ކުޅިވަރު

މަންކޭ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި


އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރިހި މެޑަލް ހޯދި ޝިއުނާޒް ޢަބްދުލް ވާޙިދު (މަންކޭ) ކަކުލުގެ އޮޕަރޭޝަންއެއް ކޮށްފިއެވެ.

33 އަހަރުގެ މަންކޭ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައިވަނީ މީގެ 3 އަހަރުކުރިން ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ. މީގެ ދެ ދުވަސް ކުރިން އޭޑިކޭގައި ކުރި އޮޕަރޭޝަނަށްފަހު ޝިއުނާޒް ޢަބްދުލް ވާޙދު (މަންކޭ)ބުނީ ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވެސް ކުޅެފައި ވަނީ ކަކުލަށް ލިބިފައިވާ ތަދާއެކުކަމަށާއި، އައިއޯއައިޖީގައި ކުޅެފައިވަނީ މުބާރާތުގެ ކުރިން ބެންކޮކަށް ގޮސް ބޭސްކޮށްގެންކަމަށެވެ. އެންމެ ފަހުގެ ސައުތް އޭޝިއަން ގޭމްސްގައި ވެސް ނުކުޅުނީ ކަކުލުގެ ތަދު މާ ބޮޑުވުންންކަމަށާއި، 2019ވަނަ އަހަރުގެ އައިއޯއައިޖީއަށް ފަހު އެއްވެސް މުބާރާތެއް ނުކުޅުނީ ވެސް ކަކުލަށް ލިބިފައިވާ އަނިޔާއާއި ގުޅިގެންކަމަށް މަންކޭ ބުންޏެވެ. އަދި އޮޕަރޭޝަނަށްފަހު އެއް މަސް ދުވަސްވަންދެން ފިޒިއޯތެރަފީ ހަދަން ޖެހޭކަމަށާއި މިއަހަރުގެ ޑިސެންބަރު މަހުގައި އެއްކޮށް ފިޓްވެގެން ކުޅެވޭ ވަރުވާނެކަމަށް ދިވެހި ސިފައިންގެ ކުލަބަށް ވެސް ކުޅެމުން އަންނަ ޝިއުނާޒް ޢަބްދުލް ވާޙދު (މަންކޭ) ބުންޏެވެ.

ގައުމީ ލެވެލްގައި ދިވެހި ސިފައިންގެ ކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ މަންކޭވަނީ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ވެސް ރާއްޖެ ތަމްސީލް ކޮށްފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ލިބުނީ 2019ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައެވެ.

އައިއޯއައިޖީގައި ޝިއުނާޒް ވަނީ ޓީމް އިވެންޓުގެ ބައިން ރިހި މެޑަލް އަދި އިންޑިވިޖުއަލް ބައިން ލޯ މެޑަލް ހޯދައިފައެވެ.