ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވް ޢަދަދު އަނެއްކާވެސް 200އިން މައްޗަށް


ރާއްޖެއިން އިތުރު 211 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ކުރީ ދުވަހު ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅުނީ 150އިން ދަށުގައެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދުމިވަނީ 71،700އިން މަތިވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބަށް ބަލާއިރު ހުކުރު ދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00އާ ހަމައަށް 211 މީހުން ބައްޔަށް ޕޮޒިޓިވްވިއިރު، މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 54 މީހުންނެވެ. ދެން ހިމެނެނީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 132 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 25 މީހުންނެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ޖުމްލަ 71،709 މީހުންވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

މިވަގުތު ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ އަދަދަކީ 5،403އެވެ. މިދިޔަ މަހުގެ މެދުތެރޭގައި އެކްޓިވް ކޭސްތަކުގެ ޢަދަދު އުޅުނީ 24،000އިން މަތީގައެވެ. ނަމަވެސް ޖޫން މަހު މި ޢަދަދު މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 46 މީހުންނަށެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވުމާއެކު، މިހާރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 912 މީހުން ވަނީ ބަލިން ރަނގަޅުވެފައިވެއެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 6,090އަށް އިތުރުވެފައެވެ. މި ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3415 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.

ރާއްޖޭގައި ކޯވިޑް ބަލީގަ ނިޔާވި މީހުންގެ އަދަދުވަނީ 206އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 188 ދިވެހިންނާ 18 ބިދޭސީންނެވެ.