ތިމާވެށި

ކާބަންމަދު އިޤްތިސާދެއް ބިނާކުރުމަށް 20 ކުންފުންޏަކުން ސޮއިކުރުން


ކާބަން މަދު އަދި
ފެހި އިގްތިސާދެއް ބިނާކުރުމުގެ ޤަރާރުގައި ސަރުކާރު ހިއްސާވާ ވިހި ކުންފުންޏަކުން
ސޮއިކޮށްފިއެވެ.



މި ޤަރާރުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ
މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހިމްއެވެ.
ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނިތަކުގެ އިސްބޭފުޅުންނެވެ. މީގެ
ތެރޭގައި އެސްޓީއޯ، ފެނަކަ ކޯރޕަރޭޝަން، ސްޓެލްކޯ، އެމްޓީސީސީ އަދި ޕީއެސްއެމްވެސް
ހިމެނެއެވެ.



މިއީ ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެފައިވާ މޫސުމަށް އަންނަ ބަދަލުތަކާއި
ބެހޭ އ.ދ. ގެ މުއާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން
ކްލައިމެޓް ޗޭންޖް، ޔޫ.އެން.އެފް.ސީ.ސީގެ ދަށުން ކާބަން މަދު އިޤްތިސާދަކަށް
ވާސިލްވުމަށްޓަކައި ކުރެވޭ މަސައްކަތެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން
ބުނެއެވެ. މިއަދު ސޮއިކުރެވުނު އިޤްރާރުގައި ކުންފުނިތަކުން އިޤްރާރުވެފައިވަނީ
ކާބަން މަދު އަދި ފެހި އިޤްތިސާދަކަށް މަގުފަހިކުރުމަށްޓަކައި ސަރުކާރުން ކުރާ
މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށެވެ.



މިޤަރާރުގައި މައިގަނޑު ގޮތެއްގައި ހިމެނިފައިވާ
ކަންތައްތަކުގެ ތެރޭގައި  ޖައްވަށްދޫކުރާ
ވިހަގޭސް މަދުކުރުމަށް ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ
އެއްބާރުލުން ދިނުމާއި މިދާއިރާގެ ޕަބްލިކް ޕްރައިވެޓް ޕާޓްނާރޝިޕްތަކަށް މަރުހަބާ
ކިޔުމެވެ. އަދި ކުންފުނީގެ މަސައްކަތްތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން
އިތުރު ކުރުމާއި އެނާރޖީ އެފިޝެންސީ އިތުރުކުރުމުގެ އިތުރަށް ކުންފުނީގެ
މަސައްކަތް ތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި އެނާރޖީ އެފިޝެންސީ އިތުރު ކުރުމުގެ ތަޖުރިބާ އެހެންކުންފުނިތަކާއި ހިއްސާކުރުމެވެ.