ޚަބަރު

މާލެ ސަރަޙައްދުގެ ކާފިއު ގަޑި އިރުއޮއްސި 6:00އިން ފަތިހު4:00އަށް


ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަޙައްދުގައި ޢިއުލާންކޮށްފައިވާ ކާފިއުގެ ވަގުތު އިރުއޮއްސި 6:00އިން ފަތިހު 4:00އާ ހަމައަށް ކުރިއަށްގެންދާގޮތަށް ބަދަލުކޮށްފިއެވެ. ކާފިއުގެ ވަގުތު ކުޑަކޮށް މިގެނައި ބަދަލާއެކު އިތުރު ބައެއް ފިޔަވަޅަކަށްވެސްވަނީ ލުއިދީފައެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ފިޔަވަޅުތަކަށް ލުއިދިނުމަށް ނިންމާފައިވަނީ ރައްކާތެރިކަމަށްޓަކައި ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހުކަމަށެވެ. އެގޮތުން ޢާއްމުނަށް ދިމާވަމުންދާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދިނުމަށްޓަކާ މާލެ ސަރަޙައްދުގެ ކާފިއު ގަޑި މިހާރުވަނީ ކުޑަކޮށްފައެވެ.

އެގޮތުން މިހާރު ކާފިއު ގަޑިއަކީ އިރުއޮއްސި 6:00އިން ފެށިގެން ފަތިހު 4:00އަށެވެ. މިއާއެކު ހެނދުނު 8:00އިން ފެށިގެން އިރުއޮއްސި 6:00އާ ހަމައަށް ވިޔަފާރިކުރުމަށް ލިބޭ ފުރުސަތު އިތުރުވެގެންދާނެކަމަށާ، އޭގެ ސަބަބުން ވިޔަފާރިތަކަށްވެސް ލުޔަކަށް ވެގެންދާނެކަމަށް މަބްރޫކް ވިދާޅުވިއެވެ. ފުލުހުންގެ ހުއްދައާއެކު ފިހާރަތަކުން ވިޔަފާރިކުރުމާއި ކެފޭ ރެސްޓޯރެންޓުތަކުން ޓޭކްއަވޭ ނެގުމުގެ ފުރުސަތު އިތުރު ދެ ގަޑިއިރަށް ލިބިގެންދަނެކަމަށް މަބްރޫކް ވިދާޅުވިއެވެ. މިގަޑިތަކުގައި ބޭރުގައި އުޅުމަށް ބޭނުންކުރާނީ މިހާރު މެންދުރު 12:00އިން ހަވީރު 4:00އާ ހަމައަށް، ގެއިންބޭރުގައި އުޅުމަށް ގޭބިސީތަކަށް ފުލުހުން ދޫކުރާ ފާސްކަމުގައި މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑާގުޅިގެން އަޅާ ފިޔަވަޅުތަކަށް އިތުރަށްދިން ލުޔަކީ ޖިމްތައް ހުޅުވުމަށް ދިން ފުރުސަތެވެ. އެގޮތުން ޖިމްތައް ފަތިހު 5:00އިން އިރުއޮއްސި 6:00އާ ހަމައަށް ހުޅުވުމުގެ ހުއްދަ ދިނުމަށްވަނީ ނިންމަވާފައެވެ. މިހުއްދަ ހޯދުމަށް ޖިމްތަކުން އެތަނެއްގައި ޚިދުމަތްދޭނެ ގޮތުގެ ސަރވިސް ޕްލޭނެއް އެޗްޕީއަށް ހުށައަޅަންޖެހެއެވެ. މިޕްލޭންގައި ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެތަނެއްގައި އެއްފަހަރާ ތިބެވޭނެ މީހުންގެ ޢަދަދާއި ގަޑީތައް އެނގެން އޮންނަންޖެހެއެވެ. ހަމައެއާއެކު ޖިމްތައް ކުރިއަށްގެންދަންޖެހެނީ އެޕޮއިންޓްމަންޓް އުސޫލުންންކަމަށްވެސް ވަނީ ކަނޑައާޅާފައެވެ. އަދި ގްރޫޕް ކްލާސްތަކަށް މިވަގުތު ފުރުސަތު ނުދިނުމަށްވަނީ ނިންމާފައެވެ.

މީގެއިތުރުން އަތޮޅުތަކުގެ އެއްރަށުން އަނެއްރަށަށް ނުދެވޭނެހެން މިހާރު އޮތްއޮތުން ނިމުމަކަށް ގެނެސް ކޯވިޑްގެ ކޭސްތައް ފެނި މޮނީޓަރިންގެ ޙާލަތުގައި ނެތް ރަށްރަށަށް އެރަށެއްގެ ކައުންސިލްގެ ހުއްދައާއެކު ދެވޭނެ ފުރުސަތު މިހާރުވަނީ ދީފައެވެ.

ކޯވިޑް-19އާއެކު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޢާއްމުންނަށާއި ވިޔަފާރިތަކަށް ގިނަ ދަތިތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. މިކަމަށް ކޮންމެވެސްވަރެއްގެ ޙައްލެއް ގެނައުމަށްޓަކައި ކުރިއަށްއޮތް ދެހަފްތާގެ ތެރޭގައި އިތުރު ލުއިތަކެއް ދިނުމަށް ނިންމާފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.