ސިޔާސީ

ސަރުކާރުން އަންނަ އަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށައަޅުއްވަނީ


މިއަންނަ އަހަރުގެ މެދުތެރޭގައި ސަޕްލިމެންޓްރީ ބަޖެޓެއް ހުށައަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުއްވެއްޖެއެވެ.ރައްޔިތުންގެ މަޖިލީހުގެ 2 މެމްބަރަކު ޕީޕީއެމްއަށް ސޮއިކުރެއްވުމަށް ސްޓްލެކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި އަހަރުގެ ބަޖެޓްގައި ބޮޑެތި މަޝްރޫޢުތަކެއް ހިމަނަން ޖެހިވަޑައިގަތުމުން ބައެއް މެމްބަރުން އެދިވަޑައިގެންނެވި ހުރިހާ ކަމެއް ބަޖެޓުން ފުރިހަމަކޮށްދެވިފައިނުވާ ކަމަށް ޤަބޫލްފުޅުކުރައްވާކަމަށެވެ. އެހެންކަމުން މިއަންނަ އަހަރުގެ މެދުތެރޭގައި ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން ހުށައަޅުއްވާނެކަމަށެވެ.މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވީ މުދަލާއި ފައިސާއާއި މަޝްހޫރުކަމުގައި ބަޔަލު ހަލާކުވެގެން ގޮސްފައިވާކަމަށެވެ. އެހެންމަވެސް މުދަލާއި ފައިސާ ހޯދުމުގެ އިތުރުން  އެންމެ ބޮޑުކަމެއް ކުރަންވީ ޤައުމަށް ޚިދްމަތްކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ. މިގޮތުން ސަރުކާރުންނާއި ޕާޓީން ކޮރަޕްޝަންގެ އަމަލުތައް ނަތްތާލަންޖެހޭކަން ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.