ޚަބަރު

ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން ޖުލައިމަހުގެ 14ގައި


ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަންނަމަހުގެ 14 ވަނަ ދުވަހު ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އަންނަމަހުގެ 14 ވަނަ ދުވަހު އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާއިރު، އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ނިންމާލެވޭނެކަމަށެވެ.

މަބްރޫކް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ހިޔާ ފްލެޓް ލިބުނު ހުރިހާ މީހުންގެ ގުރުއަތު ނެގުން ނިންމާނެކަމަށެވެ. އަދި ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެއްބަސްވުމާއި ފްލެޓްތަކަށް އަގު ދެއްކުމާ ގުޅޭ ސްކީމްތައްވެސް އާއްމުކުރާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ ފައިނަލް ލިސްޓް އެކުލަވާލައި ގުރުއަތު ނެގުމުގެ މަސައްކަތް ފަށާފައިވަނީ އޭޕްރިލްމަހުގެ ތެރޭގައެވެ. ހިޔާ މަޝްރޫޢުގައި ހިމެނޭ 6720 ހައުސިން ޔުނިޓްގެ ތެރެއިން މިހާތަނަށް ގުރުއަތު ނެގުން ނިމިފައިވަނީ 5603 ހައުސިން ޔުނިޓްގައެވެ. ލިސްޓުގައި ބާކީ ހިމެނޭ 1117 މީހުންގެ ނަންވެސް މިހާރު ހައުސިން މިނިސްޓްރީން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއަށް ވަނީ ފޮނުވާފައެވެ.

އަގު އަދާކުރުމުގައި ޑައުންޕޭމަންޓާ ނުލާ ފްލެޓަށް ވަދެވޭނެ ސްކީމެއްވެސް ހިމެނެއެވެ. ހިޔާ ފްލެޓްގެ މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 7500 ރުފިޔާއެވެ. އަދި މެނޭޖްމަންޓް ފީގެ ގޮތުގައި 1000 ރުފިޔާ ނަގާނެއެވެ. މި ސްކީމްތަކުގައި ފްލެޓަށް އަގު ދެއްކުމަށް 25 އަހަރަށް ބަހާލެވެއެވެ.

މަބްރޫކް ވިދާޅުވީ ހިޔާ ޔުނިޓްތަކަށް ކަރަންޓު ގުޅުމުގެ މަސައްކަތްތައް އަދިވެސް ކުރިއަށްދާކަމަށެވެ. 13 ޓަވަރުގެ ތެރެއިން 9 ޓަވަރުގެ ކަރަންޓުގެ މެއިން ޕެނަލްތައް ވަނީ ހަރުކޮށްފައެވެ. އަދި ފްލެޓްތަކުގައި ކަރަންޓު މީޓަރު ހަރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ހިޔާ ފްލެޓްތަކުގެ ވެރިންނާއި ފްލެޓް ހަވާލުކުރުމަށްފަހު، އެތަނުގައި ނުނިމި ހުރި މަސައްކަތްތައް ކުރުމަށް 3 މަސްދުވަހުގެ މުއްދަތެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި މުއްދަތުގައި ފްލެޓްތަކުގެ ވެރިންގެ އަތުން އެއްވެސް ކުއްޔެއް ނުނަގާނެއެވެ. މިމުއްދަތަކީ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށްދޭ މުއްދަތެކެވެ.