ކޯވިޑް ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. މިއީ މިއަދު މިބަލީގައި ނިޔާވި ތިންވަނަ މީހާއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ޢަދަދު މިވަނީ 206އަށް އަރާފައެވެ.
ރޭ ދަންވަރުވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ޢުމުރުން 55 އަހަރުގެ އިންޑިއާ ފިރިހެނަކުވެސް ނިޔާވެފައެވެ. އަދި ފަތިހުވަނީ އެ ފެސިލިޓީގަ ފަރުވާދެމުންދިޔަ 41 އަހަރުގެ ދިވެހި ފިރިހެނަކުވެސް ނިޔާވެފައެވެ.
ކޯވިޑްގައި ރާއްޖެއިން 206 މީހުން ނިޔާވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 188 ދިވެހިންނާއި 18 ބިދޭސީންނެވެ. މިބަލީގައި އެންމެ ގިނަ މީހުން ރާއްޖެއިން ނިޔާވީ މިދިޔަމަހުއެވެ. ބަލިޖެހިގެން 80އަށްވުރެ ގިނަ މީހުން މިދިޔަމަހު ނިޔާވެފަވެއެވެ.