ކުޅިވަރު

ސްޕެއިން އާއި ސްވިޑެން މެޗް އެއްވަރު


ސްޕެއިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެޓީމު ކުޅުނު ފުރަތަމަ މެޗް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.
ސްޕެއިންއިން މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗް އެޓީމުން ޕޮއިންޓަކުން ފުއްދާލަން ޖެހިފައިވަނީ ސްވިޑެންއާއި ވާދަކޮށް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ސްޕެއިންގެ ސެވިލްގެ ލަ ކަރްޓޫހާ ސްޓޭޑިއަމްގައި ކުޅުނު މިމެޗް ސްޕެއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. އާންމު ގޮތެއްގައި ސްޕެއިން ކުޅޭ އެހެން މެޗްތަކެކޭވެސް އެއްގޮތަށް މިމެޗްގައިވެސް ސްޕެއިނުން ވަނީ މެޗް ކޮންޓްރޯލް ކޮށްގެން ބޮޑުބައި ކުޅެފައެވެ. މިމެޗްގައި ސްޕެއިން މެޗް ފެށިގެންވެސް ސްވިޑަން ގޯލަށް ނުރައްކާ ކުރަމުންދިޔައެވެ، އެގޮތުން މެޗްގެ 17ވަނަ މިނެޓްގައި ޑެނީ އޮލްމޯ ބޮލުން ފޮނުވާލި ހަމަލާ ވަނީ ސްވިޑެން ގޯލްކީޕަރު ރޮބިން އޮލްސަން ވަނީ މަތަކޮށްފައެވެ.

މިމެޗްގައި ސްވިޑެންއަށް ގޯލް ޖެހުމަށް ލިބިފައިވަނީ މަދު ފުރުސަތެކެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުގައި ވަނީ ސްޕެއިންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. މެޗްގައި ލީޑް ނެގުމަށް ސްޕެއިންއަށް އެންމެ ހުސް ފުރުސަތެއް ލިބިގެންދިޔައީ، މެޗްގެ 39ވަނަ މިނެޓްގައި އަލްވާރޯ މޮރާޓާ އަށެވެ. އޭރިޔާގެ ތެރޭގައި ހުރެފައި މޮރާޓާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ސްވިޑަންއަށް މެޗުގެ ފުރަތަމަ ހާފްގައި މާރަގަނޅު ފުރުސަތެއް ލިބިގެން ނުދިޔައިރުގައި، އެޓީމުން ވަނީ ކައުންޓަރ އެޓޭކާއި ހުރަސްތަކުން ފުރުސަތު ތަނަވަސްކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ސްވިޑެންއަށް ގޯލެއް ޖެހުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ މެޗްގެ 42ވަނަ މިނެޓްގައި އަލެކްސަންޑަ އީސާކްއަށެވެ. ނަމަވެސް އީސާކް ފޮނުވާލީ ބޯޅަ ވަނީ ސްޕެއިންގެ ޑިފެންޑަރު މާކޯސް ލޮރެންޓޭ ސަލާމަތްކޮށްފައެވެ. މެޗުގެ ދެވަނަ ހާފްގައިވެސް މޮރާޓާއަށް ރަގަނޅު ފުރުސަތަކެއް ލިބިގެންދިޔައެވެ. ނަމަވެސް މީގެއިން އެއްވެސް ހަމަލާއެއް ގޯލަށް ބަދަލްކޮށްލެވޭ ގޮތެއް ނުވިއެވެ. ސްވިޑެން އަށް ވެސް އެޓީމަށް ލިބުނު މަދު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.