ޚަބަރު

މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދަނީ


މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވާ އަންގާރަ ދުވަހުއެވެ. އަދި މި ބައްދަލުވުން ކުރިއަށްދާނީ ޒޫމް މެދުވެރިކޮށް އޮންލައިންކޮށެވެ.

މާލޭގެ ބިން ހެޔޮގޮތުގައި ބޭނުންކުރުމާއި ބެހޭ ޕްލޭން ނުވަތަ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ސިޓީ ކައުންސިލުން އޮންލައިންކޮށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމަށް ސިޓީ ކައުންސިލުން ވަނީ ދަޢުވަތު އަރުވާފައެވެ. އަދި މިމަހުގެ 15 ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައި ބާއްވާ މި ބައްދަލުވުމުގެ ލިންކް ސިޓީ ކައުންސިލުން މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރައްވާފައެވެ.

މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ބައްދަލުވުމުގައި ބައިވެރިވުމަށް ލޮގް-އިން ވާ ރައްޔިތުންނަށް މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނާގުޅޭގޮތުން ދޭން ބޭނުންވާ ޚިޔާލާއި ލަފާ ޗެޓް މެދުވެރިކޮށް ފޮނުވޭނެކަމަށެވެ. އަދި ވަގުތު އޮތް މިންވަރަކުން ބައްދަލުވުމުގައި ވާހަކަދެއްކުމުގެ ފުރުޞަތުވެސް އާއްމުންނަށް ދެއްވާނެކަމަށް މޭޔަރ ވިދާޅުވިއެވެ. މި ބައްދަލުވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލާއި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގުޅިގެންކަމަށްވެސް މޭޔަރ ވަނީ ވިދާޅުވެފައެވެ.

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ސިޓީ ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ސިޓީގައި ނުވަތަ ސިޓީގައި ހިމެނޭ އަވަށް އަވަށުގެ ބޯޑުން ރައްޔިތުންގެ ބައިވެރިވުމާއެކު ތައްޔާރުކޮށް، ސިޓީ ކައުންސިލަށް ހުށަހަޅާ ތަރައްޤީގެ ޕްލޭންތަކުގެ މައްޗަށް ބިނާކޮށް ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން ސިޓީ ކައުންސިލްގެ މަޝްވަރާގެ މަތިން އެކަށައަޅައި މުޅި ސިޓީގެ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކޮށްގެން ތަރައްޤީގެ މަޝްރޫޢުތައް ރޭވުމާއި، ބަޖެޓް ތައްޔާރުކުރުމާއި، ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒުކުރުން ހިމެނެއެވެ. އަދި ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ރާވައި ހިންގުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށް ރައްޔިތުންގެ ފަރާތުން ލަފަޔާއި މަޝްވަރާ ދިނުމާއި، ސަރުކާރުގެ މިނިސްޓްރީތަކުން ކައުންސިލްގައި ހިންގާ މަޝްރޫޢުތައް ހިނގާނުހިނގާގޮތް ބެލުމުގައި އެހީތެރިވެދީ، އެ މިނިސްޓްރީތަކަށް ޖަވާބުދާރީވެ، އެ މިނިސްޓްރީތަކުން ކަނޑައަޅާގޮތަކަށް ޤަވާއިދުން ރިޕޯޓް ހުށަހެޅުން ހިމެނެއެވެ.

މީގެ އިތުރުން ސިޓީއާއި ސީޓީގައި ހިމެނޭ އަވަށް އަވަށުގެ ބިމާއި ސިޓީ ކައުންސިލްގެ ސަރަޙައްދުތެރޭގައި ހިމެނޭ ރަށްރަށުގެ ބިން ބޭނުންކުރުމާބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި އަވަށު އޮފީސްތަކުގެ މަޝްވަރާއާއެއްގޮތަށް ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަކީވެސް ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.