ކުޅިވަރު

ވޭލްސް އާއި ސްވިޒަލެންޑުން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ވޭލްސް އާއި ސްވިޒަލެންޑް ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެއެވެ. މިމެޗް ނިމިފައިވަނީ 1 ލަނޑު 1 ލަނޑުންނެވެ.

ބޮޑު މުބާރާތެއްގައި މިދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗްގެ ކުރީކޮޅުގައި ވޭލްސްއިން ރަގަނޅަށް ކުޅުނު ނަމަވެސް، ނުރައްކާތެރި ގިނަ ހަމަލާތަށް އުފައްދާފައިވަނީ ސްވިޒަލޭންޑުންނެވެ. މެޗްގެ 16ވަނަ މިނެޓްގައި ވޭލްސްގެ ކެއިފާ މޯ ބޮލުން ގޯލާއި ދިމާލަށް ފޮނުވާލި ހަމަލާ ވަނީ ސްވިޒަލެންޑްގެ ގޯލް ކީޕަރު ޔެސް ސޮމާ މަތަކޮށްފައެވެ.

މެޗްގެ ފުރަތަމަ ހާފްގެ 15 މިނެޓާއި ހަމައަށް ވޭލްސްއިން ރަގަނޅު ކުޅުމެއް ދެއްކިނަމަވެސް، ދެން ފެނިގެންދިޔައީ ސްވިޒަލެންޑް ޓީމުން މެޗްގެ ކޮންޓްރޯލް ނެގިތަނެވެ. މެޗްގެ 20ވަނަ މިނެޓުގައި ފަބިއަން ޝެއާ ފޮނުވާލި ބޯޅަ ވަނީ ވޭލްސްގެ ކީޕަރު ޑެނީ ވޯޑް މަތަކޮށްފައެވެ. މެޗްގެ ކުރީކޮޅިގައި ވޭލްސްގެ ގެރެތް ބޭލް އާއި ޖޭމްސްގެ ކޮންބިނޭޝަން މާބޮޑަށް ފެނިގެން ނުދިޔަނަމަވެސް، މެޗްގެ ދެވަނަ ހާފްގައި ބޭލް އާއި ޖޭމްސްގެ ކޮންބިނޭޝަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި މެޗުގެ ފުރަތަމަ ހާފް ނިންމާލިއިރު، ދެވަނަ ހާފްގެ ވަރަށް ކުރީކޮޅުގައި ސްވިޒަލެންޑުންވަނީ ލަނޑެއްޖަހައި މެޗްގެ ލީޑް ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރީލް އެމްބޯލޯއެވެ.

މިލަނޑާއެކު ވޭލްސްއިން ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށް، ކުރިއަށް ޖެހިގެން ގޯލެއް ޖެހުމަށް މަސައްކަތް ކުރިއެވެ. ވޭލްސްއަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ކުރަމުންދިޔަ މަސައްކަތަށް ނިމުމެއް އައިސްފައި ވަނީ މެޗްގެ 74ވަނަ މިނެޓުގައެވެ. މިލަނޑު ވޭލްސްއަށް ކާމިޔާބުކޮށްދިނީ މޯއެވެ. މެޗްގެ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސްވިޒަލެންޑްގެ ފޯވާޑް މާރިއޯ ގަވްރަނޯވިޗް ވަނީ ގޯލެއް ޖަހައިފައެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު، ގަވްރަނޯވިޗް އޮފް ސައިޑްގައި ހުރުމުން، ރެފްރީވަނީ އެއީ ލަނޑެއް ނޫންކަމަށް ނިންމާފައެވެ.

ގުރޫފް އޭގެ އެއް ވަނައިގައި މިވަގުތު އޮތީ ރޭ ތުރުކީ ބަލިކުރި އިޓަލީއެވެ. 2ވަނައިގައި އޮތް ސްވިޒަލެންޑާއި 3ވަނައިގައި އޮތް ވޭލްސް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މި ގުރޫޕްގެ އެންމެ ފުލުގައި އޮތް ތުރުކީ އަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.