ޚަބަރު

ކޯވިޑް-19 : މާލެ ސަރަޙައްދުން ޕޮޒިޓިވްވި ޢަދަދު 100އިން ދަށުގައި!


މާލެ ސަރަޙައްދުން ކޯވިޑްއަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ގިނަ ދުވަސްތަކަކަށްފަހު 100 އިން ދަށަށް ޖެހިލައިފިއެވެ.

މިއަދު މިބައްޔަށް މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައި ވަނީ 88 މީހުންނެވެ. އެހެންނަމަވެސް ބައްޔަށް ފަރުވާ މިވަގުތު ހޯދަމުންދާ މީހުންގެ ޢަދަދު ވަނީ 11 ހާހުން މައްޗަށް ގޮސްފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާއިރު ހުކުރުދުވަހު އިރުއޮއްސި 6:00 އިން ފެށިގެން ހޮނިހިރުދުވަހުގެ އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް ރާއްޖެއިން ކޯވިޑްއަށް ޕޮޒިޓިވްވެފައިވަނީ 246 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 88 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 137 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 13 މީހަކާއި ހަދަމުން އަންނަ ރަށްތަކުން ޕޮޒިޓިވްވި 8 މީހެކެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ޕޮޒިޓިވްވީ މީހުންނާއެކު މިވަގުތު ރާއްޖޭގައި ބަލިޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވަނީ 11041އަށް އަރާފައެވެ. މީގެތެރެއިން 97 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ. މިހާތަނަށް މިބަލި ޖެހުނު މީހުންގެ ޢަދަދުވަނީ 70077އަށް އަރާފައެވެ.

މީގެތެރެއިން 58832 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މީގެތެރެއިން 2273 މީހުންނަކީ ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި ރަނގަޅުވީ މީހުންކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4788 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.

ބަލި ޖެހިގެން މިހާތަނަށް 195 މީހަކު ނިޔާވެފައިވާއިރު މީގެތެރެއިން 3 މީހުން ނިޔާވެފައިވަނީ ހޮނިހިރުދުވަހުގައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުގައި ނިޔާވި ދެމީހަކާއި ލ.އަތޮޅު ކޯވިޑް ފެސިލިޓީގައި ނިޔާވި މީހެކެވެ. ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 178 ދިވެހިންނާއި 17 ބިދޭސީންނެވެ.