ޚަބަރު

ބ.އޭދަފުށީގައި އަނެއްކާވެސް ކާފިއު ވަގުތު އިތުރުކުރަނީ


ކޯވިޑްގެ ބަލި ފެތުރޭ މިންވަރު އިތުރުވަމުން ދިއުމާ ގުޅިގެން ބ.އޭދަފުށީގައި ކަރފިއު ވަގުތު އިތުރުކުރަން ނިންމައިފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައިވަނީ އޭދަފުށީގައި މާދަމާއިން ފެށިގެން ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކަރފިއު ވަގުތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އެބަޔާނުގައިވާ ގޮތުން މިވަގުތުގައި އެއްގަމު އުޅަނދު ދުއްވުމާ މަގުމައްޗާ އާންމު ތަންތަނަށް މީހުން ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. ކަރފިއު ވަގުތު އިތުރުކުރަން ނިންމީ އޭދަފުށީ ކައުންސިލްގެ އެދުމުގެ މަތިން ކަމަށް އެޗްޕީއޭއިން ނެރުނު ބަޔާނުގައިވެއެވެ. އޭދަފުށީ ކައުންސިލުން ބުނީ ކާފިއު ގަޑިއަށް ބަދަލު ގެނައުމަށް ނިންމީ ބަލި ފެތުރޭ މިންވަރު އިތުރުވެ ކޮންޓްރޯލް ކުރުމުގައި ދަތިތަކެއް ހުރުމުން އެރަށުގައި ހުންނަ ހޮސްޕިޓަލާއި ފުލުހުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޓާސްކް ފޯސްގެ އެދުމުގެމަތިންކަމަށެވެ.

އޭދަފުށި މޮނިޓަރިންއިން ނެގުމަށް އެއަތޮޅު ހޮސްޕިޓަލާއި އެރަށު ކައުންސިލުން މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ބަލި އޮތްވަރު ދެނެގަތުމަށް ރެންޑަމް ސާމްޕަލް ތަކެއްވަނީ ނަގާފައެވެ. ކާފިއު ވަގުތު އިތުރުކުރީ ރެންޑަމްކޮށް ނެގި މިސާމްޕަލްތަކުގެ ތެރެއިން ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.

އޭދަފުށީގައި އެންމެ ފުރަތަމަ ކާފިއު ހިންގަން ފަށާފައިވަނީ މިދިޔަ މޭމަހުގެ 7 ވަނަ ދުވަހުއެވެ. އޭގެ ފަހުން ބަލި ފެނުން މަދުވުމާ ގުޅިގެން ކާފިއު ގަޑި ރޭގަނޑު 9ން ހެނދުނު 4 އަށް ބަދަލު ކުރިއެވެ.

އޭދަފުށިން ކޯވިޑް ބަލި ރަށު ތެރެއިން ފެނުނީ މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން މިހާތަނަށް 304 މީހަކު ވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން މިހާރު ބަލިން ރަނގަޅުނުވެ ތިބީ 21 މީހުންނެވެ. މިބަލީގައި އޭދަފުށިން ދެމީހަކުވަނީ ނިޔާވެފައެވެ.