ޚަބަރު

ލަންދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް މިމަހު ނިމޭވަރުވާނެ: ކައުންސިލް


ނ ލަންދޫގައި ސަރުކާރުން ހަދާ ބަނދަރު ފުން ކުރުމުގެ މަސައްކަތް މި މަސްތެރޭ ނިމޭވަރުވާނެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ލަނދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް ވިދާޅުވީ ބަނދަރުގެ މަސައްކަތް ދާ ސްޕީޑާ މެދު ރައްޔިތުން ހިތްހަމަ ޖެހޭކަމަށާއި، ރައްޔިތުން ތިބީ މި ބަނދަރު ނިމި ބޭނުން ކުރަން ފެށޭނެ ދުވަހެއްގެ އިންތިޒާރުގައިކަމަށެވެ.

މި ބަނދަރުގެ މަސައްކަތް މި އަހަރު ކުރީ ކޮޅު ނިންމުމަށް އެމްޓީސީސީން ވަނީ އަމާޒުކޮށްފައެވެ. އެހެން ނަމަވެސް ކޯވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން ބަނދަރުގެ މަސައްކަތަށް ކުޑަ ލަސްކަމެއް ދިމާވިކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މި މަޝްރޫއުގެ ދަށުން 401 މީޓަރެއްގައި ހިލަ ޖެއްސުމަށް އޮތްއިރު މިކަމަށް ބޭނުންވާ ހިލަ މިމަހު ފަހުކޮޅު ލިބޭނެކަމަށް އުންމީދު ކުރާކަމަށް އެމްޓީސީސީއާ ހަވާލާދީ އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.

ލަންދޫ ބަނދަރުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނީ ބަނދަރު ހެދުމުގެ 53 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. ބަނދަރު ހިމެނޭ ސަރަހައްދުން ފަންސަވީސް ހާސް ކިއުބިކް މީޓަރުގެ ސަހަރައްދެއް ފުންކުރުމަށް އޮތްއިރު، އެމަސައްކަތުގެ 96 އިންސައްތަ މަސައްކަތްވެސް ނިމިފައިވާކަމަށް އެކުންފުނިން މައުލޫމާތުދެއެެވެ.

މީގެ އިތުރުން މިހާރު ކުރިއަށްދަނީ ބަނދަރު ހިމެނޭ ސަރަހައްދުގައި ޕޭވްމަންޓް ހަދާ ސަރަހައްދުގެ ވެލިގަނޑު އެއްވަރު ކުރުމުގެ މަސައްކަތެވެ. އެމަސައްކަތުގެވެސް ބޮޑުބައެއް މިހާރު ނިމިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

މި މަސްރޫއުގެ ދަށުން ބަނދަރު ހިމެނޭ ސަރަހައްދުގެ މަގު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ އިތުރުން 1280 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 35.60 މިލިއަން ރުފިޔާއަށެވެ. މިބަނދަރު ހެދުމުގެ އަމަލީ މަސައްކަތް އެމްޓިސީސީން ފަށާފައިވަނީ 2019 ވަނަ އަހަރު ޑިސެމްބަރުމަހުގެ 10 ވަނަދުވަހުއެވެ.