ކުޅިވަރު

ސްކޮޓްލެންޑް ބަލިކޮށް ކްރޮއޭޝިއާ ޔޫރޯގެ 2ވަނަ ބުރުން ޖާގަ ހޯދައިފި


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްކޮޓްލެންޑް ބަލިކޮށް ކްރޮއޭޝިއާ މުބާރާތުގެ ދެވަނަ ބުުރުން ޖާގަ ހޯދައިފިއެވެ.
ގުރޫޕް ޑީގައި މިރޭ ސްކޮޓްލެންޑް އާއި ކްރޮއޭޝިއާ ކުޅުނު މެޗް ކްރޮއޭޝިއާއިން ކާމިޔާބުކުރީ 3 ލަނޑު 1 ލަނޑުންނެވެ. މިމެޗުން މޮޅުވެގެން ކޮންމެ ޓީމަކަށްވެސް މުބާރާތުގެ 2ވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތްއިރު، ބަލިވާ ޓީމެއް އޮތީ މުބާރާތުން އަލްވަދާއު ކިޔަންޖެހޭ ގޮތަށެވެ. ގުރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި އިންގްލެންޑުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ 2ވަނަ ބުރުން ޖާގަ ހޯދާފައިވާއިރު، އެޓީމަށް ކުޅުނު 3 މެޗުން ލިބިފައި ވަނީ 7 ޕޮއިންޓެވެ. ކޮރޭޝިއާއިން ދެވަނަ ބުރުން ޖާގައެއް ޔަގީންކޮށްފައިވަނީ ގުރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ. ކޮރޮއޭޝިއާއަށް 3 މެޗުން 4 ޕޮއިންޓް ލިބިފައިވާއިރު، ގުރޫޕް ޑީގެ ތިންވަނައިގައި އޮތް ޗެކް ރިޕަބްލިކަށް ވެސް 3 މެޗުން 4 ޕޮއިންޓް ލިބިފައިވެއެވެ. ނަމަވެސް ކޮރޭޝިއާއަށް ތާވަލްގެ 2ވަނަ ލިބެނޭ ލަނޑުގެ ތަފާތުންނެވެ. ޗެކް ރިޕަބްލިކް 3ވަނައިގައި އޮތް ކަމުގައި ވީނަމަވެސް އެޓީމު ވެސް ވަނީ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. އެއީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.

މޮޅުވުން މަޖްބޫރު މެޗަކަށް ސްކޮޓްލެންޑާއި ކްރޮއޭޝިއާ ވާދަކުރި މި މެޗްގައި ކޮރޮއޭޝިޔާއާގެ ކެޕްޓަން ލޫކާ މޮޑްރިޗްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. މެޗް ފަށައިގެން ދެ ޓީމުންވެސް ލަނޑު ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. މެޗްގައި އެންމެ ފުރަތަމަ ފުރުސަތު ލިބުނީ ސްކޮޓްލެންޑްއަށެވެ. ނަމަވެސް ސްކޮޓްލެންޑްފެ ޗޭ އެޑަމްސްއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. ސްކޮޓްލެންޑުން މެޗްގެ ފުރަތަމަ ހާފްގެ ކުރީކޮޅުގައި ކުޅުނު ނަމަވެސް، ކޮރޭޝިއާއަށް ލިބުނު ފުރަތަމަ ފުރުސަތާއެކު އެޓީމް މެޗްގައި ލީޑް ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 17ވަނަ މިނެޓްގައި ނިކޯލާ ވްލަސިޒްއެވެ. މިގޯލާއެކު ދެ ފެނިގެންދިޔައީ ކޮރޭޝިއާއިން މެޗުގައި މޮޅަށް ކުޅުނު ތަނެވެ. އެގޮތުން އެޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗަށް ފޮނުވާލީ ބާރު ހަމަލާވަނީ ސްކޮޓްލެންޑްގެ ކީޕަރު ޑޭވިޑް މާޝަލް މަތަކޮށްފައެވެ. ކޮރޭޝިއާގެ ލަނޑާއެކު ސްކޮޓްލެންޑުންވެސް ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހުމަށް މަސައްކަތް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ ފުރަތަމަ ހާފް ނިމެން 3 މިނެޓަށް ވެފައިވަނިކޮށް ސްކޮޓްލެންޑުން ވަނީ ލަނޑެއްޖަހާ ހިތްވަރު އާކޮށްފައެވެ. ސްކޮޓްލެންޑަށް އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ކަލުމް މެކްގްރެގާއެވެ.

މެޗްގެ ދެވަނަ ހާފްގައިވެސް ކޮރޭޝިއާއިން ފުރަތަމަ ހާފްގައި ދެއްކި މޮޅު ކުޅުންދެއްކިއެވެ. އެޓީމްއިން ސްކޮޓްލެންޑްގެ ގޯލްއަށް ނުރައްކާތެރި ގިނަ ހަމަލާތަކެއްވަނީ ފޮނުވާލާފައެވެ. ކޮރޭޝިއާގެ ޕެރިސިޗް އާއި ގްވާޑިއޯލަށް ލިބުނު ފުރުސަތު ބޭނުން ހިފޭ ގޮތެއް ނުވިއެވެ. މެޗްގައި ދެވަނަ ފަހަރަށް ކޮރޭޝިއާއަށް ލިޑް ނަގާދިނީ އެޓީމްގެ ކެޕްޓަން ލޫމާ މޮޑްރިޗްއެވެ. އޭރިޔާގެ ބޭރުގައި ހުރެފައި މޮޑްރިޗް ފޮނުވަލީ ބާރު ބޯޅަ އަމާޒްވީ ގޯލްގެ މަތީ ކަނަށެވެ. މިއީ މިހާތަނަށް ޔޫރޯގައި ޖެހި އެންމެ ރީތި ގޯލްތަކުގެ ތެރެއިން ގޯލްއެކެވެ. ކޮރޭޝިއާއިން ކުލެމުންދިޔަ މޮޅު ކުޅުން ސްކޮޓްލެންޑްއަށް ހުއްޓުވޭ ގޮތެއް ނުވިއެވެ. އެޓީމްއިން ދިޔައީ ބޯޅަ ކޯންޓްރޯލްކޮށްގެން ސްކޮޓްލެންޑްގެ ގޯލްއަށް ނުރައްކާ ކުރަމުންނެވެ. ދެވަނަ ހާފްގައި ސްކޮޓްލެންޑްއަށްވެސް ގޯލް ޖެހުމަށް މަދު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް އޭގެ ބޭނުން އެޓީމްގެ ކުޅުންތެރިނަށް ހިފޭ ގޮތް ނުވިއިރުގައި، މެޗްގެ 78ވަނަ މިނެޓްގައި އިތުރު ގޯލްއެއް ޖަހާ ކޮރޭޝިއާއިންވަނީ ލީޑް ފުޅާކޮށްފައެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗްއެވެ.
މިމެޗުން ސްކޮޓްލެންޑް ބަލިވިއިރުގައި އެޓީމްއަށް މިހާތަނަށް ބޮޑު މުބާރާތެއްގެ ދެވަނަ ބުރުން ޖާގަ ހޯދިފައެއް ނުވެއެވެ.