ޚަބަރު

ހިޔާ ފްލެޓްގެ މަސައްކަތް ހަވާލުކުރީ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏާ


ހިޔާ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕްރޮޖެކްޓް ހިންގަން ބިޑް ހުށައެޅި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަގު ހުށައެޅި ކުންފުންޏާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ފްލެޓް ހެދުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ ޔުނިޓެއް 62000 ޑޮލަރަށް ހަދައިދޭ ކުންފުންޏަށެވެ.

ހިޔާ މަޝްރޫޢުގެ އަގުތަކާ ގުޅޭ މަޢުލޫމާތު ޙިއްސާކުރުމަށް ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެދި 5 ކުންފުންޏަކުން ޕްރޮޕޯސަލް ހުށައެޅިކަމަށެވެ. ނަމަވެސް މަސައްކަތް ހަވާލުކުރީ އެންމެ ބޮޑު އަގު ހުށައެޅި ކުންފުންޏާކަމަށެވެ. މަބްރޫކް ވިދާޅުވީ ކޮންޓްރެކްޓް އެކުލަވާލުވުމުގައި ގެއްލުންވާ އެތައް ކަމެއް ފާހަގަކުރެވެން އެބަހުރިކަމަށެވެ.

މަބްރޫކް ވިދާޅުވީ ހިޔާގެ ޔުނިޓްތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކާއި ފެނާއި ކަރަންޓު ނެޓްވޯކް އެޅުމުގެ މަސައްކަތް އެކަނި ހިމެނޭގޮތަށް ކަމަށެވެ. ގޭގައި މުށިޖެހުމާއި، ދޮރު ހަރުކުރުމާއި، ބަދިގޭގެ ކެބިނެޓް ހެދުމާ އަދި ބޮކި ފަންކާ ހަރުކުރުންވެސް ނުހިމެނޭކަމަށެވެ.

"ޗައިނާގެ ކުންފުނިތައް ހިމެނޭހެން 5 ކުންފުނިން ކުރިމަތިލި. އެހެން ހުރިހާ ކުންފުނިތަކުން ޔުނިޓަކަށް ކަނޑައެޅީ 50000އާ 52000 ޑޮލަރު ޔުނިޓަކަށް ޖެހޭ އަގަށް. ނަމަވެސް މަސައްކަތް ހަވާލުކުރީ 62000 ޑޮލަރު ޔުނިޓަކަށް ޖެހޭ ކުންފުންޏާ. އެއީ އެހެން ކުންފުނިތަކަށްވުރެ 10000ޑޮލަރު ބޮޑު އަގެއް." މަބްރޫކް ވިދާޅުވިއެވެ.

މި އަގުތަކާއެކު ހިޔާ ފްލެޓްގެ އަކަފޫޓަކަށް 1637ރުފިޔާ ޖެހެއެވެ. ނަމަވެސް އާއްމުކޮށް މާލޭގައި މިއަށްވުރެ ބޮޑު، ފެންވަރު ރަނގަޅު ތަނެއް ހެދުމަށް ހޭދަކުރަނީވެސް އަކަފޫޓަކަށް 1200އެއްހާ ރުފިޔާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢުގެ 7000 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަނާއެވެ. މަބްރޫކް ވިދާޅުވީ މި ޕްރޮޖެކްޓްގެ ނިންމުންތައް ނިންމާފައިވާގޮތަށް ބަލާއިރު މިއީ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫޢަކަށް އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންގޮސްފައިވާ މަސައްކަތެއް ނޫންކަމަށެވެ. ޕްރޮޖެކްޓް ހިންގުމަށް ނަގާފައިވާ ލޯނަކީވެސް ވިޔަފާރި ނުވަތަ ކޮމާޝަލް ރޭޓުގައި ނަގާފައިވާ ލޯނެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އިމާރާތް ހެދިއިރު ވޭސްޓް މެނޭޖްމަންޓް، ސެކިއުރިޓީ، ކޮމާޝަލް އޭރިއާއެއްގެ ވިސްނުންވެސް ގެންގުޅެފައެއް ނެތް. މި ކަންކަމާ ފްލެޓްގަ ރެއިލިންގ ޖެހުމުގެ މަސައްކަތްތައްވެސް މި ކުރީ މިސަރުކާރުން. ޑައުން ޕޭމަންޓްވެސް ނުނެގުމަށް މިނިންމީ. އެހެންވީމަ ސަރުކާރުން މިހާރު މިވަނީ ގިނަ ކަންކަމަށް ސަބްސިޑައިޒްކޮށްފަ." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ފްލެޓްގެ ލޯން ދައްކާ ހަލާސްކުރުމަށް ސަރުކާރުން ސަބްސިޑައިޒްކޮށް 3.2 ބިލިއަން ރުފިޔާ ދައްކާނެކަމަށެވެ.

ހިޔާ މަޝްރޫޢުގެ ދަށުން 7000ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފެށީ 2017ވަނަ އަހަރުއެވެ. ނިމުނު 2020ވަނަ އަހަރުގެ މެދު ތެރޭގައި ނިންމާ ހަވާލުކުރުމަށް ކޮންޓްރެކްޓް ކުރިނަމަވެސް، މިހާތަނަށްވެސް ފްލެޓްތަކުގެ މަސައްކަތް ނިމިފައެއް ނުވެއެވެ. ސަރުކާރުން މިހާރު ލަފާކުރަނީ އަންނަ މަހުގެ ފަހުކޮޅު ހިޔާ ހައުސިން ޔުނިޓްތައް ހަވާލުކުރެވޭނެކަމަށެވެ.