ޚަބަރު

ކޯވިޑް ބަލީގައި ނިޔާވި މީހުން އަދަދު 200 އިން މައްޗަށް


ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދު 200އަށްވުރެ އިތުރުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑަށް ފަރުވާ ކުރަމުންދަނިކޮށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލައިގަ ނިޔާވެފައިވަނީ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިމީހާ ނިޔާވެފައިވަނީ މިއަދު ހަވީރު 05:44 ހާއިރު ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިމީހާއެކު ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި މީހުންގެ ޢަދަދުވަނީ 201އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 184 ދިވެހިންނާއި 17 ބިދޭސީންނެވެ. މިބަލީގައި އެންމެ ފަހުން މީހަކު ނިޔާވެފައިވާ ކަމަށް އެޗްޕީއޭއިން ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުދަދުވަހުއެވެ. އެދުވަހު ނިޔާވެފައިވަނީ ލ.އަތޮޅު ކޯވިޑް ފެސިލިޓީއާއި ގދ.ތިނަދޫ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދެމީހުންނެވެ.

ކޯވިޑް ރާއްޖޭގައި ފެތުރޭ މިންވަރު އިތުރުވެފައިވާއިރު މިއީ ދުނިޔޭގައި އަލަށް ފެތުރެން ފަށާފައިވާ ކޯވިޑް ވޭރިއަންޓްގެ ސަބަބުން ދިމާވާކަމެއްކަމަށް އޮތީ ބެލެވިފައެވެ. މިއާއެކު އެންމެ ފަހުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ހެދި ސީކުއެންސް ސާމްޕްލިންގައި ރާއްޖެއިން ފޮނުވި 30 ސާމްޕަލްގެތެރޭގައި 6 ވައްތަރެއްގެ ކޯވިޑް ވޭރިއެންޓު އުޅޭކަން ވަނީ ހާމަވެފައެވެ. މީގެތެރޭގައި އެންމެ ބާރަށް މިހާރު ފެތުރެމުން އަންނަ އިންޑިއާގެ ޑެލްޓަރ ވޭރިއެންޓް އާއި ޔޫކޭގެ އަލްފާ ވޭރިއެންޓްވެސް ވަނީ ފެނިފައެވެ.