ކުޅިވަރު

2ވަނަ ބުރުގެ އިންތިޒާރުގައި ސްވިޒަލެންޑް


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދުމަށް ސްވިޒަލެންޑުން އެހެން މެޗްތަކުގެ ނަތީޖާއަށް އިންތިޒާރު ކުރަން ޖެހިއްޖެއެވެ.
މިރޭ ސްވިޒަލެންޑުން ވަނީ ގުރޫފްގެ ފަހު މެޗްގައި ތުރުކީއާއި ވާދަކޮށް 3 ލަނޑު 1 ލަނޑު މެޗް ކާމިޔާބުކޮށްފައެވެ.

ވޭލްސްއަށް ވުރެއް ފަހަތުން ސްވިޒަލެންޑަށް ގުރޫފްގެ ތިންވަނައިގައި އޮތީ މައިނަސް އެއް ގޯލުންނެވެ. ފައިދާ އެއް ގޯލުން ވޭލްސް ދެވަނަ ބުރުން ޖާގަ ހޯދާފައިވާއިރު، ޔޫރޫ ފުޓްބޯޅަ މުބާރާތް ރޭވިފައިވާ ގޮތުން ކޮންމެ ގުރޫޕެއްގެވެސް އެއްވަނަ އާއި ދެވަނަ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ޔަގީންވާނެއެވެ. އަދި 6 ގުރޫޕްގެ ތެރެއިން ތިންވަނައަށް ދާ ޓީމްތަކުގެ ތެރެއިން އެންމެ ރަގަނޅި ނަތީޖާ ހޯދާ 4 ޓީމަކަށްވެސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ލިބޭނެއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ސްވިޒަލެންޑުން ވަނީ ތުރުކީ ކޮޅަށް 2 ގޯލް ޖަހާފައެވެ. މެޗްގެ ފުރަތަމަ ގޯލް ސްވިޒަލެންޑަށް ކާމިޔާބުކޮށްދިނީ ހަރިސް ސެފެރޯވިޗްއެވެ. އަދި ދެވަނަ ގޯލް މެޗްގެ 26ވަނަ މިނެޓްގައި ސްވިސްއަށް ކާމިޔާބުކޮށްދިނީ ޒެރްޑަން ޝަގީރީއެވެ. މެޗްގެ ފުރަތަމަ ހާފްގައި ސްވިސްއިން ކުރީގައި އޮވެގެން ނިންމާލިނަމަވެސް، މެޗްގެ ދެވަނަ ހާފްގައި ތުރުކީއިންވެސް ގޯލެއް ޖެހުމަށް ފުރުސަތު ތަނަވަސް ކުރަމުންދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗްގެ 61ވަނަ މިނެޓްގައި ތުރުކީގެ އިރްފާން ޗޭން ކަވޭޗީ ވަނީ އެޓީމަށް ސުން ކަނޑުވާލާފައެވެ. މެޗްގެ 67ވަނަ މިނެޓުގައި ސްވިޒަލެންޑުން ވަނީ އެޓީމުގެ 3ވަނަ ގޯލް ޖަހާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ ދެވަނަ ލަނޑު ސްވިސް ޓީމަށް ކާމިޔާބުކޮށްދިން ޒެރްޑަން ޝަގީރީއެވެ.

މި ވަގުތުގެ ނަތީޖާތަކަށް ބަލާއިރު ސްވިޒަލެންޑް މިވަގުތު އޮތީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ރޭންކިންގެ އެއް ވަނައިގައެވެ.