ކުޅިވަރު

ގުރޫޕްގެ 1ވަނަ ޓީމުގެ ގޮތުގައި ޔޫރޯގެ 2ވަނަ ބުރަށް އިންގްލެންޑް


ރަހީމް ސްޓާލިންގެ ލަނޑުން ޗެކް ރިޕަބްލިކް ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި އިންގްލެންޑުން ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. މިމެޗްގައި މޮޅަށް ކުޅުނު އިންގްލެންޑްއަށް ގުރޫޕްގެ އެއްވަނަ ލިބެނީ އެޓީމް ކުޅުނު 3 މެޗުން ހޯދި 7 ޕޮއިންޓްއާއެކުއެވެ.

އިންގްލެންޑާއެކު ދެވަނަ ބުރަށް ދަތުރުކުރި ކޮރޭޝިއާއަށް 4 ޕޮއިންޓް ލިބިފައިވާއިރު، ޗެކް ރިޕަބްލިކަށްވެސް 4 ޕޮއިންޓް ލިބިފައިވެއެވެ. ނަމަވެސް ގުރޫޕްގެ 2ވަނަ ކޮރޭޝިއާއަށް ލިބެނީ ލަނޑުގެ ތަފާތުންނެވެ. އެހެން މެޗްތަކާއި ހިލާފަށް މިމެޗްގައި އިންގްލެންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗްގެ ފުރަތަމަ ހާފްގެ ވަރަށް ކުރީކޮޅުގައި ގޯލެއް ޖެހުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ އިންގްލެންޑުގެ ރަހީމް ސްޓާލިންއަށެވެ. ޗެކް ރިޕަބްލިކްގެ ކީޕަރު ބޯމަތިން ގޯލްގެ ތެރެއަށް ވައްޓާލަން މަސައްކަތް ކުރި ބޯޅަ އަމާޒްވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. މިފުރުސަތަށް ފަހުވެސް އިންގްލެންޑުން ދިޔައީ ޗެކް ރިޕަބްލިކްގެ ގޯލަށް ފުލުފުލުގައި ހަމަލާތަށް ފޮނުވަމުންނެވެ. ޗެކް ރިޕަބްލިކްގެ ހާފްގެ ތެރޭގައި ކުޅުމުންދިޔަ އިންގްލެންޑުން މެޗްގެ 12ވަނަ މިނެޓްގައި، މެޗްގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ޖެހީ ގްރީލިޝް އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލްގެ ތެރެއަށްވައްދާލީ ސްޓާލިންއެވެ. މިއީ މިމުބާރާތުގައި ސްޓާލިން ޖެހި ދެވަނަ ގޯލެވެ.

މިމެޗްގައި އިންގްލެންޑުން ނިކުތީ މޭސަން މައުޓް ނުލައެވެ. އެއީ ސްކޮޓްލެންޑްގެ ގިލްމޯ ކޯވިޑަށް ފައްސިވުމާއި ގުޅިގެން އައިސޮލޭޝަނަށް ދާންޖެހުމާއި ގުޅިގެންނެވެ. އަދި އިންގްލެންޑް ފަހަތަށް ކުޅޭ ހެރީ މެގުއަރ މިމެޗްގައި ކުޅެފައިވާއިރު، މިއީ މިއަހަރުގެ މޭ މަހުން ފެށިގެން މެގުއަރ 90 މިނެޓް ހަމަކުރި ފުރަތަމަ މެޗެވެ. އިންގްލެންޑަށް ލީޑް ފުޅާކުރުމަށް އެޓީމުގެ ކެޕްޓަން ހެރީ ކޭންއަށް ވަރަށް ރަނގަޅު ފުރުސަތެއް ލބިގެންދިޔައެވެ. ނަމަވެސް އޭރިޔާގެ ތެރޭގައި ހުރެފައި ކޭން ފޮނުވާލި ބޯޅަވަނީ ޗެކް ރިޕަބްލިކް ކީޕަރު ރޯމަސް ދިފާޢުކޮށްފައެވެ. މިމެޗްގައި ޗެކް ރިޕަބްލިކަށް މާރަނގަޅު ފުރުސަތެއް ލިބިފައިނުވާއިރު، ލިބުނު މަދު ފުރުސަތުގެ ބޭނުންވެސް އެޓީމުގެ ކުޅުންތެރިންނަކަށް ނުހިފުނެވެ. މިމެޗްގައި އިންގްލެންޑް މެދެތެރެއަށް ކުޅެމުން އަންނަ ގްރީލިޝް އާއި 19 އަހަރު ސާކޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.