ޚަބަރު

ހިޔާ، އެއްބަސްވުމުގައި ސޮއިކުރުމަށްފަހުވެސް އެހެން މަޝްރޫޢަކުން ބޯހިޔާވަހިކަމަށް އެދުމުގެ ފުރުޞަތު އެބައޮތް


ހިޔާ މަޝްރޫޢުގެ ފްލެޓުތައް ލިބުނު މީހުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހުވެސް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫޢުއެއް ދަށުން ހައުސިން ޔުނިޓަކަށް އެދެން ބޭނުންނަމަ އެފުރުޞަތު އޮންނާނެކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މި ފުރުޞަތު އޮންނާނީ ސޮއިކުރުމަށްފަހު ތިންމަސްދުވަހުގެ މުއްދަތަށްކަމަށެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓު ލިބުނުމީހުންނާއެކު އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކުރުން އަންނަ ޖުލައި މަހުގެ 14ވަނަ ދުވަހު ފެށުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ ނިންމަވާފައެވެ.

ހިޔާ މަޝްރޫޢާ ގުޅިގެން މިސަރުކާރުން ނިންމެވި އެއް ނިންމުމަކީ، ފަންނީ އެކިއެކި ކެޓަގަރީތަކުން ހިޔާ ފްލެޓް ލިބުނު މީހުންނަށް، ސަރުކާރުގެ އެހެން މަޝްރޫޢަކުން ފްލެޓަށް އެދުމުގެ ފުރުޞަތު ހުޅުވާލުމެވެ. ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ މިގޮތަށް ފުރުޞަތު ދިނުމަށް ނިންމީ، އެމީހުންގެ ޢާމްދަނީއާ އެކަށޭނަ އަދި ޖާގަ ތަނަވަސް ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން އެމީހުންނަށް ފުރުޞަތު ދިނުމަށް ކަމަށެވެ. ހިޔާ މަޝްރޫޢުގައި ހިމެނޭ ފަންނީ ދާއިރާތަކުގެ ތެރޭގަ ޑޮކްޓަރުންނާއި ނަރުހުންނާ އަދި ޓީޗަރުންނާއި ސިވިލް ސަރވިސްގެ އެހެނިހެން ކެޓަގަރީތައްހިމެނެއެވެ.

ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ ފަންނީ ކެޓަގަރީތަކުގެ މީހުންގެތެރެއިންވސަރުކާރުގެ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫޢަކުން ހައުސިން ޔުނިޓަކަށް އެދި ހުށަހަޅަން ބޭނުންވާ މީހުންނަށް އަދިވެސް އެ ފުރުޞަތު އެބައޮތްކަމަށެވެ. މިގޮތަށް ނިންމާފައިވަނީ ހިޔާ ފްލެޓަކީ ބޯހިޔާވަހިކަމުގެ ދަތިކަން އެންމެބޮޑަށް ކުރިމަތިވެފައިވާ އާއިލާތަކަށް ޚާއްސަކޮށްފައިވާ މަޝްރޫޢުއަކަށް ވާތީކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ސަރުކާރުގެ ވިނަރެސް ޕްރޮޖެކްޓުން ފުރުޞަތު ލިބޭގޮތަށް އޮތީ ހިޔާ ދޫކޮށްލާ ފަންނީ މީހުންނަށް. އެކަމަކު އަގުބޮޑުވާނެ، ނަމަވެސް ތަނަވަސްވާނެ ޖާގަ. ހިޔާ ދޫކޮށްލާ މީހުންނަށް އަދިވެސް ފުރުޞަތު އެބައޮތް، އެގްރިމެންޓްގައި ސޮއިކުރުމަށްފަހުވެސް 3 މަސް ދުވަހުގެ މުއްދަތަށް މި ފުރުޞަތު އޮންނާނެ." އަސްލަމް ވިދާޅުވިއެވެ.

"ވިނަރެސް" މަޝްރޫޢަކީ މިސަރުކާރުން ފަށާފަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ގިނަ މަސައްކަތްތަކެއް މިހާރުވެސްވަނީ ނިމިފައެވެ. ޖުމްލަ 1344 ހައުސިންގ ޔުނިޓް މި މަޝްރޫޢުގައި ހިމެނެއެވެ. މި މަޝްރޫޢުގައި މުޅިންވެސް ހިމެނެނީ 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ.

މި މަޝްރޫޢުގެ ހައުސިންގ ޔުނިޓްތަކުގައި 4 ބާވަތެއްގެ ފްލެޓް ހިމެނެއެވެ. އެއީ މެރީނާ ވިއުގައި ހިމެނޭ 172 އެޕަރޓާއި އައުޓަރ ވިއުގައި ހިމެނޭ 372 އެޕަރޓްމަންޓާއި އިނަރ ވިއުގައި ހިމެނޭ 352 އެޕަރޓްމަންޓްގެ އިތުރުން ސްޓޭންޑަރޑް ވިއުގަ ހިމެނޭ 448 އެޕާޓްމަންޓެވެ.

މެރީނާ ވިއު، އައުޓަރ ވިއު، އިނަރ ވިއުގެ އެޕަރޓްމަންޓްތަކަކީ 902 އަކަފޫޓުގެ ޔުނިޓްތަކެވެ. ސްޓޭންޑަރޑް ވިއު އެޕަރޓްމަންޓްތަކަކީ 883 އަކަފޫޓުގެ ޔުނިޓްތަކެވެ.