ޚަބަރު

ކުޅުދުށްފުށިން މާލެ ދަތުރުކުރާ ދެ ބޯޓުންވެސް ކްލަސްޓަރތަކެއް


މޮނީޓަރުންގެ ހާލަތުގައި އޮތް ކުޅުދުށްފުށިން އިތުރު 10 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއި އެކު މިވަގުތު މިބަލީގައި އެރަށުން 23 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ކުޅުދުށްފުށީ ސީކުއީން ބޯޓްގެ ފަޅުވެރިޔަކު ކޯވިޑަށް ޕޮޒިޓިވްވެ އެރަށް އަނެއްކާވެސް މިމަހުގެ 10 ވަނަދުވަހު މޮނީޓަރިންނަށް ލާފައެވެ. މި ފަޅުވެރިޔާ ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ބަލީގެ އަލާމަތްތައް ފެނިގެން ރަށު ޕްލޫ ކްލިނިކަށް ދެއްކުމުންނެވެ. މި މީހާ ކޯވިޑަށް ޕޮޒިޓިވްވުމުން ރަށު ޓާސްކް ފޯސްގެ ޓީމުންވަނީ އެރަށަށް މާލެ ދަތުރުކުރާ ހުރިހާ ބޯޓް ފަހަރެއްގެ ފަޅުވެރިންގެ ސާމްޕަލް ނަގަން ނިންމާފައެވެ.

މި ނިންމުމާއި އެކު އެ ޓީމުންވަނީ ސީކުއީން ބޯޓުން ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ސާމްޕަލަތައް ނަގާފައެވެ. މީގެތެރެއިން 6 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެއިތުރުން އިއްޔެ ރަށަށް ލެފި ބަހާދަރު ބޯޓްގެ ހުރިހާ ފަޅުވެރިންގެވެސް ސާމްޕަލްވަނީ ނަގާފައެވެ. މީގެތެރެއިން 4 މީހަކު މި ބައްޔަށް ޕޮޒިޓްވެވެފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު ހެލްތް ސާރވިސަސް އަހުމަދު ދާއޫދު ވިދާޅުވިއެވެ. އަދި ބާކީ ތިބި ހުރިހާ ފަޅުވެރިން ކަރަންޓީނަށް ލާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" މި ދެ ބޯޓުގެ ޕޮޒިޓިވް ކޭސްތަކާއެކު، ރަށުގެ ރައްޔިތުން އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ވަނީ އިލްތިމާސްކޮށްފައި. އެގޮތުން މާސްކު އަޅައިގެން އުޅުމާއި، ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމާއި، އެ މީހަކާ ކޮންޓެކްޓްވާ މީހުންގެ އަދަދު ވީހާ ވެސް މަދު ކުރުމަށް ނަސޭހަތްތެރިވެފައި." ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވިއެވެ.

ސީކުއީން ކުލަސްޓަރ އާއި ގުޅިގެން މިހާތަނަށް 9 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ބަހާދަރު ބޯޓްގެ 4 މީހުންނާއެކު ޖުމްލަ ޕޮޒިޓިވްވި އަދަދު މިވަނީ 13 އަށް އަރާފަ އެވެ. މިހާތަނަށް 69 ފަރާތެއް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު 28 ގެއެއް ވަނީ މޮނިޓަރިނަށް ލާފަ އެވެ.