ޚަބަރު

އިތުރު 820 މީހަކު ވެކްސިން ފުރިހަމަކޮށްފި


ރާއްޖޭގައި އިތުރު 820 މީހަކު ކޯވިޑް-19ގެ ވެކްސިންގެ 2ވަނަ ޑޯޒް ފުރިހަމަކޮށްފިއެވެ. މިއާއެކު ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 180،256 އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑުން ދިފާޢުވުމަށް ވެކްސިންގެ 2ވަނަ ޑޯޒް ޖެހި 820 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ވެކްސިން ޖެހި 312 މީހަކާއި، އަތޮޅުތަކުން ވެކްސިން ޖެހި 508 މީހުންނެވެ. މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 180،256 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 344 މީހަކު ވަނީ ޖަހާފައެވެ. އޭގެ ތެރޭގައި މާލެއިން ފުރަތަމަ ޑޯޒް ޖެހި 249 މީހަކާއި، އަތޮޅުތަކުން ވެކްސިން ޖެހި 95 މީހަކު ހިމެނެއެވެ. ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 314،538 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި 2ވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 2 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އާދެއެވެ. އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.