ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރުމަށް މިފަހަރު ރަޝިއާގައި ފޮޓޯ މައުރަޒެއް


ރަޝިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ފޮޓޯ މައުރަޒެއް ފަށައިފިއެވެ.

މި ފޮޓޯ މައުރަޒު ކުރިއަށްގެންދަނީ ނެޝަނަލް ޖިޔޮގްރަފިކް ރަޝިއާއާއި ގުޅިގެންނެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މި ފޮޓޯ މައުރަޒުގެ ބޭނުމަކީ ދިވެހިރާއްޖެ ރަޝިއާ މާކެޓުގައި އިތުރަށް އިޝްތިހާރުކޮށް މަޤުބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުންކަމަށެވެ. މި ފޮޓޯ މައުރަޒު ރަޝިޔާގެ 2 ސިޓީއެއްގައި ކުރިއަށްދާނެއެވެ. އެންމެ ފުރަތަމަ ފޮޓޯ މައުރަޒު ފަށާފައިވަނީ ރަޝިއާގެ މޮސްކޯގައެވެ. މޮސްކޯގައި ފޮޓޯ މައުރަޒު ކުރިއަށްދާނީ މި މަހުގެ 16 އިން 30 ގެ ނިޔަލަށެވެ. އެއަށްފަހު ދެން ފޮޓޯ މައުރަޒު ކުރިއަށްދާނީ ސެން ޕީޓަރސްބަރގްގައެވެ.

މޮސްކޯގައި ފޮޓޯ މައުރަޒު ކުރިއަށްދަނީ ތްވެރޮސްކޮއި ބޮލިވާޑްގައެވެ. މިއީ މޮސްކޯގައި ގިނަ އަދަދެއްގެ މީހުން ހިނގާބިގާވެ އުޅޭ އެންމެ މައި މަގެވެ. އަދި ސެން ޕީޓަސްބަރގް ގައި މައުރަޒު ކުރިއަށްދާނީ ކިރޯވް ސެންޓްރަލް ޕާކް ގައެވެ. މި ޕާކަކީ ސެން ޕީޓަސްބަރގްގެ ސަގާފީ ހަރަކާތްތަކާއި ކުޅިވަރުގެ ރަކާތްތަކަށް މަޝްހޫރު ޕާކެކެވެ. އަދި މި ޕާކަކީ އެކި އުމުރުގެ މީހުން ޒިޔާރަތްކޮށް އުޅޭ ޕާކެކެވެ.

މި ފޮޓޯ މައުރަޒު މި ބާއްވަނީ ރަޝިއާގެ ހޫނުމޫސުމުގެ ދުވަސްވަރާއި ދިމާކޮށެވެ. ވިޒިޓް މޯލްޑިވްސްއިން ބުނީ 3 ނުވަތަ 5 މިލިޔަން މީހުންނަށް ފޮޓޯ މައުރަޒް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުވެގެންދާނެކަމަށެވެ. މި ފޮޓޯ މައުރަޒުގައި ރާއްޖޭގެ ތަފާތު އެކި ފޮޓޯތައް ފެންނާނެހެން ވަނީ ބަހައްޓާފައެވެ. އޭގެތެރޭގައި ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކާއި، ތިމާވެށި ފެންނަ ފޮޓޯތަކާއި، ސަގާފީ ހަރަކާތްތަކުގެ ފޮޓޯތައް ހިމެނެއެވެ.

މި ފޮޓޯތަކުން ރާއްޖޭގެ ފަތުރުވެރިކަމުގައި ހިމެނޭ ހަތަރު ޕްރޮޑަކްޓްވެސް އިޝްތިހާރުކުރާނެއެވެ. އެއީ ރިސޯޓް، ގެސްޓްހައުސް، ލިވަބޯޑް އަދި ހޮޓެލްއެވެ. މީގެއިތުރުން ރާއްޖެއިން ކުރެވޭ ތަފާތު ތަޖުރިބާތައް ފެންނަ ފޮޓޯތައްވެސް ވަނީ ބަހައްޓާފައެވެ. އޭގެތެރޭގައި ފެހުރިހި ބެލުމަށް ފީނުން، ސީޕްލޭން ގައި ދަތުރުކުރުން އަދި ރާޅާއެޅުން ހިމެނޭ ފޮޓޯތައް މައުރަޒުގައި ދައްކާނެއެވެ.

މައުރަޒްގެ އިތުރުން ނެޝަނަލް ޖިއޮގްރަފިކް ރަޝިޔާ ވެބްސައިޓާއި، ސޯޝަލް މީޑިޔާގައި ފޮޓޯތައް ފެންނަން ހުންނާނެއެވެ. އަދި މައުރަޒާއި ބެހޭގޮތުން 3 އާޓިކަލް ނެޝަނަލް ޖިއޮގްރަފިކް އިން ލިޔާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މި މައުރަޒުގެ ފޮޓޯތަކާއި ގުޅިގެން ލިޔެވޭ އާޓިކަލްތައް ރަޝިޔާ މާކެޓައް އަމާޒުކޮށް ފޭސްބުކް ވީކޭ އަދި ޓެލެގްރާމްގައި ހަދާފައިވާ އެކައުންޓްތަކުން ހިއްސާ ކުރާނެއެވެ.

ރަޝިއާ މާކެޓުގައި ދިވެހި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ގިނަ ހަރަކާތެއް މިއަހަރު މިހާތަނަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. ވިޒިޓް މޯލްޑިވްސް ވަނީ ރަޝިއާގެ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ޝޯ ކަމުގައިވާ މޮސްކޯ އިންޓަނޭޝަނަލް ޓްރެވެލް ޓްރޭޑް ފެއާ ގައި ބައިވެރިވެފައެވެ. މި އިވެންޓްގައި ދިވެހި ރާއްޖެވަނީ 'ބެސްޓް އައިލެންޑް ޕްރެސެންޓޭޝަން' ގެ އެވޯޑާއި "ބްރައިޓް އެގްޒިބިޓިން އެވޯޑް ހޯދާފައެވެ. މީގެ އިތުރުން ރަޝިއާ މާކެޓުގައި ދިވެހި ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ރަޝިއާގެ ހަތަރު ސިޓީއެއްގައި ވިޒިޓް މޯލްޑިވްސްއިން ވަނީ ރޯޑް ޝޯވއެއްވެސް ބާއްވާފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމަކީވެސް ރަޝިއާއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 9 ވަނަ ދުވަހާއި ހަމައަށް ރަޝިއާއިން ރާއްޖެއަށް 111628 ފަތުރުވެރިން ވަނީ އައިސްފައެވެ. ކޯވިޑް19ގެ ކުރިން ރަޝިއާ ހިމެނެނީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުގެ ގޮތުގައެވެ.