ކުޅިވަރު

ސްޓޭޓް މުބާރާތުގައި ވާދަކުރުން އަބަދުވެސް ލިބޭ ފުރުސަތެއް


އިންޑިއަން ގްރާންޑް ޕްރިކްސް އެތްލެޓިކްސް މުބާރާތުގައި ވާދަކޮށް ރާއްޖޭގެ އެތްލީޓުންނަށް ކުރިއެރުންތަކެއް ހޯދޭނެކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

އިންޑިޔާގެ ސްޓޭޓްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޑިއަން އިންޓަރ ސްޓޭޑް އެތްލެޓިކްސް ޗެންޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރުމަށް ނިންމައި، ޓީމްވެސް އެކުލަވާލާފައިވާކަމ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް މަޢުލޫމާތުދެއެވެ. މިމުބާރާތުގައި ރާއްޖެއިން 5 އަންހެން އެތްލީޓުންނާއި 4 ފިރިހެން އެތުލީޓުން ވާދަކުރެއެވެ. މޭއި އަދި ޖޫން މަހުގައި އޮލިމްޕިސް ކޮލިފިކޭޝަންގެ ދުވުންތައް އޮންނަ އިރުގައި އޮލިމްޕިކްސްއަށް ކޮލިފައިވުމަށް ދުވާ ދުވުންތެރިންނަށް މިއީ ވާރަށް ރަގަނޅު މުބާރާތެއްކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަޙުމަދު މުންތަގިމް ވިދާޅުވިއެވެ.

އިންޑިއަން އިންޓަރ ސްޓޭޓް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އިތުރުން ބަންގްލާދޭޝް، ސްރީލަންކާ، ބޫޓާން، ޕިލިޕީންސް އަދި ކަޒަކިސްތާނުން އެތުލީޓުން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. މުންތަގިމް ވިދާޅުވީ މުބާރާތުގައި ބައިވެރިވުމަށް މި ގައުމު ތަކަށް އިންޑިޔާގެ އެތްލެޓިކްސް ފެޑެރޭޝަނުން ދައުވަތު ދީފައިވާކަމަށެވެ.

މީގެ ކުރިންވެސް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ 2019 އަދި 2014ވަނަ އަހަރުވެސް އިންޑިޔާގެ އިންޓަރ ސްޓޭޓް މުބާރާތުގައި ވާދަކޮށްފައެވެ. އިންޑިޔާގެ ފެޑެރޭޝަންއާއި އޮންނަ ގުޅުމުގެ ސަބަބުން ސްޓޭޓްގެ އިތުރުން އިންޑިޔާގައި ބާއްވާ އެހެން މުބާރާތްތަކަށް ވެސް އެފެޑެރޭޝަނުން ދައުވަތު ދޭކަމަށް މުންތަގިން ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިޔާގެ އެތްލެޓިކްސް ފެޑެރޭޝަނާއެކު އޮންނަ ގުޅުމުގެ ސަބަބުން މީގެ ކުރިންވެސް މިފަދަ ވަރަށް ގިނަ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވެއެވެ. މީގެ ސަބަބުން ރާއްޖޭގެ އެތުލެޓިކްސްއަށް ވަރަށް ބޮޑު ފައިދާއެއް ކުރާކަމަށްވެސް މުންތަގިމް ވިދާޅުވި. އަދި ރާއްޖެއިން މިމުބާރާތުގައި ވާދަކުރާއިރު، ތަމްސީލް ކުރާނީ ދިވެހި ރާއްޖެކަމަށް ވެސް މުންތަގިން ވިދާޅުވިއެވެ. މިހާތަނަށް ރާއްޖޭގެ ދުވުންތެރިން ހޯދާފައިވާ ގިނަ ކާމިޔާބީތަކުގައި އިންޑިޔާގެ ދައުރު ވަރަށް ބޮޑުކަމަށް ވެސް މުންތަގިން ވިދާޅުވިއެވެ.

އެތެލްޓިކްސްގެ އިތުރުން ރާއްޖޭގެ ބެޑްމިންޓަނުން ވެސް ވަނީ މީގެ ކުރިން މެލޭޝިޔާގެ ސްޓޭޓް މުބާރާތްތަކުގައި ވާދަކޮށްފައެވެ. ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންގެ އިތުރުން ވަކިވަކި ކުޅުންތެރިން ވެސް ވަނީ އެކިގައުމްތަކުގެ ސްޓޭޓް މުބާރާތުގައި ވާދަކޮށްފައެވެ. މިއަހަރު މޯލްޑިވްސް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ވެސް ވަނީ އިންޑިޔާގެ ސްޓޭޓް މުބާރާތުގައި ވާދަކުރުމަށް ނިންމާފައެވެ. ނަމަވެސް ކޯވިޑް-19އާއި ގުޅިގެން އިންޑިއާގެ ސްޓޭޓް މުބާރާތުގައި ވާދަކުރުން މިހާރު މަޑުޖެހިފައިވާކަމަށް މޯލްޑިވްސް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މަޢުލުމާތުދެއްވިއެވެ.