ޚަބަރު

އަދަދުތައް 300އިން މައްޗަށް، އަތޮޅުތަކުން 215 މީހުން ޕޮޒިޓިވް

ރާއްޖެއިން އިތުރު 372 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ, ބަލިން ރަނގަޅުވި މީހުންގެ ޢަދަދު 61،000އިން މައްޗަށް އަރައިފިއެވެ.

މިއަދު މިބައްޔަށް މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައި ވަނީ 125 މީހުންނެވެ. ބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދު މިހާރުވަނީ 8،000އަށް ތިރިވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާއިރު އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން ހޯމަ ދުވަހުގެ އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 372 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 125 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 215 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 30 މީހެކެވެ. މީގެ އިތުރަށް ސަފާރީއަކުން އެކަކު އަދި ސިނާޢީ މަސައްކަތް ކުރާ ރަށަކުންވެސް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދުވަނީ 70،673 އަށް އިތުރުވެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ޕޮޒިޓިވްވީ މީހުންނާއެކު މިވަގުތު ރާއްޖޭގައި ބަލިޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވަނީ 8،703 އަށް ދަށްވެފައެވެ. މީގެތެރެއިން 82 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

އެޗްޕީއޭއިން ހާމަކުރި އެންމެ ފަހުގެ 24 ގަޑިއިރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަލަން ބަލިން ރަނގަޅުވީ 992 މީހުންނެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 61،761 އަށް އިތުރުވެފައެވެ. މި ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5،262 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.

ބަލި ޖެހިގެން މިހާތަނަށް 198 މީހަކު ނިޔާވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ 181 ދިވެހިންނާއި 17 ބިދޭސީންނެވެ.