ތިމާވެށި

60 އަށްވުރެ ގިނަ ރަށުގައި ސޯލާރ ޕީވީ ހައިބްރިޑް ސިސްޓަމް ދަނީ ޤާއިމުކުރަމުން: މިނިސްޓަރ ޝައުނާ

ރާއްޖޭގެ 60 އަށްވުރެ ގިނަ ރަށުގައި ސޯލާރ ޕީވީ ހައިބްރިޑް ސިސްޓަމްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސައިންސް އެންޑް ޓެކްނޯލޮޖީގެ ދެވަނަ ސަމިޓުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އޮންލައިންކޮށް ކުރިއަށްދިޔަ މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ، ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ޤައުމަކަށްވެފައި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ބޮޑު ކަމަށެވެ. އަދި، ކޯވިޑް-19 ގެ ސަބަބުން މިހާރު ހުރިހާ ޤައުމެކޭވެސް އެއްފަދައިން ރާއްޖޭގެ އިޤްތިޞާދަށްވެސް އަސަރުކޮށްފައިވާކަމަށާއި، ރާއްޖެއަކީ އިމްޕޯޓަށާއި، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، ކޯވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރ ބަންދުކުރުމާއި ބޭރު ޤައުމުތަކާއި ދެމެދު އޮންނަ ދަތުރުފަތުރުގެ ކަންކަމަށް ބުރޫއަރާފައި ވުމާއެކުވެސް، ކާބޯތަކެތެއްޗާއި އެނަރޖީ ސެކިއުރިޓީއަށް އޭގެ އަސަރު ނުކުރީ ދިވެހި ސަރުކާރު އެކަމަށް ރަނގަޅަށް ތައްޔާރުވެފައި އޮތުމުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަކީ މުހިއްމު ކަމަކަށްވާތީ، ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތްތަކާއި، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށްގެންދާ ކަމަށެވެ. އަދި ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އަޕްޑޭޓެޑް އެކްޝަން ޕްލޭން ނުވަތަ ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ގައި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް ހިމަނާފައިވާނެކަމަށާއި ބޭނުންވާ ވަރަށް ޓެކްނޮލޮޖިކަލް އަދި ފައިސާގެ އެހީ ލިބިއްޖެނަމަ 2030 ވަނަ އަހަރު އަންނަން ވާއިރަށް ދިވެހިރާއްޖެ ނެޓް ޒީރޯ ޤައުމަކަށް ހެދުމަށް ކަނޑައަޅާފައިވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.


މިނިސްޓަރ ވިދާޅުވީ، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކޮންމެ އަތޮޅަކުން މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ހިމެނޭގޮތަށް ހިމާޔަތްކުރުމަކީ މިސަރުކާރުގެ ވަޢުދެއްކަމަށާއި އަދި އަތޮޅުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށް މުޅި އަތޮޅު ބަޔޯސްފިއަރ ރިޒަރވެއްގެ ގޮތުގައި ކަނޑައަޅާނެކަމަށަވެ. އަދި މީހުންގެ ސިއްޙަތާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް، ރާއްޖެއަށް ވަކި ބާވަތެއްގެ ޕްލާސްޓިކް އެތެރެކުރުމާއި، އުފެއްދުމާއި ބޭނުންކުރުން މަނާކޮށް، ތިމާވެއްޓާއި ރައްޓެހި ތަކެތި ޕްރޮމޯޓް ކުރުމުގެ ގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސް އައުޓް ޕްލޭން ތަންފީޒު ކުރަން ފަށާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

2030 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެ ނެޓު ޒީރޯ ޤައުމަކަށް ހެދުމަށްޓަކައި، ރާއްޖޭގެ 60 އަށްވުރެ ގިނަ ރަށުގައި ސޯލާރ ޕީވީ ހައިބްރިޑް ސިސްޓަމްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި، ރާއްޖެއަށް ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމަށް ނެޝަނަލް ރިޒިލިއެންސް އެންޑް ރިކަވަރީ ޕްލޭންގައިވާ ގޮތަށް، ގަވަރމަންޓް ޓެކްނޯލޮޖީ އޭޖެންސީއެއް ޤާއިމުކުރެވޭނެ ކަމަށާއި، ޑިޖިޓަލް ނޭޝަނަލް އައިޑެންޓިޓީވެސް ތަޢާރަފުކުރެވިގެން ދާނެކަމަށާއި މިކަމުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ކުރިއަށްއޮތް ދެ އަހަރުގެ އަމާޒަކީ ސަރުކާރުން ދޭ ޚިދުމަތްތަކާއި، ސިއްޙީ ގިނަ ޚިދުމަތްތައް އޮންލައިންކޮށް ލިބިގަނެވޭނެ ގޮތްތައް ހަމަޖެއްސުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، އިސްލާމްދީން ބުނެދެނީ ލިބިފައިވާ ޢިލްމުގެ ބޭނުން ހިފުމަށްކަމަށާއި މިހާރު ޤައުމުތަކުގައި ހުރި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި ހުރި ދަތިތަކުން އަރައިގަތުމަށް ޢިލްމާއި، ފަންނީ ލަފައާއި ވަޞީލަތްތައް ޤައުމުތަކުގެ މެދުގައި ފޯރުކޮށްދިނުމަކީ މުހިއްމުކަމެއް ކަމަށެވެ. މިނިސްޓަރ ވަނީ ސައިންސް، ޓެކްނޯލޮޖީ، ސިއްޙަތު އަދި ތަޢުލީމާއި ތިމާވެށީގެ އިތުރުން އަންހެނުން ބާރުވެރިކުރުމާއި އެހެނިހެންވެސް ދާއިރާތައް ކުރިއެރުވުމަށް މެމްބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް އޯއައިސީގެ މުހިއްމުކަމަށް އަލިއަޅުއްވާލައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، މީހުންގެ ޢަމަލުތަކަށާއި، ތިމާވެއްޓަށް އިންސާނުންގެ ސަބަބުން ކުރާ އަސަރުތައް ދެނެގަނެ އެކަންކަމާ ވިސްނަން ޖެހޭކަމަށެވެ.