ކުޅިވަރު

ސްވިޑެންއިން މުބާރާތުގެ 2ވަނަ ބުރުގެ އުއްމީދު އާކޮށްފި


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްލޮވާކިއާ ބަލިކޮށް ސްވިޑެންއިން މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުއްމީދު އާކޮށްފިއެވެ.
މިމެޗް ސްވިޑެން ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ.

އެންމެ ފަހުގެ 3 ޔޫރޯގެ ގުރޫޕް ސްޓޭޖުން ކެޓި ސްވިޑެން މިފަހަރުގެ ޔޫރޯގެ ދެވަނަ ބުރަށް ދިއުމުގެ އުއްމީދު މިވަނީ އާ ކޮށްފައިވާއިރު، މިވަގުތު އެޓީމު އޮތީ ގުރޫޕް އީގެ އެއްވަނައިގައެވެ. ދެ މެޗުން ސްވިޑެން އަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. ސްލޮވާކިޔާއަށް 2 މެޗުން 3 ޕޮއިންޓް ލިބިފައިވެއެވެ. އަދި ސްޕެއިން އަށް 1 ޕޮއިންޓް ލިބިފައިވާއިރު ގުރޫޕް އީގެ އެންމެ ފުލުގައި އޮތް ޕޮލެންޑަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ސްލޮވާކިއާ އިން މިމެޗަށް ފަރިތަކުރަމުން ދަނިކޮށް އެޓީމްގެ އޮފިޝަލަކާއި ކުޅުންތެރިއެއް ވަނީ ކޯވިޑް-19އަށް ފައްސިވެފައެވެ. ރަޝިއާގެ ކްރެސްޓޯވްސްކީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމަށްވެސް މާ ރަގަނޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މެޗުގައި ލިބުނު މަދު ފުރުސަތުތައް ވެސް އެއްވެސް ޓީމަކަށް ބޭނުމެއް ހިފޭ ގޮތެއް ނުވިއެވެ. މެޗުގެ ފުރަތަމަ ހާފާއި ޚިލާފަށް މެޗްގެ ދެވަނަ ހާފްގައި ސްވިޑެންއިން މޮޅަށް ކުޅެފައިވެއެވެ. އަދި ސްލޮވާކިއާގެ ޑިފެންސްލައިނަށް ބާރު ބޮޑު ކުރަމުންދިޔައެވެ. އަދި ސްވިޑެންއިން އުފެއްދި ގިނަ ހަމަލާތައް ވަނީ ސްލޮވާކިއާގެ ކީޕަރު ޑުބްރާވްކާ މަތަކޮށްފައެވެ.

މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗްގެ 75ވަނަ މިނެޓްގައި ސްވިޑެންއަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އެމިލް ފޯސްބާގްއެވެ. މީގެ އިތުރުން ވެސް ސްވިޑެންއަށް ލަނޑު ޖަހާނެ ދެ ތިން ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. ސްވިޑެންއިން ލީޑުގައި އޮވެ، މެޗް ނިމެންދިޔަ ވަރަކަށް ސްލޮވާކިއާއިން ދިޔައީ ސްވިޑެންގެ ހާފްގެ ތެރޭގައި ކުޅެ، ސްވިޑެންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ސްލޮވާކިއާއިން އެޓޭކަށް ވިސްނައިގެން ކުޅެމުން ދިއުމާއި ގުޅިގެން ސްވިޑެންއިން ވަނީ އެޓީމަށް ލިބިފައިވާ ލީޑް ދިފާއު ކުރުމަށް ފަހަތަށް ފައިބައިގެން ލީޑް ދިފާއު ކުރުމަށް މަސައްކަތްކޮށްފައެވެ. އަދި މެޗް ނިމިފައިވަނީ ސްވިޑެން ކުރީގައި އޮވެގެންނެވެ.

އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފައިވާ ސްލޮވާކިއާއަށް ވެސް ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ގުރޫޕްގެ ފަހު މެޗުގައި ސްޕެއިންގެ މައްޗަށް ކުރި ހޯދައިގެން އެޓީމަށް ދެވަނަ ބުރުން ފުރުސަތު ލިބޭނެއެވެ.