އިޔާދަކުރުވަނިވި
ހަކަތައިގެ ޝެއަރ ރާއްޖޭގައި ބޮޑުކުރެވިއްޖެނަމަ ކާބަން މަދު އިޤްތިސާދެއް ރާއްޖޭގައި ބިނާކުރެވިގެންދާނޭކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކާބަން މަދު
އިގްތިސާދެއް ބިނާކުރުމުގެ އިޤްރާރުގައި ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުން
ސޮއިކުރުމަށް ބޭއްވި ރަަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރވަނީ
ކުންފުނިތަކުންވެސް ކުރާ މަސައްކަތްތަކުގައި ތިމާވެށްޓާއި ރަށްޓެހިގޮަތަކަށް
މަސައްކަތްކުރުމަށް ބާރު އެޅުމަށް ގޮވާލައްވާފައެވެ. އަދި ކުންފުނިތަކުން ކުރާ
މަސައްކަތަށް ބޭނުންކުރާ ހަކަތައަކީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން އުފެއްދޭ
ހަކަތައަށް ސަރުކާރުންވަނީ ކުރިއަށްއޮތް ތިން އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން
ދިރިއުޅޭ ހުރިހާ ރަށެއްގައި އެރަށަކަށް ބޭނުންވާ ހަކަތައިގެ ތިރީސް ޕަރސެންޓަކީ
އިޔާދަކުރުވަނިވި ހަކަތައަށް ހެދުމަށް ނިންމާފައެވެ.
އެންވަޔަރަމަންޓް މިނިސްޓަރ
ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރުދުވަހުގެ ތެރޭގައި އިޔާދަކުރުވަނިވި ހަކަތައިގެ ދެ
މެގަވޯޓް އިތުރުކުރެވިފައިވާކަމަށާއި ހަތަރު މެގަވޯޓްގެ އިޔާދަކުރުވަނިވި ހަކަތަ
ޖެހުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެކަމަށެވެ. އަދި ދެހާސްވިހި އާއި
ތިރީސް އަންނަން ވާއިރަށް ރާއްޖެއިން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ ދިހަ ޕަރސެންޓް
މަދުކުރެވިގެންދާނެކަމަށާއި ބޭރުގެ އެހީ
ލިބިއްޖެނަމަ ސައުވީސް ޕަރސެންޓަށް މި އަދަދު ދަށްކުރެވިގެންދާނެކަމަށް އެންވަޔަރަމަންޓް
މިނިސްޓަރ ތާރިގް އިބްރާހިމް ވިދާޅުވިއެވެ.
ރާއްޖެއަށް ބޭނުންވާ ހަކަތައިގެ ބާވަތްތައް
އެތެރެކުރުމަށް އެވްރެޖޮކޮށް ޖީޑީޕީގެ 20 ޕަސެންޓު ޚަރަދުކުރަންޖެހޭއިރު
އެތެރެކުރާ ހަކަތައިގެ ބޮޑު ބައެއް ބޭނުންކުރެވެނީ ކަރަންޓު އުފެއްދުމަށާއި
ޓްރާސްޕޯރޓަށްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ. އެމިނިސްޓްރީން ބުނީ ކަރަންޓު އުފައްދައި
ފޯރުކޮށްދިނުމުގެ ލައިސްންސް ދޫކުރުމާ ބެހޭ ޤަވާއިދު އަންނަ ހަފްތާ ތެރޭ ގެޒެޓް
ކުރެވިގެންދާނެކަމަށާއި މި ގަވާއިދުގެ ދަށުން ދޫކުރެވޭ އިންޑިޕެންޑެންޓް ޕަވަރ
ޕްރޮޑިއުސަރ ލައިސަންސްގެ ސަބަބުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާގައި އިންވެސްޓުރުކުރުމަށް
ބާރުއެޅެމުން ދާނެކަމަށެވެ.