ކުޅިވަރު

ރޮނާލްޑޯ ކޮކޯކޯލާ ފުޅި ދުރަށް ޖެއްސުމާއެކު ކޯކަށް 4 ބިލިއަން ޑޮލަރުގެ ގެއްލުމެއް


ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކޮކާކޯލާ ފުޅި ދުރަށް ޖެއްސުމާއެކު ކޮކާކޯލާގެ ހިއްސާއިން 4 ބިލިއަން ޑޮލަރު އެކުންފުންޏަށް ގެއްލުންވެއްޖެއެވެ.

ރޭ ޕޯޖުޗަލް އާއި ހަންގޭރީ ކުޅުނު މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނާއި ވާހަކަދެއްކުމުގެ ކުރިން ރޮނާލްޑޯ ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެއް ސްޕޮންސަރކަމަށްވާ ކޯކާކޯލާގެ ފުޅި މޭޒުމަތިން ދުރަށް ޖައްސާފައެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު 5 ފަހަރު ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯއަކީ އަބަދުވެސް ފިޒީ ބުއިންތަކާއި އިދިކޮޅަށް ވަރަށް ބޮޑަށް ވާހަކަދައްކާ އަމަލު ކުރަމުންދާ ކުޅުންތެރިއެކެވެ. ހަންގޭރި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯކް ފުޅިތައް ދުރަށް ޖައްސާލުމަށްފަހު ރޮނާލްޑޯ ވަނީ ފެން ފުޅިއެއް މޭޒުމަތީގައި ބަހައްޓާފައެވެ. އަދި ކޮކާކޯލާގެ ބަދަލުގައި ފެންބުއިމަށް ރޮނާލްޑޯ ވަނީ އެދިފައެވެ.

މިދިޔަ ހޯމަ ދުވަހު މާކެޓް ހުޅުވުނުއިރުގައި ޔޫރަޕްގެ މާކެޓުގައި ކޮކާކޯލާގެ ހިއްސާގެ އަގުހުރީ ހިއްސާއަކަށް 56.1 ޑޮލަރުގައެވެ. ނަމަވެސް އަންގާރަ ދުވަހު އޮތް ޕްރެސް ކޮންފަރެންސްގައި ރޮނާލްޑޯ ކޯކް ފުޅިތައް ދުރަށްލައި ބައި ގަނޑިއެއްހާ އިރަށް ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުން ނިންމާލިއިރުގައި، ކޮކާ ކޯލާގެ ހިއްސާގެ އަގުވަނީ 56.1 ޑޮލަރުން 55.2 ޑޮލަރަށް ވެއްޓިފައެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނީ މިއީ 4 ބިލިއަން ޑޮލަރުގެ ގެއްލުމެއް ކަމަށެވެ.

36 އަހަރުގެ ރޮނާލްޑޯ އެންމެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅުމުގެ އެންމެ ބޮޑު ސިއްރަކީ ސޮފްޓް ޑްރިންކްސް އާއި ފާސްޓްފުޑް އާއި ދުރުވުންކަމަށް ތަޖްރިބާކާރުން ދެކެއެވެ. ރޮނާލްޑޯގެ ފުޓްބޯޅައިގެ ކެރިއަރުގެ ކުރީކޮޅުގައި ރޮނާލްޑޯ ވަނީ ބައެއް ސޮފްޓް ބުއިންތަކުގެ އިސްތިހާރުވެސް ކުޅެފައެވެ. ނަމަވެސް ފަހުންވަނީ އެފަދަ އިސްތިހާރުތައް ކުޅުން ހުއްޓާލާފައެވެ.

ބައްޕައާއި އެއްގޮތަށް ރޮނާލްޑޯގެ 10 އަހަރުގެ ދަރިފުޅު ރޮނާލްޑޯ ޖޫނިއަރވެސް ފުޓްބޯޅަ ކުޅުންތެރިއަކަށް ހެދުމަށް ރޮނާލްޑޯ މަސައްކަތް ކުރެއެވެ. އަދި ޖޫނިއަރއަށް ސޮފްޓް ޑްރިންކްސް އާއި ފާސްޓްފުޑް ކެއުމާއި ރޮނާލްޑޯ މަނާ ކޮށްފައެވެ. ނަމަވެސް، ކުޑަކުއްޖަކަށްވުމުން، އައިސް ކްރީމާއި ބާގަރ މަދުން ކާކަމަށް ވެސް ރޮނާލްޑޯ ސްޕެއިންގެ މީޑިޔާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ސޮފްޓް ބުއިންތަކާއި ފާސްޓްފުޑްގެ އިތުރުން ނަސްލީ ތަފާތު ކުރުމާއި ދެކޮޅަށްވެސް ރޮނާލްޑޯ ވަނީ އެތައް ފަހަރެއްގެ މަތިން އަޑު އުފުލާފައެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް 2008، 2013، 2014، 2016 އަދި 2017ވަނަ އަހަރު ހޯދާފައިވާ ރޮނާލްޑޯ ވަނީ ކުލަބު ލެވެލްގައި ހޯދެން ހުރި ހުރިހާ ކާމިޔާބީއެއް ހޯދާފައެވެ. ޕޯޗުގަލްއާއެކު 2016ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައިވާ ރޮނާލްޑޯއަށް މިހާރު ފުޓްބޯޅައިގައި މަދުވަނީ ވޯލްޑް ކަޕް އެކަންޏެވެ.