ޚަބަރު

ބ.އަތޮޅުގެ ހަތަރު ރަށެއްގައި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް އޯގަސްޓް މަހު ފަށަނީ


ރާއްޖޭގަ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމަކީ ސަރުކާރުން މި ފަސް އަހަރު އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދާ އެއްކަމެވެ. އެގޮތުން ރައްކާތެރި ސާފުފެނާއި ނަރުދަމާގެ މަސައްކަތް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް މި ފެށޭ ޖުލައި މަހާއި އޯގަސްޓްމަހުގެ ތެރޭގައި ބ.އަތޮޅުގެ ހަތަރު ރަށެއްގައި ފެށުމަށް އެމްޑަބްލިއުއެސްސީން އަންނަނީ ތައްޔާރު ވަމުންނެވެ.

ބ.އަތޮޅުގެ ހަތަރު ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށުމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީން ތައްޔާރުވަމުން އަންނައިރު، އެއަތޮޅު ގޮއިދޫގައި އެކުންފުނިން އަންނަނީ ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މިއަހަރުގެ ޖެނުއަރީ މަހުފެށި މިމަސައްކަތުގެދަށުން ގޮއިދޫގައި ފެނާއި ނަރުދަމާ އެޅުމުގެ 31 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އެރަށުގައި ފެން ޕްލާންޓް ބަހައްޓާ އާރުއޯ ބިލްޑިންގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، މިހާރު ކުރަމުންދަނީ ފެން ރައްކާކުރުމަށް ތާންގީތައް ހެދުމުގެ މަސައްކަތާއި ފެނާއި ނަރުދަމާއަށް ބޭނުންވާ މައި ހޮޅިވަޅުލުމުގެ މަސައްކަތެވެ. އަދި ފެން އުފެއްދުމަށް ބިމު އަޑިން ފެންނެގުމަށް ބޭނުންކުރާ ބޯހޯލް ތޮރުފުމުގެ 91 އިންސައްތަ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.

ގޮއިދޫގެ އިތުރުން ދެން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ އަނެއް ހަތަރު ރަށަކީ ކަމަދޫ، މާޅޮސް، ކެންދޫގެ އިތުރުން ދަރަވަންދޫއެވެ. މީގެތެރެއިން މާޅޮހާއި ކަމަދޫގައި އަމަލީ މަސައްކަތް އަންނަ ޖުލައި މަހު ފެށޭވަރުވާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ވިދާޅުވެއެވެ. މިމަސައްކަތް ނުފެށި ލަސްވަނީ މަސައްކަތް ކުރުމަށް ރާއްޖެއިން ބޭރުން ގެންނަންޖެހޭ ބައެއް ސާމާނު ނުލިބިގެންނެވެ.

"އަސްލު މަސައްކަތް މި ދެރަށުގައި ނުފެށި ލަސްވަމުން މިދަނީ ތަކެތި ނުލިބިގެން، އެކަމު މިހާރު 45 ކޮންޓެއިނާގެ މުދާ ހުރީ ލިބިފަ ދެން ލަހެއްނުވެ މިކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ" އެމްޑަބްލިއުއެސްސީން ބުންޏެވެ.

މި ދެރަށުގައި މިމަސައްކަތަށް ބޭނުންވާ ސާމާނު ރައްކާކުރުމަށް ބޭނުންވާ ވަގުތީ ސައިޓްގެ މަސައްކަތްތައް ނިންމާ، އެމަސައްކަތް ކުރުމަށް ބޭނުންވާ ބައެއް ހޮޅިއާއި ފިޓިންގްސް އެރަށްތަކަށް ފޮނުވާފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.
އެމްޑަބްލިއުއެސްސީން ބ.އަތޮޅުގައި މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ އަނެއް ދެރަށަކީ ދަރަވަންދޫ އާ ކެންދޫއެވެ. މިދެރަށުގައި އަމަލީ މަސައްކަތް ފެށޭނެކަމަށް ލަފާކުރަނީ މިއަހަރުގެ އޯގަސްޓްމަހު ތެރޭގައެވެ. އެއީ އެ ދެރަށުގެ ޑިޒައިން އެޕްރޫވް ނުވާތީ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

ބ.އަތޮޅުގައި ފެނާނަރުދަމާގެ މަސައްކަތް ގޮއިދުއާއެކު ފަސްރަށެއްގައި އެމްޑަބްލިއުއެސްސީން ކުރާނެއެވެ. މި ފަސް ރަށަކީވެސް ފުޅާދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ކުރަމުން އަންނަ ރަށްތަކަށް ވީހިނދު މި ވިޔަފާރިފުޅާކުރުމަށް ރައްކާތެރި ސާފު ފެނާއި ނަރުދަމާ ނެތުމަކީ އޮތް ގޮނެޖެހުމެއް ކަމަށް މިރަށްރަށުގެ ކައުންސިލްތަކުން ވިދާޅުވެއެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވިއިރު. ބ.އަތޮޅުގައި ފެނާއި ނަރުދަމާ އެޅިފައި އޮތީ ވެރިކަން ކުރާރަށް އޭދަފުށްޓާއި ތުޅާދޫގައެވެ. ދަރަވަންދޫގައި ފެނުގެ ނިޒާމް މިހާރު ޤާއިމްކޮށްފައިވާއިރު މިނިޒާމް ޤާއިމްކޮށްފައިވަނީ މިސަރުކާރުންކަން ފާހަގަކޮށްލެވެވެ.
ސަރުކާރުން ފެނާއި ނަރުދަމާގެ މަސައްކަތް ބ.އަތޮޅު ފެހެންދޫ، ފުޅަދޫ، ކިހާދޫ، ކުޑަރިކިލުގެ އިތުރުން ދޮންފަނުގަ މި އަހަރު ފެށޭތޯ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.