ހިޔާގެ ފިނިޝިން މަސައްކަތަށް ދީފައިވާ 3 މަސްދުވަހުގެ މުއްދަތު 9 މަހަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގައި އެދިފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ހިޔާ މަޝްރޫޢުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވަނީ ހައުސިން ޔުނިޓްތަކުގެ ފިނިޝިންގެ އެއްވެސް މަސައްކަތެއް ނުހިމެނޭގޮތަށެވެ.
ހިޔާ ހައުސިން މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުން މިހާރު އެންމެ ބޮޑު އިންތިޒާރެއް ކުރަމުންދަނީ ހައުސިން ޔުނިޓްތަކަށް ވަދެވޭނެ ދުވަހަކަށެވެ. ނަމަވެސް ފްލެޓްތަކަށް ވަދެވެން އަންނަނީ ހިޔާގެ އެގްރިމެންޓްގެ މަސައްކަތާއި އިމާރާތުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށްފަހުއެވެ. ހިޔާ ފްލެޓް ލިބުނު މީހުންގެ އެގްރިމެންޓްތަކުގަ އަންނަ މަހުގެ 14ވަނަ ދުވަހު ސޮއިކުރަން ފަށާނެކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.
އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފްލެޓް ލިބުމަށްފަހުވެސް، އެތަނަށް ވަނުމުގެ ކުރިން ގިނަ މަސައްކަތްތައް ކުރަން ޖެހުމެވެ. ފްލެޓްތަކުގައި މުށިޖެހުމާ ކުލަލުމާއި، ބަދިގެ ކަބަޑުސެޓު ޖެހުމާއި ފަންކާއާއި ބޮކިވެސް ހަރުކުރަންޖެހޭނީ ފްލެޓްތަކުގެ ވެރިންގެ ޚަރަދުގައި އަމިއްލައަށެވެ. އެގްރިމެންޓްގައި ސޮއިކުރުމަށްފަހު ފުރަތަމަ ތިން މަސް ދެނީ ފިނިޝިން މަސައްކަތްތައް ކުރުމަށެވެ. މި މުއްދަތުގައި އެއްވެސް ކުއްޔެއް ނުނަގާގޮތަށް ސަރުކާރުންވަނީ ލުއި ދީފައެވެ.
Hiyaa flat thakuge finishing masakkathah amilla ah kharadhu kuranjehumuge sababun, dheefaivaa 3 mas dhuvahuge thereygai nimmeynee madhu bayakah. Madhuvegen 9 mas dhuvas finishing ah dhinumakee varah gina rayyithun edhemun dhaa kamehkamun ekamah miadhu HDC, PO gai vaanee edhifai
— Dr Mohamed Muizzu (@MMuizzu) June 20, 2021
މާލެ ސިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި އެދިފައިވަނީ ހިޔާގެ ފިނިޝިން މަސައްކަތްތަކަށް ދޭ 3 މަސްދުވަހުގެ މުއްދަތު މަދުވެގެން 9 މަސް ދުވަހަށް އިތުރުކޮށްދިނުމަށެވެ. މިކަމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތަކަށް އަމިއްލައަށް ޚަރަދުކުރަންޖެހުމުގެ ސަބަބުން، ދީފައިވާ 3 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމޭނީ މަދުބަޔަކަށްކަމަށެވެ. މިމުއްދަތު އިތުރުކޮށްދިނުމަށް ގިނަ ރައްޔިތުން އެދެމުންދާތީ، މުއްދަތު އިތުރުކޮށްދިނުމަށް ސަރުކާރުގައި އެދިފައިވާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ހިޔާ ޕްރޮޖެކްޓަށް ބަލާއިރު، އެ ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ މަސައްކަތަށް އެދުނު 5 ކޮންޓްރެކްޓަރުންގެ ތެރެއިން އެންމެ ބޮޑު އަގު ހުށައެޅި ކުންފުންޏަށް ކަމަށް ރައީސް އޮފީހުންވަނީ ހާމަކޮށްފައެވެ. އަދި މަސައްކަތް ހަވާލުކޮށްފައިވަނީ ޔުނިޓަކަށް 62000 ޑޮލަރު ހުށައެޅި ކުންފުންޏަށެވެ. ދެން ހުރި ކުންފުނިތަކުން ބިޑް ހުށައަޅާފައިވަނީ ޔުނިޓަކަށް 50000ހާސް ޑޮލަރާއި 52000 ޑޮލަރާ ދެމެދުގެ އަގުތައް ކަމަށްވެސް ރައީސް އޮފީހުންވަނީ ހާމަކުރައްވާފައެވެ.
ހިޔާގެ ކޮންޓްރެކްޓަރާއި ބޮޑު އަގުގައި މަސައްކަތް ހަވާލުކޮށްފައިވަނީ މުށިޖެހުމާއި ކުލަލުމާއި ބަދިގެ ކަބަޑު ޖެހުމާއި ބޮއްކާއި، ފަންކާ ހަރުކުރުމުގެ މަސައްކަތްވެސް ނުހިމެނޭގޮތަށެވެ. މީގެ ސަބަބުން ފިނިޝިން ހުރިހާ މަސައްކަތްތައް މިހާރު ކުރަންޖެހެނީ ހައުސިން ޔުނިޓްތަކުގެ ވެރިންގެ ޚަރަދުގައެވެ.
ސަރުކާރުން ވިދާޅުވެފައިވަނީ މި ސަރުކާރުން ކުރިއަށްގެންދާ ހައުސިން ޔުނިޓްތައްވާނީ ފިނިޝިން ހުރިހާ މަސައްކަތްތަކާއެކު ހަވާލުކުރާ ތަންތަނަށްކަމަށެވެ. ހިޔާ ހައުސިން ޔުނިޓްތަކަށްވުރެ ބޮޑެތި އަދި ފިނިޝިން މަސައްކަތްތައް ހިމަނައިގެން، މި ސަރުކާރުން ތަރައްޤީކުރާ 2 ކޮޓަރީގެ އެޕަރޓްމަންޓްތަކުގެ އަގު އުޅޭނީ 45000 ޑޮލަރާ 47000 ޑޮލަރާ ދެމެދުގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒްވަނީ މަޢުލޫމާތުދެއްވާފައެވެ.
ސަރުކާރުން ޢަމާޒު ހިފާފައިވަނީ 11000ހައުސިން ޔުނިޓް ތަރައްޤީކުރުމަށެވެ. މީގެތެރެއިން ބައެއް ޕްރޮޖެކްޓްތަކުގެ ޢަމަލީ މަސައްކަތް މިހާރުވަނީ ފަށާފައެވެ. މާލޭގެ އިތުރުން އަތޮޅުތަކުގަވެސް ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަށްދަނީ ކުރިއަށްގެންދަމުންނެވެ.