ޚަބަރު

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަރޓިފިޝަލް ބީޗަށް މިހާރު ފަސޭހައިން އެރެވޭނެ


ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން މޫދަށް އެރި އުޅެވޭނެ ގޮތް ހަމަޖެއްސުމަށް އަރޓިފިޝަލް ބީޗްގައި ހެދި ރޭމްޕްގެ މަސައްކަތް ނިންމާ ބޭނުންކުރަން ހުޅުވާލައިފިއެވެ.

މިއީ އެމްޓީސީސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން އުޅެވޭނެ މާޙައުލެއް ޤާއިމުކުރުމުގެ މަސައްކަތް އެކި ގޮތްގޮތުން އަންނަނީ ކުރަމުންނެވެ. މިހާރު ތަރައްޤީކުރާ ގިނަ ޕްރޮޖެކްޓްތައްވެސް ފަރުމާކުރަނީ މިކަމަށް ބަލައިގެންނެވެ. ޕާކުތަކާއި ސްކޫލްތަކާ އިޖުތިމާޢީ އެއްވުންތަކަށް ހަދާ ތަންތަނުގެ އިތުރުން މަގުތަކުގެ ފަރުމާތަކުގައިވެސް މިފަދަ ބަދަލުތައް ހިމަނަން ވަނީ ފަށާފައެވެ.

މިގޮތަށް އެންމެ މުހިންމު އެއް މަސައްކަތެއް ކޮށްފައި މިވަނީ އަރޓިފިޝަލް ބީޗްގައެވެ. މާލޭގައި މޫދަށް އެރޭ 3 ސަރަޙައްދު އޮންނައިރު މީގެއިން އެއްވެސް ސަރަޙައްދަކީ، ޙާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭ ތަންތަނެއް ނޫނެވެ. އަރޓިފިޝަލް ބީޗާއި މޫދަށް އެރޭ ޓްރެކް ސަރަޙައްދަކީ އެތަން ޙިމާޔަތްކުރުމަށް ވަށައިގެން ބޮޑުހިލަ ޖަހާފައިވާ ތަންތަންކަމަށް ވާތީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެތަންތަން ބޭނުންކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ޚާއްސަކޮށް ހިނގާ ބިނގާވެ އުޅޭ މީހުންނަށް މިފަދަ އެއްވެސް އުފާވެރިކަމެއް ނުލިބެއެވެ.

އަރޓިފިޝަލް ބީޗްގެ މޫދަށް އެރޭ ސަރަޙައްދަށް ބަދަލުގެނެސް، އެތަނަކީ ނުޅުޅެދުންތެރިކަން ހުންނަ މީޙުންނަށް ބޭނުން ކުރެވޭތަނަކަށް މިހާރުވަނީ ހަދާފައެވެ. މިއީ މިފަދަ މީހުންނަށް ޚާއްސަކޮށްގެން މާލޭގައި ތަރައްޤީކުރާ ފުރަތަމަ ރޭމްޕެވެ. ރޭމްޕްގެ މަސައްކަތް މިހާރުވަނީ މުޅިން ނިންމާފައެވެ.

ނުކުޅެފުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން މޫދަށް ފޭބޭނެހެން އަރޓިފިޝަލް ބީޗްގައި ހެދި ރޭމްޕްގެ މަސައްކަތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން، އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

މި މަސައްކަތް ފެށީ މިއަހަރުގެ މަރޗްމަހު ފަހުކޮޅުއެވެ. މި މަސައްކަތް މިމަހުގެ 13 ވަނަ ދުވަހު ވަނީ މުޅިން ނިންމާފައެވެ. ރޭމްޕްގެ އިތުރުން ހެދުން ޝޭޑިންގ ހަޓަކާ، ގޮނޑީތަ ތިބޭމީހުން ކޯޅަށް ތެދުވެލަން ފަސޭހަކުރުމަށް ޗޭންޖިންގ ހޮއިސްޓެއްވަނީ ހަދާފައެވެ.

އަލަށް މި ހެދި ރޭމްޕާއެކު މުޅި އަރޓިފިޝަލް ބީޗަކީވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންކުރެވޭ ތަނަކަށް މިވަނީ ވެފައެވެ. އަރޓިފިޝަލް ބީޗްގެ ފަރުމާގައިވެސް ރޭމްޕްތައް ހިމަނާފައިވެއެވެ.

އެމްޓީސީސީން އާޓިފިޝަލް ބީޗުގައި ރޭމްޕެއް ހަދާފައިވާއިރު މި މަސައްކަތްތަކާއެކު ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން މޫދަށްއެރި އުޅެވޭނެއެވެ. އަދި މިއީ އެފަދަ މީހުންނާ އާއިލާތަކަށްވެސް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.