ސިއްހަތު

ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި


ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސްގެ މަޤާމަށް ކުރިމަތިލުމަށް ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ، މިމަޤާމަށް ޝަޢުގުވެރިވާ ފަރާތްތަކަށް މިމަހުގެ 23ގެ ނިޔަލަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. މިމަޤާމުގެ މުސާރައަކީ މަހަކު 54,430 ރުފިޔާއެވެ. އަދި ސަރވިސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 530 ރުފިޔާ ލިބޭނެއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސްގެ މައިގަނޑު މަސްއޫލިއްޔަތަކާއި ވާޖިބުތަކުގެ ތެރޭގައި ޞިއްޙީ ދާއިރާ ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށާއި، ދާއިރާއަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ފަހިކޮށްދިނުމަށާއި އެކިއެކި ޕްލޭންތަކާއި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް އެކުލަވާލުމަށާއި، ބޭނުންވާ ފަންނީ ވިސްނުން މިނިސްޓަރއަށް ހިއްސާކޮށް އިރުޝާދުދިނުން ހިމެނެއެވެ. އަދި ސިއްޙީ ދާއިރާއިން ތަންފީޒުކުރަމުންދާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، ބައިވެރިވާ އެހެނިހެން ބައިނަލްއަޤްވާމީ އެއްބަސްވުންތައް ތަންފީޒުކުރުމުގައި ފަންނީ އަދި ޓެކްނިކަލްގޮތުން ބޭނުންވާ ކަންކަން ދެނެގަނެ، އެކަންކަން މިނިސްޓަރަށާއި ޕޮލިސީ ނިންމުމުގައި ޝާމިލްވާ އޮފިޝަލުންގެ ސަމާލުކަމަށް ގެނައުމާއެކު، އެކަންކަމާ ގުޅުން ހުރި ތަންފީޒީ ޙަރަކާތްތައް ވިލަރެސްކުރުމާއި ޢަމަލީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މުރާޖަޢާކުރަމުން ގެންދިއުން ހިމެނެއެވެ.

ހަމައެހެންމެ ސިޔާސީ ގޮތުންނާއި ފަންނީގޮތުން ކަނޑައަޅާ ޞިއްޙީ ދާއިރާގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ރާއްޖެއިން ބޭރު ޤައުމުތަކުގެ އެހީތެރިކަން ހޯދުމުގެ ގޮތުން ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ބޭނުންވާ އިރުޝާދު ދިނުމަކީވެސް އެ ބޭފުޅެއްގެ މަސްއޫލިއްޔަތެކެވެ. މީގެ އިތުރުން ސިއްޙީ ދާއިރާއިން ބިނާކުރަންޖެހޭ ފަންނީ ހުނަރުވެރިކަން ދެނެގަނެ، އެ ޤާބިލުކަން ޔަޤީން ކުރުމަށްޓަކައި ބޭނުންވާ ފުރުޞަތުތައް ހޯދުމަށް ޔުނިވަރސިޓީތަކާއި އެހެނިހެން މުއައްސަސާތަކާއެކު މަޝްވަރާކޮށް، އެ ކަމަށް މަގުފަހިކޮށްދިނުމާއި އެ ދާއިރާ ހިންގުމަށާއި ޚިދުމަތްދިނުމަށް ބޭނުންވާ ގިންތިތަކަށް އެކަށީގެންވާ މިންވަރަށް ރާއްޖެއިން ދިވެހީން ތަމްރީނުކުރުމަށްޓަކައި ޞިއްޙީ ދާއިރާގެ މަތީ ތައުލީމު ދޭ މުއައްސަސާތަކާއެކު މަޝްވަރާކޮށް ބޭނުންވާ ކޯސްތައް ތައްޔާރުކުރުމަށް އެ މުއައްސަސާތަކަށް ލަފާދީ، އެ މުއައްސަސާތަކާއެކު ގުޅުން ބަދަހިކުރުންވެސް ހިމެނެއެވެ.

ދިވެހިރާއްޖެއަށް ކުރިމަތިވާ ކާރިސާތަކާ ގުޅިގެން ޞީއްޙީ ދާއިރާގެ ފަންނީ ލަފާދޭ އިސް މީހެއްގެގޮތުން ކަމާގުޅުން ހުރި އެހެން ދާއިރާތަކާއެކު މަޝްވަރާކޮށް ވިލަރެސްކުރުމަކީވެސް ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭކަމެކެވެ. މި މަޤާމުގެ ޝަރުތުތަކުގެ ތެރޭގައި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، އެމްއެމްޑީސީ ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައި ވުމާއެކު، އެމްއެމްޑީސީ ގަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައި ވުމާއެކު، އަދި އެ ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވާން ޖެހެއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސްގެ ޝަރުތުތަކުގެ ތެރޭގައި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ 3 ނުވަތަ 4 އަހަރު ދުވަހަށްވުރެ ކުރުނޫން އެމް.ޑީ/އެމް.އެސް ނުވަތަ އެއާއި އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލިޓީއަކުން ނުވަތަ ސަބް-ސްޕެޝަލްޓީއަކުން ހާސިލްކޮށްފައިވުމާއެކު، އެކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވާ މީހަކަށްވާންޖެހެއެވެ. އަދި ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި މަސައްކަތްކޮށް މަދުވެގެން 3 އަހަރު ދުވަހުގެ ކްލިނިކަލް ދާއިރާގެ މަސައްކަތު ތަޖުރިބާ ލިބިފައިވާން ޖެހޭނެ ކަމަށް ސީއެސްސީގެ އިއުލާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމީހަކީ ޞިއްޙީ ދާއިރާގެ ހިންގުމުގެ މަސައްކަތުގައި މަދުވެގެން 3 އަހަރު ދުވަހުގެ ހިންގުމުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ އަދި ޖުމުލަ 8 އަހަރު ދުވަހުގެ ޞިއްޙީ ދާއިރާގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެކަމަށްވެސް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ.