވައި ބަލަހައްޓަވާ، ޕަބްލިކް ބޭންކް އެކައުންޓެއްގައި ކަމަށެވެ. އަދި އެ އޮތޯރިޓީގެ މަރުކަޒެއް ނެތް ރަށެއްގައިނަމަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއްގައި ކަމަށެވެ. އަދި އެފަދަ އެކައުންޓެއް އޮތް ބޭންކެއްވެސް ނެތް ރަށެއްގައިނަމަ، ދައުލަތުގެ ފައިސާ ބަހައްޓަންވާނީ، ސަލާމަތްތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއްގެ ދަށުންކަމަށެވެ.ނަމަވެސް މާލިއްޔަތު ޤާނޫނަށް ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުޘްމާން ހުށައެޅުއްވި ޢިޞްލާޙުގައި ވަނީ، މާލިއްޔަތު ޤާނޫނުގެ 11 ވަނަ މާއްދާގައި ދައުލަތުގެ އެންމެހާ ފައިސާ ބަހައްޓަން ވާނީ އެ މާއްދާގައި ބަޔާންކޮށްފައިވާ ޕަބްލިކް ބޭންކް އެކައުންޓުގައި ކަމަށް ވީނަމަވެސް ބައެއް ހާލަތްތަކުގައި ޕަބްލިކް ބޭންކް އެކައުންޓުގެ އިތުރުން އިތުރު އެކައުންޓެއް ނުވަތަ އެކައުންޓުތަކެއް ހުޅުވައި ދައުލަތުގެ ފައިސާ ބެހެއްޓުމުގެ އިޚުތިޔާރު މިނިސްޓަރަށް ލިބިގެންވާކަމަށެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއް ވެސް ނެތް ރަށެއްގައި ހިނގާ ދައުލަތުގެ އޮފީހަކުން ދައުލަތުގެ ފައިސާ ބެހެއްޓުމަށްޓަކައި އެކައުންޓެއް ހުޅުވަންޖެހޭނެކަމަށްވެސް މި އިސްލާހުގައިވެއެވެ.މި އިޞްލާޙަށް ބަހުސްކުރެއްވި ބައެއް މެމްބަރުން މި އިޞްލާޙުގެ މުހިއްމުކަން ފާހަގަކުރައްވައި ވިދާޅުވީ، ބޭރު ޤައުމުތަކުން ލިބޭ އެހީތައް ތަފާތު އެކައުންޓުތަކަށް ޖަމާކުރުމުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއެޅެމުންދާކަމަށެވެ.މާލިއްޔަތު ޤާނޫނަށް ހުށައަޅުއްވާފައިވާ އިޞްލާޙުގައި، ދައުލަތުގެ ފައިސާގެ ތެރެއިން ވަކި މަޝްރޫއަކާ ގުޅޭ ފައިސާ ވަކި އެކައުންޓެއްގައި ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއަވަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.