ތަރައްްޤީ

މިލަންދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ޕޭވިންގ މަސައްކަތްތައް ފަށައިފި


ށ. މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ޕޭވިންގ މަސައްކަތް، ރަސްމީކޮށް ފަށައިފިއެވެ.

މިލަންދޫ މަގުހެދުމުގެ މަޝްރޫއުގެ ތެރެއިން ޕޭވިންގ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކުއެވެ.

މިލަންދޫ މަގުހެދުމުގެ މަޝްރޫއުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ މާރޗްމަހުގެ 12 ވަނަ ދުވަހުއެވެ. އަދި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ 705 ދުވަސް ތެރޭގައެވެ. މި މަޝްރޫއުގެ އަގަކީ 156.4 މިލިއަން ރުފިޔާއެވެ.

މިލަންދޫ މަގުހެދުމުގެ މަޝްރޫއުގެ ދަށުން 8 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޑިޒައިން އެންޑް ބިލްޑު އުސޫލުން އާރުޑީސީއާއި ހަވާލު ކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މިމަޝްރޫއުގެ ދަށުން 6.15 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވޭނެއެވެ.

މިލަންދޫގެ މަގުހެދުމުގެ މަޝްރޫގެ ދަށުން ޕޭވިން އެޅުމުގެ މަސައްކަތް ފެށުމަށް ބޭއްވި އާރްޑީސީގެ އެމްޑީ ވިދާޅުވީ މި މަސައްކަތް ނުނިމި ލަސްވާން މެދުވެރިވީ ކޯވިޑްގެ ސަބަބުން ދަތުރުފަތުރުކުރުމާއި އެއްތަނުން އަނެއްތަނަށް ތަކެތި ފޮނުވުމުގައި ދިމާވި ދަތިތަކާއި ގުޅިގެން ކަމަށެވެ. އަދި މިފަދަ ބޮޑެތި މަސައްކަތްތަކަށް ބޭނުންވާ ސާމާނަކީ ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ތަކެތިކަމަށްވުމުން ބައިނަލްއަޤުވާމީ ދަތުރުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާހުރެ ރާއްޖެ ގެންނަންޖެހޭ ތަކެތި ގެނައުމުގައި ދިމާވި ދަތިތަކުގެ ސަބަބުންވެސް މަސައްކަތް ލަސްވިކަމަށް މުސާ އަލިމަނިކު ވިދާޅުވިއެވެ.

ނަމަވެސް ކޮވިޑް19ގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކާއެކުވެސް މި މަޝްރޫޢު ކުރިޔަށް ގެންދިއުމުގައި އެކަށީގެންވާ ކުރިއެރުމެއް ހޯދައިފައިކަން އޭނާ ފާހަގަކުރެއްވިއެވެ. .

“މިހާރު ކުރެވެމުންދާ މުހިންމު މަސައްތަތަކަށް ބަލާއިރު، ރޯޝަނީމަގުގެ ކޮންކްރީޓް ކީވޯލްގެ މަސައްކަތާއި ކާބްސްޓޯންގެ މަސައްކަތާއި ޕޭވިންގެ މަސައްކަތަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިންމުމުގެ އިތުރުން މުޅި މަޝްރޫޢުގެ ސްޓޯމް ވޯޓަރގެ މަސައްކަތާ ގުޅިގެން ފުރިހަމަކުރަންޖެހޭ ޕްރޮކިއުމަންޓްގެ މަސައްކަތްތަށް ފެށިގެން ކުރިޔަށް ދާކަމުގައި ދަންނަވަން. އާދެ މި ހާތަނަށް މުޅި މަޝްރޫގެ 18 އިންސައްތަ މަސައްކަތް ނިމިފައިވާކަމުގައި ދަންނަވަން.” އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު ވިދާޅުވިއެވެ.

2500 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ މިލަންދޫގެ މަގުތައް މީގެ ކުރިން އޮތް ގޮތުން އެރަށުގެ ރައްޔިތުންނަށް ގިނަ ދަތިތަކާއި ކުރިމަތިވެއެވެ. އަދި މަގުތަކުގައި ފެން ބޮޑުވުމަކީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. ނަމަވެސް މިލަންދޫ މަގުތައް ހަދާ ނިމުމުން މިހާރު އެރަށު ރައްޔިތުންނަށް ދިމާވަމުން އަންނަ ދަތިތަކަށް ހައްލު ލިބިގެންދާނެއެވެ. އެގޮތުން އެންމެ ބޮޑު ކަމެއްގެ ގޮތުގައި މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލައަށް ހައްލު ލިބިގެން ދާނެއެވެ.

މިމަޝްރޫއުގެ ތެރެއިން މިހާރު ވަނީ އެރަށު ޝަހީދު އަލީ ހިނގުން ފިޔަވާ ހުރިހާ މަގެއްގައި ހޮޅި ވަޅުލާ ނިމިފައެވެ. އަދި ރޯޝަނީ މަގުގެ ޕައިޕްލައިން އެޅުމުގެ %85 މަސައްކަތް ވަނީ ނިމިފައެވެ.

މީގެއިތުރުން މުޅި މަޝްރޫއަށް ބޭނުންވާ ކާބްސްޓޯން ތައްޔާރު ކުރުމުގެ މަސައްކަތް ފިޔަވާ މަޝްރޫއަށް ބޭނުންވާ އެހެން ހުރިހާ ސާމާނެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ ރޯޝަނީ މަގުގެ ކޮންކްރީޓް ކީވޯލްގެ މަސައްކަތާއި ކާބްސްޓޯންގެ މަސައްކަތާއި ޕޭވިންގ ގެ މަސައްކަތްތަކަށް ވާންޖެހޭ ތައްޔާރީތައްވުމެވެ.