ވިޔަފާރި

ކޯވިޑާއެކުވެސް ލޯކަލް ޓޫރިޒަމް ކުރިއެރުވޭނެކަން މާފުށިން ހާމަކޮށްދީފި


ކޯވިޑާއިއެކު ފަތުރުވެރިކަމުގެ އެކި ސިނާއަތްތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހުނު އެއް ސިނާއަތަކީ ގެސްޓްހައުސްތަކޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ކޯވިޑާއިއެކު ބަންދުކުރި ރިސޯޓްތަކާއި ސަފާރީތައް ހުޅުވުމުގެ ހުއްދަ ފަސޭހައިން ލިބުނު ނަމަވެސް ރަށްރަށުގައި ހިންގާ ގެސްޓްހައުސްތައް އަލުން ހުޅުވައި ޚިދުމަތް ދިނުންވީ ދަތި ގޮންޖެހުން ބޮޑު މަސައްކަތަކަށެވެ. ޚާއްސަކޮށް ގެސްޓްހައުސްތަކަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ތަންތަން ކަމަށްވުމާއި، މިތަންތަން ހުޅުވުމުގެ ސަބަބުން މީހުން އުޅޭ ރަށްރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އައުން އެކަށީގެންވާތީއެވެ.

ވަކި ޚާއްސަ ގައިޑްލައިންތަކަކާއެކު ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ މިދިޔަ އަހަރުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ. މިއާއެއެކު އެންމެ ފުރަތަމަ ގެސްޓްހައުސް ހުޅުވައި ޚިދުމަތްދޭން ފެށީ ރާއްޖޭގައި މިވަގުތު ގެސްޓްހައުސް ސިނާއަތް އެންމެ ކުރިއަރާފައިވާ މާފުށީގައެވެ.

ގެސްޓްހައުސް ސިނާއަތް އަލުން ހުޅުވައި ޙިދުމަތްދޭން ފެށި ނަމަވެސް މާފުށީ ގެސްޓް ހައުސްތަކަށްވެސް ވަނީ ދަތި އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ސަބަބުން މާފުށި ވަނީ މޮނިޓަރިންއަށް ލާފައެވެ. މީގެ ސަބަބުން ރަށުގެ 70 އިންސައްތަ އިޤްތިޞާދު ބިނާވެފައިވާ ގެސްޓްހައުސް ސިނާއަތަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހުނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މާފުށީ ކައުންސިލްގެ ރައީސް ހަސަން ޞަލާހް ވިދާޅުވީ، ރަށް މޮނިޓަރިންއަށް ލުމާއިއެކު ލޯކަލް ޓޫރިޒަމްއަށް ވަރަށް ބޮޑަށް އަސަރުކުރިކަމަށެވެ. އެގޮތުން ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް 20 އިންސައްތަ ދަށްވެގެންދިޔަކަމަށެވެ. އޭނާ ވިދާޅުވީ، މޮނިޓަރިންއަށް ލީއިރު ރަށުގައި 400 އަށްވުރެ ގިނަ ފަތުރުވެރިން ތިބިނަމަވެސް ފަހުން ފަތުރުވެރިންގެ އަދަދު 150 އިން ދަށްވެގެންދިޔަކަމަށެވެ.

"ޓޫރިޒަމް ސިނާއަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެގެންދިޔަ. މާފުށީގެ %70 ބިނާވެފައި މިއޮތީ ފަތުރުވެރިކަމުގެ ސިނާއަތައް. މޮނިޓަރިންއަށް ލުމާއިއެކު ބައެއް ފިޔަވަޅުތައްވެސް އެޅިގެންދިޔަ އޭގެތެރޭގައި ހަވީރު 4 އިން ފަތިހު 4 އަކަށް ކާފިއު ވަގުތު ހިންގީމަ ގެސްޓުންވެސް ގެސްޓްހައުސްތަކުގައި ބަންދުވެގެންދިޔައީ. ޚަބަރުތައް އިންޓަނޭޝަނަލް މީޑިއާގައި ފެތުރި ވަރަށް ގިނަ ބުކިންތައްވެސް ކެންސަލްވެގެންދިޔަ. ބައެއް ގެސްޓްހައުސްތައް ބަންދުކުރަންވެސް ޖެހުނު ގެސްޓުން ނެތިގެން." ހަސަން ޞަލާހް ވިދާޅުވިއެވެ.

އިއްޔެ ވަނީ މާފުށި މޮނިޓަރިންއިން ނަގާފައެވެ. ހަސަން ޞަލާހް ވިދާޅުވީ، މާފުށިން ކޯވިޑް ކޮންޓްރޯލް ކުރީ ގެސްޓްހައުސްތަކުގެ އޮޕަރޭޝަން ހުއްޓާނުލާކަމަށެވެ. މިދަނޑިވަޅުގައި އިކޮނޮމީ ހުއްޓާލުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށް ވިސްނުންކަމަށާއި އެހެންކަމުން ފަތުރުވެރިކަމާއިއެކު ކޯވިޑް ކޮންޓްރޯލްކުރަން ރަށުގެ އެންމެހައި ފަރާތްތަކެއްގެ އެހީތެރިކަން ލިބުނުކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޯވިޑް ކޮންޓްރޯލްކުރީ ގެސްޓުންގެ އޮޕަރޭޝަން ހުއްޓާނުލައި. ގެސްޓުން އަރައިވަލް، ޑިޕާޗާރ އަދި އެކްސްކާޝަންގެ ހަރަކާތްތައް ކުރިއަށްގެންދަމުން އަޅުގަނޑުމެން މިކޮޅުގައި ކޯވިޑް ކޮންޓްރޯލްކުރީ. އަޅުގަނޑުމެންނަށް ވިސްނުނީ އިކޮނޮމީ ހުއްޓާލުމަކީ ރަނގަޅުކަމެއް ނޫންކަމަށް. އަޅުގަނޑުމެންނަށް ހަމަ ވަރަށް ބޮޑަށް ފާހަގަކުރެވުނު ގެސްޓްހައުސްތަކުން އެކަންކަމަށް ސަމާލުކަން ދޭކަމާއި، ރަށުގެ ރައްޔިތުންވެސް ކޯވިޑްތެރޭ ވަރަށް ބޮޑަށް ބަލައިގެން އުޅުންކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު. އެހެންނޫންނަމަ 2 މަސްތެރޭވެސް ހިއެއްނުވޭ އަޅުގަނޑުމެންނަށް މިކަމުން އަރައިގަނެވޭނެހެނެއް." ހަސަން ޞަލާހް ވިދާޅުވިއެވެ.

ހަސަން ޞަލާހް ވިދާޅުވީ، މިހާރު މަޑުމަޑުން އަނެއްކާވެސް ބުކިންތައް ލިބެމުން އަންނަކަމަށެވެ. އެގޮތުން އަންނަ މަހަށް ބުކިންތައް މިހާރު ލިބެމުން އަންނަކަމަށް ގެސްޓްހައުސްތަކުން ބުނަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

މާފުށި މޮނިޓަރިންއަށް ލީނަމަވެސް އެރަށުގައި ޕޮޒިޓިވްވެފައިވަނީ ވަރަށް މަދު ގެސްޓުންކަމަށް ކައުންސިލުން ބުނެއެވެ. މިވަގުތު މާފުށީގައި އެކްޓިވް ކޭސްތަކުގެ އަދަދަކީ 6 އެވެ. މިހާތަނަށް އެރަށުން 621 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.