ޚަބަރު

ޕޮޒިޓިވްވާ އަދަދުތައް ދަށްވުމުން ރެންޑަމް ސާމްޕަލް ނަގަން ފަށައިފި


ކޯވިޑްގެ ކޭސްތައް މަދުވާން ފެށުމާ ގުޅިގެން މާލޭގައި ރެންޑަމް ސާމްޕަލް ނަގަން ފަށައިފިއެވެ. ރެންޑަމް ސާމްޕަލް ނަގަން ފަށާފައިވާއިރު މިހާރު ކޯވިޑްގެ ނަންބަރުތައް އުޅެނީ 300 އިން ދަށުގައެވެ.

އެޗްއީއޯސީން ވިދާޅުވީ ބަލި ޖެހޭ މީހުންގެ އަދަދު ދަށަށް ދާން ފެށުމާ ގުޅިގެން މާލޭގެ އެކި ސަރަޙައްދުތަކުން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން އާއި އެކްޓިވް ސަވައިލަންސް މަޑުޖައްސައިލުމުން މިހާރު ފެންނަ ގިނަ ކޭސްތައް އެހެން ކޭސްތަކާ ގުޅުމެއް ނެތްކަމަށެވެ. އަދި އެފަދަ 62 އިންސައްތަ ކޭހަކީ އެއްވެސް ގުޅުމެއް ނެތް ކޭސްތަކެއްކަމަށް ނަޒްލާ ވިދާޅުވެއެވެ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވްވާ މީހުންގެ 80 އިންސައްތަ މީހުންގެ ކޮންޓެކްޓް ޓްރޭސިން 24 ގަޑިއިރު ތެރޭ ނިންމަން ޖެހޭ ކަމަށެވެ. އަދި 48 ގަޑިއިރު ތެރޭ ހުރިހާ ކޭސްތަކެއްގެ ކޮންޓެކްޓް ޓްރޭސިން ނިންމަން ޖެހޭކަމަށެވެ.

އެޗްއީއޯސީން ހާމަކުރައްވާ ގޮތުގައި ފްލޫ ކްލިނިކްތަކުން ނަގާ ސާމްޕަލްތަކުގެ ނިސްބަތް މަދުވެ ޕޮޒިޓިވްވާ އިންސައްތަ 23އަށް ކުޑަވެފައިވާކަމަށެވެ. ފްލޫ ކްލިނިކުތަކުން ސާމްޕަލް ނަގާ މިންވަރު މަދުވެފައިވަނީ ކާފިއު ގަޑިތަކުގައި ބޭރަށް ނުކުންނަ މީހުންގެ އަދަދު މަދުވުމުން ކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ކޯވިޑްގެ ނަންބަރުތައް ވަރަށް ބޮޑަށް އިތުރުވެ، އޭޕްރީލް މަހުގެ މެދުތެރެއިން ފެށިގެން މާލޭގައި ރެންޑަމް ސާމްޕަލް ނެގުން މެދުކަނޑާލިއެވެ. މިގޮތަށް މެދު ކަނޑާލާފައިވަނީ ބަލި ޖެހޭ މީހުންގެ ނިސްބަތް ބޮޑުތަނުން އިތުރުވުމާއި ބައްޔަށް އޮތް ނުރައްކާ ބޮޑުވުމުގެ ސަބަބުންނެވެ.

ނަމަވެސް ރެންޑަމް ސާމްޕަލް ނެގުން ހުއްޓާލި ހިސާބުން ސާމްޕަލް ނަގާ ސެންޓަރުތަކަށް ވަރަށް ބޮޑަށް ބާރުބޮޑުވެގެން ދިޔައެވެ. އެއާއެކު ސަރުކާރުން މިހާރު ވަނީ މާލޭ ސަރަހައްދުގައި ސާމްޕަލް ސެންޓަރުތައް އިތުރުކޮށް އެ މައްސަލައަށް ހައްލެއް ގެނެސްދީފައެވެ.

ކޯވިޑް ޖެހޭ މީހުންގެ ނިސްބަތް މަދުވެފައިވާއިރު އެޗްޕީއޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ރޭ ޕޮޒިޓިވްވެފައިވަނީ 224 މީހެކެވެ. އަދި ކޮންމެ ދުވަހަކުވެސް މިހާރު 4000އަށް ވުރެ ގިނަ ސާމްޕަލް ކޯވިޑަށް ޓެސްޓްކުރުމަށްޓަކައި ނަގައެވެ. މިވަގުތު ރާއްޖެއިން 70 ހާހަށްވުރެ ގިނަ މީހުންނަށް މިވަނީ މިބަލި ޖެހިފައެވެ.

މިވަގުތު ބަލި ޖެހޭ މީހުންގެ އަދަދު މަދުވިނަމަވެސް ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑްގެ ވައިރަހުގެ 6 ވޭރިއަންޓެއް ނުވަތަ ވައިރަހުގެ 6 ވައްތަރެއް މިވަގުތު ރާއްޖޭގައި ފެތުރެމުންދާކަން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކުރައްވާފައެވެ.