ކުޅިވަރު

ހަންގޭރީން އަތުން ބަލިވާން ދަނިކޮށް ގްރީޒްމަން ފްރާންސް ސަލާމަތްކޮށްދީފި


ދުނިޔޭގެ ޗެމްޕިއަން ފްރާންސް، ހަންގޭރީން އަތުން ބަލިވާން ދަނިކޮށް ގްރީޒްމަން ފްރާންސް ސަލާމަތްކޮށްދީފިއެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ހަންގޭރީ އާއި ފްރާންސް ބައްދަލުކުރި މެޗް އެއްވަރުވެފައިވަނީ 1 ލަނޑު 1 ލަނޑުންނެވެ.

މިމުބާރާތުގެ ގުރޫޕް އެފްގައި ފްރާންސް ވަނީ އެޓީމް ކުޅުނު ފުރަތަމަ މެޗް ޖާމަނީއާއި ވާދަކޮށް 1 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްފައެވެ. އެހެންކަމުން މިމެޗުން މޮޅުވެގެން ފްރާންސަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތް ނަމަވެސް މެޗް އެއްވަރުވުމާއި ގުޅިގެން އެޓީމަށް ވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ. ފްރާންސްގެ ފަހު މެޗްގައި އެޓީމް ނިކުންނާނީ އެންމެ ފަހުގެ ޔޫރޯ ޗެންޕިއަން ޕޯޗުގަލްއާއި ދެކޮޅަށެވެ. 2016ވަނަ އަހަރު ޕޯޗުގަލްއިން މިމުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ ފްރާންސް ބަލިކޮށެވެ. ހަންގޭރީގެ ޕުސްކަސް އެރީނާގައި ކުޅުނު މިމެޗްގައި ހީކުރި ގޮތާއި ހިލާފަށް ހަންގޭރީއިން ދިޔައީ ފްރާންސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އަދި ހަންގޭރީގެ މިފްރެޝަރާއެކު ފްރާންސް ފަހަތަށް ކުޅޭ ކުޅުންތެރިންނަށް ގޯސްތައް ހެދެން ފެށިއެވެ. ފްރާންސްއަށް މެޗްގައި ހަމަނޭވާއެއް ލެވެންފެށީ ފުރަތަމަ ހާފްގެ 10ވަރަކަށް މިނެޓް ދިޔަފަހުންނެވެ. އެގޮތުން ފްރާންސްގެ ކަރިން ބެންޒީމާ ފޮނުވާލި ބޯޅަ ހަންގޭރީގެ ކީޕަރު ޕީޓަ ގުލާކްޝީ ޕަންޗު ކޮށް ފޮނުވާލިބޯޅަ، ލިބުނީ ގްރީޒްމަންއަށެވެ. އަދި ގްރީޒްމަން ފޮނުވާލި ބޯޅަވެސްވަނީ ކީޕަރު ގުލާކްޝީ ދިފާޢުކޮށްފައެވެ.

ގިނަ ފުރުސަތުތަކެއް ފްރާންސުން ތަނަވަސް ކުރަންފެށިނަމަވެސް، މީގެއިން އެއްވެސް ހަމަލާއެއް ފްރާންސްގެ ކުޅުންތެރިންނަކަށް ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ. މެޗްގެ ފުރަތަމަ ހާފްގެ ބޮޑުގައި ފްރާންސުން ކުޅުނުނަމަވެސް މެޗްގެ އެންމެ ފުރަތަމަ ލަނޑުޖަހާ ހަންގޭރީން ވަނީ ފްރާސަށް ސިހުން ގެނުވާފައެވެ. ކައުންޓަރ އެޓޭކްގައި މިލަނޑު ހަންގޭރީއަށް ކާމިޔާބުކޮށްދިނީ އަޓިލާ ފިއޯލާއެވެ. މިގޯލައެކު ހަންގޭރީގެ ސަޕޯޓަރުން ވަރަށް ބޮޑަށް އުފާފާޅު ކުރަމުންދިޔައެވެ. މެޗްގެ ދެވަނަ ހާފްގައި ފްރާންސްއިން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ގޯލެއް ޖެހުމަށް މަސައްކަތް ކުރިއެވެ. އެގޮތުން އެޓީމުން އެޓޭކް ވަރުގަދަ ކުރުމުގެ ގޮތުން ވަނީ ރަބިއޯ ބޭލުމަށްފަހު އޮސްމާނޭ ޑެމްބެލޭ ކުޅެން އަރުވާފައެވެ. ދެވަނަ ހާފްގައި ފްރާންސްއިން އުފެއްދި އެންމެ ރަގަނޅު ހަމަލާވެސް އުފައްދާފައިވަނީ ޑެމްބެލޭއެވެ. ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ޑެމްބެލޭ ފޮނުވާލި ބޯޅަ އަމާޒްވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. މެޗްގައި ފްރާންސްއިން އެއްވަރު ކުރި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 66ވަނަ މިނެޓްގައި އެންޓޮއިން ގްރީޒްމަންއެވެ. ފްރާންސްއިން އެޓޭކް ވަރުގަދަ ކުރުމުގެ ގޮތުން އޮލިވިއޭ ޖިރޫ ވެސް ވަނީ ކުޅެން އަރުވާފައެވެ. ނަމަވެސް ފްރާސުން ގެނައި ބަދަލްތަކާއެކުވެސް އެޓީމަށް މެޗްގައި މޮޅު ވެވޭގޮތެއް ނުވިއެވެ.

މިމެޗް އެއްވަރުވީ ނަމަވެސް މީގެ ކުރިން ފްރާންސް އައި ހަންގޭރީ ކުޅުނު ދެ މެޗްވެސް ވަނީ ފްރާންސް ކާމިޔާބުކޮށްފައެވެ.