ޚަބަރު

ސަރުކާރުގެ ޕްލޭނާއެކު މާލޭގެ މަލަމަތި ބަދަލުކޮށްލާނެ


މާލޭ ނޯތު ހާބަރު، ގުޅީފަޅަށް ބަދަލުކުރުމަށްފަހު، އެސަރަޙައްދު ތަރައްޤީކުރުމަށް ގެންގުޅުއްވާ ޕްލޭން ސަރުކާރުން ހާމަކުރައްވައިފިއެވެ.

ސަރުކާރުގެ ޕްލޭން ހާމަކޮށްފައިވަނީ މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިންތިޒާމު ކޮށްގެން ރޭ ބޭއްވި ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީން ހުށަހެޅި ޕްރެޒެންޓޭޝަންގައެވެ.

ޕްލޭނިންގ މިނިސްޓްރީން ސިޓީ ކައުންސިލަށް ހުށަހެޅި ޑްރާފްޓް ޕްލޭންގައި އެންމެ ބޮޑު ބަދަލެއް ގެނައުމަށް ނިންމާފައިވަނީ މާލޭގެ ޕޯޓު މިހާރު ހިންގަމުން އަންނަ ނޯތު ހާބަރު ސަރަޙަށްދަށެވެ.

އެ ސަރަޙައްދު ތަރައްޤީކުރުމުގެ ޕްލޭން އެކުލަވާލާފައިވަނީ ގުޅީފަޅަށް މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރުމާއެކު އެ ސަރަޙައްދުން ހުސްވާނެ ޖާގައަށް ބަލައިގެންނެވެ. އެ ސަރަޙައްދު ތަރައްޤީކުރަނީ އެކިއެކި ރެކްރިއޭޝަނަލް ކުޅިވަރު ހަރަކާތްތަކާ ހިތްހަމަޖައްސާލާ ސަރަޙައްދެއްގެ ގޮތުގައެވެ. އެގޮތުން ޖާގަ ތަނަވަސް ބޮޑެތި މަގުތަކައެކު ގިނަ ހަރަކާތްތަކެއް އެއްތަނެއްގައި ކުރިއަށްގެންދެވޭ ގޮތަށެވެ.

ބޮޑު ސަރަޙައްދެއް ތަރައްޤީކުރަނީ މޫދުގެ މަންޒަރު ފެންނަގޮތަށް ވޯޓަރ ފްރަންޓްގެ ގޮތުގައެވެ. އެގޮތުން ރެކްރިއޭޝަނަލް ވޯޓަރ ތީމް ކުޅިވަރުތަކާ، ސްވިމިންގ ޕޫލެއްވެސް އެތަނުގައި ހެދުމަށްވަނީ ހިމަނާފައެވެ. އަދި ސިނާމާއެއްވެސް އެތަނަށް އަންނާނެއެވެ. މީގެއިތުރަށް ފްލޯޓިން ހޮޓަލާ ރެސްޓޯރެންޓެއްވެސް ޕްލޭންގައި ހިމެނެއެވެ.

ރާއްޖޭގެ ސަގާފަތް އިޢާދަކުރުމުގެ ގޮތުން، ނޯތް ހާބަރު ސަރަޙައްދުގައި މިހާރު ބެނުންކުރަމުން އަންނަ އަތޮޅު ފިހާރަތައް އިތުރަށް ތަރައްޤީކޮށް، "ރެޓްރޯ ރީޓެއިލް ފްރިންޖް"ތަކަކަށް ބަދަލުކުރާނެއެވެ.

މާލޭ ނޯތް ހާބަރުގެ އެއްގަމު ތޮށި އޮތް ސަރަޙައްދައްވެސް ބޮޑެތި ބަދަލުތަކެއް ގެންނާނެއެވެ. އެގޮތުން އެސަރަޙައްދު ފެހިކުރުމާއި، ޒަމާނީ ފަރުމާއަކާއެކު ވޯކްވޭއާއި އިށީންނަ ބެންޗްތައް ބަހައްޓާނެއެވެ.

ނޯތް ހާބަރު ސަރަޙައްދަށް ބަދަލުތައް ގެންނައިރު އެ ސަރަޙައްދު ވާނީ އަމިއްލަ ވެހިކަލްތައް ބޭނުންކުރުން މަނާ، ހިނގާފަ އުޅޭ ސަރަޙައްދަކަށެވެ. ނަމަވެސް ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ލިބޭނެއެވެ.

އެ ސަރަޙައްދުވާނީ މާލޭގެ ދަތުރުފަތުރުގެ ނިޒާމަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ސަރަޙައްދަކަށެވެ. ރަށްރަށުން މާލެ އަންނަ މީހުން ބޭނުންކުރުމަށް ޒަމާނީ ސެންޓްރަލް ފެރީ ޓަރމިނަލަކާ ކްރޫޒް ޓަމިނަލެއްވެސް ޕްލޭންގައި ހިމަނާފައިވެއެވެ.

މި ޑްރާފްޓް ޕްލޭންގައިވަނީ މާލޭގެ މާރުކޭޓްތައް ކުރިމަގުގައި ތަރައްޤީކުރާނެ ސަރަޙައްދުތައްވެސް ހިމާނާފައެވެ. އެގޮތުން މިހާރު މާލޭގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި ތަރައްޤީކުރާނީ މަސް މާރުކޭޓެވެ. އަދި ދަތުރުވެރިންގެ މާރުކޭޓު ބަދަލުކުރާނީ ވެސްޓްޕަރކް ސަރަޙައްދަށެވެ.

ދެން އެންމެ ބޮޑު ބަދަލެއް އަންނާނީ މާލޭގެ ރަސްފަންނު ސަރަޙައްދާ، އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދަށެވެ. ރަސްފަނުގައި އޮތް ހުސްބިން ތަރައްޤީކުރަނީ އިޖްތިމާއީ ހަރަކާތްތައް ހިންގާ ސެންޓަރަކާއި ކުދި ވިޔަފާރިތައް ކުރެވޭ މާކެޓް ހޯލެއް ހިމެނޭގޮތަށެވެ. އަދި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަންވެސް ހިމެނެއެވެ.

މިހާރުވެސް ބޭނުންކުރަމުން އަންނަގޮތަށް ސަރަޙައްދީ ބަސް ސްޓޮޕް ހުންނާނީ އިންޑަސްޓްރިއަލް ވިލެޖުގައެވެ. އެ ސަރަޙައްދަށް ދެން އަންނާނީ އިޖްތިމާއީ އެއްވުންތަކާއި ކުޅިވަރު ކުޅެލެވޭ ސަރަޙައްދުތަކެކެވެ. އަދި ޕާކުތައްވެސް ހިމެނެއެވެ.

މި ސަރަޙައްދުތަކުގެ އިތުރުން ކާނިވާ ސަރަޙައްދު ތަރައްޤީކުރާނީ ހިތްފަސޭހަ، އިޖްތިމާއީ ހަރަކާތްތައް ކުރިއަށްގެންދެވޭ ފަރުމާއަކާއެކުއެވެ. މީގެއިތުރުން ޕާކިން ބިލްޑިންގްތަކާ، މަގުތަށް ތަރައްޤިކުރާނެ ގޮތުގެ ޕްލޭންވެސް ވަނީ ހިމަނާފައެވެ.

މާލޭގެ ލޭންޑް ޔޫސް ޕްލޭންއާ ބެހޭގޮތުން ރޭ ބޭއްވި ބައްދަލުވުމުގައި ސިޓީ ކައުންސިލުގެ މެމްބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން، އާއްމު ރައްޔިތުންވެސް ބައިވެރިވިއެވެ.