ރާއްޖެއިން އިތުރު 218 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައިވަނީ 86 މީހުންނެވެ. ވޭތުވެދިޔަ 24ގަޑިއިރު 1،000އަށްވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފަވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ބުދަ ދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 06:00އާ ހަމައަށް އަލަށް ޕޮޒިޓިވްވި 218 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 86 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 116 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 13 މީހަކާއި ތަރައްޤީ ކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި 3 މީހުންނެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ޖުމްލަ 71،356މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރުވަނީ ހަތް ހާހުން ދަށްވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދަކީ 6،930އެވެ. މިދިޔަ މަހުގެ މެދުތެރޭގައި އެކްޓިވް ކޭސްތަކުގެ ޢަދަދު އުޅުނީ 24،000އިން މަތީގައެވެ. ނަމަވެސް ޖޫން މަހު މި ޢަދަދު މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން 67 މީހުންނަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.
ހާހަކަށްވުރެ ގިނަ މީހުން ވޭތުވެދިޔަ 24 ގަޑިއިރު ބަލިން ރަނގަޅުވެފަވެއެވެ. އެޗްޕީއޭއިން ހާމަކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އަލަން ބަލިން 1،034މީހުން ރަނގަޅުވެފައިވެއެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 64،214 އަށް އިތުރުވެފައެވެ. މި ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،247 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.
ރާއްޖޭގައި ކޯވިޑް ބަލީގަ ނިޔާވި މީހުންގެ އަދަދުވަނީ 201އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 184 ދިވެހިންނާ 17 ބިދޭސީންނެވެ.