ޚަބަރު

ވައިރަހުގެ 6 ވައްތަރެއް ރާއްޖޭގައި، ބައެއް ވައްތަރުގެ ނުރައްކާ ބޮޑު


ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ވައިރަހުގެ 6 ވޭރިއެންޓެއް ނުވަތަ ވައިރަހުގެ 6 ވައްތަރެއް މިވަގުތު ރާއްޖޭގައި ފެތުރެމުންދާކަން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ހާމަކުރައްވައިފިއެވެ. އެސެންޓަރުން ވިދާޅުވީ ކޯވިޑް ވައިރަހުގެ ވައްތަރުތަކުގެތެރެއިން ދުނިޔޭގައި މިވަގުތު އެންމެ ބާރަށް ފެތުރެމުންދާ 2 ވައްތަރު ކަމަށްވާ އިންޑިއާ ވޭރިއަންޓާއި ޔޫކޭ ވޭރިއެންޓުވެސް ރާއްޖެއިން ފެނުނު 6 ވައްތަރުގެ ތެރޭގައި ހިމެނޭކަމަށާ، އަދި އެންމެބޮޑަށް ރާއްޖޭގައި ފެތުރިގެން ދިޔައީވެސް މި ދެވައްތަރުުކަމަށެވެ.

ކޯވިޑް-19ގެ ވައިރަސް ރާއްޖޭގައި ފެތުރެމުންދާ ގޮތާއި ފެންނަމުންދާ ވައިރަހުގެ ތަފާތު ވައްތަރުތައް ދެނެގަތުމަށް ރާއްޖެއިންވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާ ގުޅިގެން ސީކުއެންސް ސާމްޕްލިންގއަށް 3 ބެޗެއް ފޮނުވާފައެވެ. ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ރާއްޖެއިން ފޮނުވި ސާމްޕަލްތަކުން ހެދި ޓެސްޓުތަކުގެ ނަތީޖާ މިހާރު ލިބިފައިވާއިވާކަމަށެވެ. އެގޮތުން މިވަގުތު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް-19ގެ 2 ވައްތަރުކަމަށްވާ އިނގިރޭސި ވިލާތުގެ ވޭރިއަންޓާއި އިންޑިއާގެ ވޭރިއަންޓު ރާއްޖެއިން ފޮނުވި ސާމްޕަލްތަކުން ފެނިފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި މީގެ އިތުރުން އިތުރު 4 ވައްތަރެއް ފެނިފައިވާކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފޮނުވި ސަމްޕަލްތަކުގެ ނަތީޖާ ލިބިފައިވަނީ، އޭގެ ތެރެއިން މިވަގުތު ދުނިޔޭގައި ފެތުރެމުންދާ ވައިރަހުގެ 2 ވޭރިއެންޓްވެސް މިވަނީ ރާއްޖެއިން ފެނިފައި. އަޅުގަނޑުމެން މިހާރު މަސައްކަތްކުރަމުން މިދަނީ އިތުރަސް ފޮނުވާ ސާމްޕަލްތައް ފޮނުވުމުގައި ކޮންމެ ބެޗެއްގައި ފޮނުވޭ ސާމްޕަލްތަކުގެ ޢަދަދު އިތުރުކުރަން." ޑރ.ނަޒްލާ ރަފީޤު ވިދާޅުވިއެވެ.

އެންމެ ގިނަ ޢަދަދަކަށް ފެނިފައިވާ އެއް ވޭރިއެންޓަކީ ސާމްޕަލްތަކުގެ %27 އާއެކު އިންޑިއާއިން ޢާއްމުވެފައިވާ ޑެލްޓަރ ވޭރިއެންޓެވެ. ދިވެހިންނާއި ބޭރު މީހުންގެ ފަރާތުންވެސް މިވޭރިއެންޓް ރާއްޖެއިން ފެނިފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ސާމްޕަލްގެ %20 އާއެކު ޔޫކޭގެ އަލްފާ ވޭރިއެންޓްވެސް ރާއްޖެއިންވަނީ ފެނިފައެވެ. މީގެކުރިން ރާއްޖެއިން ޢާއްމުކޮށް ފެނިފައިވާ ޖީ ވޭރިއެންޓް މިފަހަރުގެ ސާމްޕަލްގެ ތެރެއިން %13 ވަނީ ފެނިފައެވެ. މީގެއިތުރުންވެސް ރާއްޖެއިން އިތުރު ވޭރިއެންޓްތައްވަނީ ފެނިފައެވެ. އެހެންކަމުން ރާއްޖެއަށް ދަތުރުކުރުމުގައާއި ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައިވެސް ސަމާލުވުމަށް ޑރ.ނަޒްލާވަނީ އިލްތިމާސްކުރައްވާފައެވެ.

ބަލީގެ އާވޭރިއެންޓް ޢާއްމުވުމަކީ ބަލި ކޮންޓްރޯލްކުރުމަށް ހުރަސްއަޅާކަމެކެވެ. އަދި ވައިރަހުގެ ނުރައްކާ ބޮޑުވެ ދިފާޢީ ނިޒާމަށާއި ހަށިގަނޑަށް ޙަމަލާދޭ ގޮތް ބަދަލުވެ ފަރުވާއަށް އެތައް ދަތިތަކެއް ކުރިމަތިވެއެވެ. މީގެއިތުރުން ވައިރަހާ ދެކޮޅަށް ވެކްސިން ބޭނުންކުރަމުން އަންނަ މިދަނޑިވަޅުގައި ވެކްސިން ވައިރަހަށް ނުގުޑުމުގެ ފުރުސަތު މީގެ ސަބަބުން ބޮޑުކޮށްލައެވެ.