ޚަބަރު

އޮސްޓްރިއާއިން ޔޫރޯގެ ފުރަތަމަ މޮޅު ހޯދައިފި


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އޮސްޓްރިއާއިން ފުރަތަމަ މޮޅު ހޯދަފިއެވެ. މިރޭ ކުޅުނު މެޗްގައި އެޓީމް ކާމިޔާބުކޮށްފައިވަނީ ޔޫރޯގެ ތާރީޚުގައިވެސް އަލަށް ވާދަކުރި ނޯތު މެސަޑޯނިއާ 3 ލަނޑު 1 ލަނޑުން ބަލިކޮށްގެންނެވެ.

މިއީ އޮސްޓްރިއާގެ ތާރީޚުގައިވެސް އެޓީމަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރުއެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޔޫރޯގައި ވާދަކުރި އިރުވެސް އެޓީމަށްވަނީ އެއްވެސް މެޗަކުން މޮޅެއް ހޯދޭ ގޮތް ނުވެފައެވެ.
މިރޭ އޮސްޓްރިއާއިން ނޯތު މެސަޑޯނިއާގެ މައްޗަށް ކުރި ހޯދިއިރު އެޓީމްވަނީ މިމުބާރާތަށް ކޮލިފައިވުމަށް ކުޅުނު ދެ މެޗްގައިވެސް ނޯތު މެސަޑޯނިއާ ބަލިކޮށްފައެވެ.

މިރޭގެ މެޗްގެ ބޮޑުބައި ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ އޮސްޓްރިއާއިންނެވެ. މެޗްގެ 18ވަނަ މިނެޓްގައި އެޓީމުން މެޗްގައި ލީޑްނެގިއިރު، މިލަނޑުގެ ކުރިންވެސް އޮސްޓްރިއާއަށްވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބި ބޭކާރުވެގެން ގޮސްފައެވެ. އޮސްޓްރިއާއަށް ލީޑް ނަގާދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓެފަން ލައިނާއެވެ. ލައިނާގެ މިލަނޑަށްފަހު އޭނާވަނީ ޑެންމާކްއާއި ފިންލެންޑް ބައްދަލުކުރި މެޗްގައި ހާޓް އެޓޭކެއް ޖެހިގެން ދަނޑުމައްޗަށް ވެއްޓުނު ޑެންމާކްގެ ތަރި ކްރިސްޓިއަން އެރިކްސަންއަށް ޚާއްސަ މެސެޖެއްވެސް ދީފައެވެ. އެރިކްސަންގެ ހާލު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ.

އޮސްޓްރިއާއިން ފުރަތަމަ ލަނޑުޖެހިތާ 12 މިނެޓުފަހުން ނޯތު މެސަޑޯނިއާއިންވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އޮސްޓްރިއާގެ ކުޅުންތެރިން ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގާ މިލަނޑު ނޯތު މެސަޑޯނިއާއަށް ކާމިޔާބުކޮށްދިނީ މެސަޑޯނިއާގެ ކެޕްޓަން ގޯރާން ޕާންޑޭވްއެވެ.

މެޗްގެ ދެވަނަ ހާފްގައި އޮސްޓްރިއާއިން ގެނައި ދެ ބަދަލުގެ ފައިދާ ވަރަށް ބޮޑަށް އެޓީމަށް ކުރަމުންދިޔަތަން ފެނިގެންދިޔައެވެ. މެޗްގައި ދެވަނަ ފަހަރަށް އޮސްޓްރިއާއިން ލީޑްނެގީ ގްރިގޯރިޓްޗް ޖެހި ލަނޑުންނެވެ. މިލަނޑުގައި އޮސްޓްރިއާގެ ކެންޓަން އަލަބާގެ ހިއްސާ ބޮޑުކަން ފާހަގަކޮށްލެވެއެވެ. އޮސްޓްރިއާގެ ފަހު ލަނޑުޖެހީ ނޯތު މެސަޑޯނިއާގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު، މެޗްގެ ދެވަނަ ހާފްގައި ބަދަލު ކުރުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް، އާނައޮޓޮވިޗްއެވެ. މިމޮޅާއެކު އޮސްޓްރިއާގެ ކުޅުންތެރިންނާއި އޮފިޝަލުންވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.