ވިޔަފާރި

ނ.މެދުފަރުގައި ތަރައްޤީކުރާ ރިސޯޓް 2016ގެ އޮކްޓޯބަރގައި ހުޅުވަނީ


ސޮނޭވާ ގުރޫޕްގެ ފަރާތުން ނ.އަތޮޅު މެދުފަރުގައި
ތަރައްޤީކުރާ ރިސޯޓް އަންނަ އަހަރުގެ އޮކްޓޯބަރ މަސްތެރޭ ހުޅުވުމަށް ހަމަޖެހިފައިވާ
ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.



ސިންގަރޕޫރުގެ ' ދަ ސްޓްރެއިޓްސް ޓައިމްސް' ގައި ވާ ގޮތުން
'ސޮނޭވާ ޖަނީ'ގެ ނަމުގައި ތަރައްޤީކުރާ މި ރިސޯޓްގައި ޖުމްލަ 57 ވިލާ ހުންނަ އިރު،
އޭގެ ތެރެއިން 24 ވިލާ އަކީ މޫދު ވިލާތައް ކަމަށާއި، މި ވިލާތަކަށް ދެވޭނީ
ބޯޓްތަކުގައި ކަމަށެވެ.





މީގެ އިތުރުން ސޮނޭވާ ރިސޯޓްގެ ފުރަތަމަ ' ބޯޓް ވިލާ'
އަންނަ މަހު ރާއްޖޭގައި ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ' ދަ ސްޓްރެއިޓްސް
ޓައިމްސް' ގައިވެއެވެ.



ސޮނޭވާ ގުރޫޕްގެ ފަރާތުން' ބޯޓް ވިލާ' މި ޙިދުމަތް
ދުނިޔޭގެ އެކި ހިސާބްތަކަށް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ އިރު އެކުންފުނިން
އެއްމެ ފުރަތަމަ މި 'ބޯޓް ވިލާ' ކޮންސެޕްޓް ތައާރަފްކުރާ ޤައުމަކީ ރާއްޖެކަން
ފާހަގަކޮށްލެވެއެވެ.



ބޯޓް ވިލާއެއްގެ ގޮތުގައި ބޭނުން ކުރާ ޔޮޓަށް ކިޔުމަށް
ހަމަޖެހިފައިވާ ނަމަކީ ' ސޮނޭވާ އިން އަކުއާރ'އެވެ.  މި ޔޮޓްގައި އެއް ފަހަރާ އެއްމެ ގިނަ ވެގެން
ޙިދުމަތް ދެވޭނީ 4 މީހުންނަށް ކަމަށާއި މި ޔޮޓްގައި ރެއަކަށް ޗާޖު ކުރާނީ 5000
ޑޮލަރު ކަމަށްވެސް ސޮނޭވާ ގުރޫޕުން ހާމަކުރެއެވެ.