ތަޢުލީމު

ދަސްވާރު ޕްރޮގްރާމުން ދަސްވެނިވި ކުދިންގެ %56 ތިބީ ވަޒީފާގައި


އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން ހިންގަމުން އަންނަ "ދަސްވާރު" ޕްރޮގްރާމުން ފާއިތުވެދިޔަ 2 އަހަރު ތަމްރީން ހާސިލްކުރި ދަރިވަރުންގެ ތެރެއިން %56 ދަރިވަރުން ތިބީ ވަޒީފާގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.މިނިސްޓަރ މިހެން ވިދާޅުވީ 2014 ވަނަ އަހަރު ހިންގަންފެށި ދަސްވާރު ޕްރޮގްރާމްގެ ކާމިޔާބީ ފާހަގަކުރުމަށްޓަކައި އިސްލާމިކް ޔުނިވާސިޓީގައިރޭ ބޭއްވި ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.2014 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ދަސްވާރު ޕްރޮގްރާމަކީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ.ގްރޭޑް ދިހައެއްގެ ދަރިވަރުންނަށާއި، ޒުވާނުންނަށް އަމާޒުކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދަވާ ދަސްވާރު ޕްރޮގްރާމް ކުރިއަށްދަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ދަރިވަރުންނަށް އެދަރިވަރުން ޚިޔާރުކޮށްފައިވާ ކޯހަކާއި ގުޅޭގޮތުން ތަމްރީން ދެވެއެވެ. އަދި ދެވަނަ މަރުހަލާގައި ދަރިވަރުން އެކި މުއައްސަސާތަކުގައި އިންޓަރންޝިޕް ނުވަތަ ދަސްވަރުކަން ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ.ދަސްވާރު ޕްރޮގްރާމްގެ ކޯސްތައް ފުރިހަމަކުރުމުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސަނަދެއް ދަރިވަރުންނަށް ލިބިގެންދެއެވެ.ދަސްވާރު ޕްރޮގްރާމްގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވިދާޅުވީ ފަތުރުވެރިކަމާއި ވިޔަފާރިއާއި މިނޫންވެސް ތަފާތު ސިނާއަތްތައް ފުޅާވަމުންދާއިރު މީގެން ކޮންމެ ސިނާއަތަކުންވެސް އުފެދޭ ވަޒީފާތަކަކީ ދިވެހި ޒުވާނުންގެ ހައްޤެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ފުޅާވަމުން އަންނަ ތަފާތު ސިނާއަތްތަކަށް ބޭނުންވާ ދިވެހިން ތަމްރީނުކުރުމަކީ ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ވަޒީފާގެ ބާޒާރަށް ޤާބިލު ދިވެހިން ނެރުމަށްޓަކައި މީހުން އުފެއްދުމަށް ސަރުކާރުން ފެށި މަސައްކަތަށް ކުންފުނިތަކުގެ އެހީތެރިކަން އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން ދެހާސްސާދަވަނަ އަހަރު 35 ކުންފުންޏަކުން އެހީތެރިވެފައިވާއިރު މިއަހަރު 40 ކުންފުނިން އެހީތެރިވެފައިވާކަމަށް އެކަމަނާ ވިދާޅުވިއެވެ.އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ ގްރޭޑް ދިހައެއްގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން މަސައްކަތްތެރިކަމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ދަރިވަރުންނަށްއެ ފުރުސަތު ދެވިއްޖެނަމަ އެދަރިވަރުންގެ މުސްތަޤްބަލް އުޖާލާކުރެވިދާނެ ކަމަށެވެ. ދަސްވާރު ޕްރޮގްރާމްގެ ދެވަނަ ބުރުގައި 168 ދަރިވަރުންވަނީ ދަސްވެނިވެފައެވެ.