ކުޅިވަރު

ޕިލިޕީންސް މެޗަށް ކުރާ އުންމީދު ބޮޑު - ކޫޕްމަން


ހިތްހަމަޖެހޭ ފެންވަރުގެ ކުޅުމެއް ޓީމުން ދައްކާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ބުނެފިއެވެ.

ޤައުމީ ޓީމް މިހާރު ތައްޔާރުވަމުންދަނީ ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ފިލިޕީންސާއި ދެކޮޅަށް ކުޅެން އޮތް މެޗެވެ. މި މެޗަށް ނިކުންނައިރު އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ދިވެހި ޓީމު ވަނީ ބޮޑު ތަފާތަކުން ބަލިވެފައެވެ. ސީރިއާ އަތުން ހަތަރެއް ސުމަކުން ބަލިވިއިރު ޗައިނާ އަތުން ބަލިވީ ފަހެއް ސުމަކުންނެވެ.

މި ދެ މެޗުން ބަލިވިކަމުގައިވިޔަސް ކޯޗު ކޫޕްމަންބުނީ އޭނާއަށް އޮތް ހިތްހަމަޖެހުމަކީ މެޗަކަށްފަހު މެޗެއްގައި ކުޅުންތެރިންގެ ކުޅުން ރަނގަޅުވަމުން އައުންކަމަށެވެ.

ކޫޕްމަން ބުނީ ޗައިނާ މެޗުގައި އޭނާ ބޭނުންވި ކަހަލަ ކުޅުމެއް ކޮންމެވެސް ވަރަކަށް ޓީމުގެ ފަރާތުން ފެނުނުކަމަށާއި، އެއީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށެވެ. އަދި ކުރިއަށް އޮތް ފިލިޕީންސް މެޗުގައި ރަނގަޅު ކުޅުމެއް ދައްކާނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ކޯޗު ބުންޏެވެ. ކޯޗު ކޫޕްމަން ބުނީ މި މެޗުން ޤައުމީ ޓީމް މޮޅުވާން ސަޕޯޓަރުން ބޭނުންވާ މިންވަރު އޭނާއަށް އިނގޭކަމަށާއި، ކުޅުންތެރިންވެސް ތިބީ ވަރަށް ރަނގަޅު މޯޓިވޭޝަނެއްގައިކަމަށެވެ.

"އަހަންނަށް އެބައޮތް ވަރަށް ބޮޑު އިތުބާރެއް ކުޅުންތެރިން މި މެޗުގައި ރަނގަޅަށް ކުޅޭނެކަމުގެ، ޗައިނާ މެޗުގައި އެކަމުގެ ކުލަވަރުތައް ފެނުނު. އަސްލު ސަޕޯޓަރުން ވަރަށް ބޮޑަށް ބޭނުންވޭ މި މެޗުން މޮޅުވާން. ކުޅުންތެރިން ތިބީ ވަރަށް ރަނގަޅު މޯޓިވޭޝަނެއްގައި." ކޯޗް މާޓިން ކޫޕްމަން ބުންޏެވެ.