ޚަބަރު

2400 އަށްވުރެ ގިނަ ސިއްޙީ ޚިދުމަތްތެރިން ކޯވިޑް މަސައްކަތުގައި ހަރަކާތްތެރިވޭ


ރާއްޖޭގައި ކޯވިޑާއި ގުޅުންހުރި އާއްމު ފަރުވާތައް ދިނުމުގައި 2400 އަށްވުރެ ސިއްޙީ ޚިދުމަތްތެރިން ހަރަކާތްތެރިވަމުންދާކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ކޯވިޑްގެ ޙާލަތާއި ގުޅިގެން މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙުމަދު ޙައިތަމް ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.

ކޯވިޑް ފަރުވާއާއަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުން ޤާއިމުކުރެވިފައި ހުރި މިންވަރާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙުމަދު ޙައިތަމް، ހެލްތް މިނިސްޓަރަށް ހުށައެޅި ސުވާލާއި ގުޅިގެން، ހެލްތް މިނިސްޓަރ އަޙުމަދު ނަސީމް ވަނީ މިކަމުގެ ތަފްސީލީ މައުލޫމާތުތައް ޙިއްސާކޮށްފައެވެ.

މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވީ ކޮވިޑަށްދޭ އާއްމު ފަރުވާއާއި ފެސިލިޓީތަކުގެ މަސައްކަތްކުރާ މުޢައްޒަފުންނާއެކު، 2460 ސިއްހީ އެހީތެރިން މަސައްކަތުގައި ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި ފެސިލިޓީތަކުގައި ހުރި މެޝިނަރީއާ ވަސިލަތްތައް އަދި ބޭހާ އޮކްސިޖަންވެސް ރާއްޖޭގެ ޙާލަތަށް ދަތިނުވާވަރަށް އެބަހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑްގެ ފަރުވާ ދިނުމަށް މިހާރު ހުރި އެންމެ ބޮޑު ފެސިލިޓީއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީއެވެ. 265 އެނދުގެ މި ފެސިލިޓީގައި 214 މުވައްޒަފުން މަސައްކަތްކުރެއެވެ. އެގޮތުން 39 މެޑިކަލް ޑޮކްޓަރުންނާއި 122 ނަރުހުންނާއި ނަރުސްކަން ކިޔަވާ 142 ދަރުވަރުންގެ އިތުރުން ބައެއް ސްޕެޝަލައިޒްޑް ފިޒިޝަނުންނާއި ސަޕޯޓް ސްޓާފުން އަދި އިދާރީ މުޢައްޒަފުން ހިމެނެއެވެ. މި ފެސިލިޓީގައި 17 އެނދުގެ ވެންޓިލޭޓަރ ފެސިލިޓީއެއް ހިމެނެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި ކޯވިޑް ވޯޑާއި އައިސިޔޫގައި 28 އެނދު ހުންނައިރު، 11 ވެންޓިލޭޓަރ އެނދު ހިމެނެއެވެ. އައިޖީއެމްއެޗްގައި ކޮވިޑް ފަރުވާގައި ބައެއް ސްޕެޝަލައިޒް ޑޮކްޓަރުންނާ ނަރުހުން އަދި ސިއްޙީ އެހީތެރިން ހިމެނޭހެން ކޮވިޑް މަސައްކަތްތަކުގައި 91 މުވައްޒަފުން ހަރަކާތްތެރިވެއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި ހުރި ފެސިލިޓީގައި 85 އެނދު ހުންނައިރު، 5 އެނދަކީ ވެންޓިލޭޓަރު އެނދުތަކެވެ. އެ ހޮސްޕިޓަލްގައި ކޮވިޑާ ގުޅުންހުރި މަސައްކަތުގައި 262 މުޢައްޒަފުން މަސައްކަތްކުރެއެވެ.

މިނިސްޓަރ ނަސީމް ވިދާޅުވި ޙާލަތު މާބޮޑަށް ގޯސްވެއްޖެނަމަ، ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ %40 ބޭނުންކުރާނީ ބަލީގެ ފަރުވާއަށް އެހީވުމަށްކަމަށެވެ. އަދި އެ ހާލަތުގައި އެހެން ފަރުވާތައް ޑައުންގްރޭޑްކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަތޮޅުތަކުގައި ހުރި ފެސިލިޓީތަކަށް ބަލާއިރު ފުވައްމުލައް ސިޓީގައި 3 އައިސީޔޫ އެނދާ 2 ވެންޓިލޭޓަރު، ބ.އަތޮޅު ހޮސްޕިޓަލްގައި އައިސީޔޫއާ އައިސޮލޭޝަންގެ 45 އެނދު އަދި 3 ވެންޓިލޭޓަރު، ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގައި 27 އެނދާ 3 ވެންޓިލޭޓަރު، ހއ.އިހަވަންދޫ ފެސިލިޓީގައި 3 އެނދާ 1 ވެންޓިލޭޓަރު، ގއ.ވިލިނގިލީ ފެސިލިޓީގައި 38 އެނދާ 23 ވެންޓިލޭޓަރު، ގދ.ކޮވިޑް ފެސިލިޓީގައި 21 އެނދާ 6 ވެންޓިލޭޓަރު، އައްޑޫ ފެސިލިޓީގައި 35 އެނދާ 3 ވެންޓިލޭޓު ހިމެނެއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ އަތޮޅުތަކުގައި 24 ގަޑިއިރު ޚިދުމަތްދޭ 12 ހޮސްޕިޓަލް ފިޔަވައި ހުރިހާ ހޮސްޕިޓަލްތަކުގައި ވެންޓިލޭޓަރު ހުންނާނެކަމަށެވެ.

ފަރުވާއަށް ބޭނުންވާ އޮކްސިޖަން ލިބުމުގައިވެސް ދަތިކަމެއް ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މޯލްޑިވް ގޭހުގެ 3 ޕްލާންޓާ، އައިޖީއެމް ހޮސްޕިޓަލާ ކުޅުދުއްފުށި އަދި އައްޑޫގައި ހުރި އޮކްސިޖަން ޕްލާންޓުން ބޭނުންވާ މިންވަރަށް އޮކްސިޖަން އުފައްދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގައި މިވަގުތު 5700 އޮކްސިޖަން ޖަމްބޯ ސިލިންޑަރު އެބަހުއްޓެވެ. މި ތަކެތީގެ ތެރެއިން ފެސިލިޓީތަކަށް ބޭނުންވާ މިންވަރަށް ސިލިންޑަރު ވަނީ ފޮނުވާފައެވެ.