ކޮވިޑް ބަލީގައި އޮތް އެންމެ މުހިންމު ހަތިޔާރަކީ ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިންއެވެ. ބަލި ޖެހުނު ނަމަވެސް، ވެކްސިންގެ ސަބަބުން ބަލީގަ ހަށިގަނޑަށް ލިބޭ ގެއްލުންތައް ކުޑަކޮށްދެއެވެ. ކޯވިޑްގައި ނިޔާވި މީހުންގެ މަޢުލޫމާތު އެއްކޮށް ރާއްޖޭގައި ހެދި ދިރާސާއިންވެސް މިކަން ހާމަވެގެންދެއެވެ.
ކޮވިޑުން ދިފާއުވުމަށް ހަދާފައިވާ ވެކްސިންގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ބަލީގަ މީހާއަށް ކުރިމަތިވާ އުނދަގޫތަކާ، އަދި ހަށިގަނޑުގައި ހުންނަ އެހެނިހެން ބަލިތައް އިތުރަށް ގޯސްނުވެ ރައްކާތެރިކޮށްދޭ ބާރަކަށް ވެއެވެ.
ކޮވިޑް ބަލީގައި ރާއްޖޭގެ ޙާލަތު އެންމެ ގޯސްވީ މިދިޔަ 5 ހަފްތާގައެވެ. މި މުއްދަތުގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 111 މީހުން ވަނީ ނިޔާވެފައެވެ. މިއީ ރާއްޖެފަދަ ކުޑަ އަބާދީއަކާ އަޅާބަލާއިރު ބޮޑު އަދަދެކެވެ. ނިޔާވި މީހުންގެ ޙާލަތާ ގުޅޭ ދިރާސާއެއް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް ޓެޑް ޓީމުން ވަނީ ހަދާފައެވެ.
އެޗްޕީއޭގެ މި ދިރާސާގައި އެންމެ ބޮޑަށް ޓެގް ޓީމުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ގިނަ ބަޔަކު ވެކްސިންގެ ފުރަތަމަ ޑޯޒްވެސް ފުރިހަމަކޮށްފައި ނެތުމެވެ. އެއްކޮށްފައިވާ މަޢުލޫމާތުން ދެއްކި ގޮތުގައި، މި މުއްދަތުގައި ބަލީގައި ނިޔާވި 111 މީހުންގެ ތެރެއިން 68 މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައެއް ނެތެވެ. ނިޔާވި މީހުންގެތެރެއިން 24 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 8 މީހުން ވެކްސިންގެ ދެ ޑޯޒްވެސް ޖަހާފައިވެއެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު ބަލީގައި ގިނައިން ނިޔާވެފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ. މީގެތޭގައި 65 އަހަރުން މަތީގެ 68 މީހުން ނިޔާވެފަވެއެވެ. އަދި 40 އަހަރާއި 64 އަހަރުގެ 35 މީހުން ހިމެނެއެވެ. މި މުއްދަތުގައި 40 އަހަރުން ދަށުގެ 8 މީހުން ވަނީ ނިޔާވެފައެވެ.
އުމުރުން ދުވަސްވީ މީހުންގެ މެދުގައި ބަލީގެ ހައިރިސްކް މައްސަލަތައްވެސް އިތުރެވެ. ނިޔާވި 80 އިންސައްތަ މީހުންނަކީ އެކި ކަހަލަ ދާއިމީ ބަލިތަކުގައި ފަރުވާ ހޯދަމުންދާ މީހުންނެވެ. މީގެތެރޭގައި ލޭމައްޗަށް ދިއުމާ ހަކުރު ބައްޔާއި ހިތުގެ ބައްޔާއި ކިޑްނީއާ ސްޓްރޯކްގެ މައްސަލަތަކަކީ ނިޔާވި މީހުންގެ މެދުގައި އެންމެ އާއްމު ބަލިތަކެވެ.
ހައިރިސްކް މީހުން ބައްޔާމެދު އިތުރަށް ފަރުވާ ބަހައްޓަންޖެހޭކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. އެގޮތުން އަމިއްލަ އިސްނެގުމުގައި ވެކްސިން ޖެހުމާއި އަދި އެފަދަ މީހުންނަށް އާއިލާގެ މީހުން ބާރު އަޅައިގެން ވެކްސިން ޖެހުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ.
އެޗްޕީއޭއިން ވަނީ ގޭގޭގައި ދާންމަތިވެފައިވާ މީހުންނަށްވެސް ވެކްސިން ޖެހޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.
މިއަހަރުގެ ފެބްރުއަރީމަހު ރާއްޖޭގަ ވެކްސިން ޖަހަން ފެށީ ކޮވިޝީލްޑް ވެކްސިނާއެކުއެވެ. އަދި ފަހުން އިތުރު 4 ވެކްސިނަކަށް ރާއްޖެއިން ހުއްދަ ދީފައިވާއިރު، ދެ ވައްތަރެއްގެ ވެކްސިން މިހާރުވެސް ރާއްޖެއިން ލިބެން އެބަހުއްޓެވެ. ވެކްސިން ނުޖަހާ މީހުންނާއި އަދި ޚާއްސަކޮށް ހައިރިސްކް މީހުން ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށް ސިއްޙީ މާހިރުން ދަނީ އިލްތިމާސްކުރަމުންނެވެ.